ހުޅުމާލެ

ލިސްޓުގައި ނުހިމެނޭ 577 މީހަކަށް ސަރުކާރުން ފްލެޓް ދޭން ނިންމާފައިވާކަމަށް އެމްޑީޕީން ބުނާބުނުން ދޮގުކޮށްފި!

ލިސްޓުގައި ނުހިމެނޭ 577 މީހަކަށް މި ސަރުކާރުން ފްލެޓް ދޭން ނިންމާފައިވާކަމަށް އެމްޑީޕީން ބުނާބުނުން ސަރުކާރުން ދޮގުކޮށްފިއެވެ.

އެމްޑީޕީން މިއަދު ބުނީ މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި 4،000 މީހުންގެ ލިސްޓުން ބޭރުން 577 މީހަކަށް މި ސަރުކާރުން އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ދޭން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ މި ސަރުކާރުން 4،000 މީހުންގެ ލިސްޓު އެކަނި ރިވިއު ކުރާނެ ކަމަށް ބުނެ، އޭގެ ބޭރުން ސަރުކާރުން ބެނުންވާ 577 މީހަކަށް ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް މި ތުހުމަތުތައް ދޮގުކުރައްވާ ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިއުލާންކުރި ފްލެޓް ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ގޮތުގައި ކަނޑައަޅާފައި ނެތް މީހަކަށް މި ފަހަރު އާންމުކުރި ލިސްޓުގައި ވެސް ފްލެޓް ދީފައި ނުވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓު މިދިޔަ ހަފުތާގެ ބުރާސްފަތީގައި އާންމުކޮށްފައިވާއިރު، އުސޫލާ ޚިލާފަށް ފްލެޓް ދީފައި ނުވާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑ.ޗެއާޕާސަން އިބުރާހީމް ވަޙީދު ބުނީ އެމްޑީޕީގެ ސަރުކާރުގައި ފްލެޓު ދިން މީހުންގެ ތެރެއިން ބާކީކޮށްލި މީހުންނަށް ވަކާލާތު ކޮށްގެން ވެސް މި ސަރުކާރުގައި ފްލެޓު ދެވޭ ގޮތް ނުވެއްޖެނަމަ، އަންނަ އެމްޑީޕީގެ ވެރިކަމެއްގައި އަޅާ ފްލެޓްތަކުން އެ މީހުންނަށް އިސްކަން ދޭނެ ކަމަށެވެ. އަދި އެފަރާތްތަކުން ޝަކުވާ ހުށަހަޅަން ޕޯޓަލްއެއް ވެސް އެމްޑީޕީން މިއަދު ވަނީ ލޯންޗްކޮށްފައެވެ.

ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނީ 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ލިސްޓުގައި ނެތް ފަރާތެއް ލިސްޓުގައި ހިމަނާފައި ނުވާނެ ކަމަށާ މި ސަރުކާރުން ނެރުނު ލިސްޓަކީ ސަރުކާރުން އެކުލަވާލި ލިސްޓުގެ ވެރިފިކޭޝަނެއް ކަމަށާ އެ ލިސްޓުގައި ނުހިމެނޭ ފަރާތެއްގެ ފޯމު ބަލައި އިތުރުކޮށްފައި ނުވާނެ ކަމަށެވެ.

އެ ވުޒާރާއިން ބުނީ މި ފަހަރު ފްލެޓް ލިބޭ ކަމަށް ކަނޑައެޅި ފޯމުތައް ވެރިފައި ކުރީ އޭސީސީގެ އެންގުމަށް ކަމަށެވެ.

އެމްޑީޕީއަށް ރައްދު ދެމުން ހައުސިން މިނިސްޓްރީން ބުނީ 2023 ގެ ޓްރާންސިޝަން މަރުހަލާގައި ހުރިހާ ކަމެއް ހޭންޑްއޯވާ ކޮށްފައި ނުވާ ކަމަށާ އޭރުގެ ހައުސިންގ މިނިސްޓްރީން ވަނީ މައުލޫމާތު ދިނުމަށް ދެކޮޅު ހަދާފައި ކަމަށާ ވެރިކަން ބަދަލުވާން ދެ ދުވަހަށް ވެފައި އޮއްވައި، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް ނެރެ، އެ މީހުންނާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި އެގޮތަށް އެކަން އެމްޑީޕީ ސަރުކާރުން ކުރީ ވެސް ނުކުރުމަށް އެދިފައިވަނިކޮށް ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.

advertisement
ހިޔާލު ދެއްވާ!