ރަސޫލާ ﷺ ގެ ޙަޔާތްޕުޅުން ރަމަޟާން މަހުން ދުވަހެއް

މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކުރާ ސުވާލެކެވެ. އަހުރެމެންގެ ކައު ރަސޫލާ ރަމަޟާން މަހުގައި ދުވަސްތައް ހޭދަކުރެއްވީ ކިހިނެއްހެއްޔެވެ؟ ރޯދަ ކުރުކުރެއްވީ ކިހިނެއްހެއްޔެވެ؟ ރޯދަފުޅުވިއްލެވީ ކޮން ކަހަލަ އިފުޠާރަކުން ހެއްޔެވެ؟ހާރަށް ފަރިއްކުޅުއްވީ ކޮން ބާވަތެއްގެ ސުޙޫރަކުން ހެއްޔެވެ؟

ރަސޫލާ އަނެއް ދުވަހު ރޯދަހިއްޕެވުމަށް ޓަކައި ކޮންމެ ރެއަކު ރޯދައިގެ ނިޔަތް ހިތްޕުޅަށް އަރުއްވަވައެވެ. ހާރު ފަރީއްކުޅުއްވައިފައި ވަނީ ކޮންމެ ރެއަކު ފަތިސްނަމާދަށް ވަޑައިގަތުމުގެ ކުރިން ކޮންމެވެސް އެއް އަނބިކަނބަކާއެކުގައެވެ. ބައެއްފަހަރަށް ކަދުރުކޮޅަކުންނާއި ފެންފޮދަކުންނެވެ. ނުވަތަ މަދު ކާއެތިކޮޅަކުންނާއި ފެންފޮދަކުންނެވެ. ބައެއް ރޭރޭ ބައެއް ޞަޙާބީންގެ އަރިހުގައި ހާރުފަރިއްކުޅުއްވައިފައި ވެއެވެ. ޞައްޙަ ރިވާޔަތްތަކުން އެނގޭގޮތުގައި އެކަލޭގެފާނު ޒައިދު ބުނު ޙާރިޘާގެ އަރިހުގައި ހާރު ފަރިއްކުޅުއްވިއެވެ. ހާރުފަރިއްކުޅުއްވައިގެން ފަތިސް ނަމާދަށް ވަޑައިގަންނަވައެވެ. ހާރު ފަރިއްކުޅުއްވުމާ ފަތިސްނަމާދާ ދެމެދުގައި ފާއިތުވެފައި ވަނީ ފަންސާހަކަށް އާޔަތް ކިޔެވޭހައި ވަގުތުކޮޅެކެވެ. ބައެއް ރޭރޭ ހާރުފަރިއްކުޅުއްވައިގެން ފަތިސް ނަމާދަށް ބިލާލުގެފާނު ބަންގިދެއްވަންދެން ކޮޓަރިކޮޅުގައި މަޑުކުރައްވައެވެ. ބިލާލުގެފާނު ފަތިސް ނަމާދަށް ގަމަތް ދެއްވުމުން ކޮޓަރިކޮޅުން ނުކުމެވަޑައިގެން މިސްކިތަށް  ވަޑައިގެން، ފަތިސްނަމާދު އިމާމުވެ ކުރައްވައެވެ. ނަމާދުފުޅު ކުރައްވައިގެން އިރުއަރައްޖައުމަށް ދާންދެން މިސްކިތުގައި ޒިކުރުކުރައްވަން އިންނަވައެވެ. އެއަށްފަހު ވިއްސަކަށް މިނެޓު އިރު ފަހުން ދެ ރަކްޢަތް ކުރައްވައެވެ. ކައު ރަސޫލާޙަދީސްކުރައްވައިފައިވާ ގޮތުގައި މި ގޮތަށް ޢަމަލުކުރާމީހާއަށް ފުރިހަމަ ޙައްޖަކާއި ޢުމުރާއެއް ވުމުގެ ސަވާބު ދެއްވާނެތެވެ.

ރަސޫލާ އަނބިއަނބިކަނބަލުންގެ ކޮޓަރިކޮޅުތަކުގައި އެ ކަނބަލުންނާއެކު ގޭތެރޭގެ މަސައްކަތްތައް ކުރައްވައެވެ. އެކަނބަލުންނާއެކު ސަމާސާކުރައްވާ ހައްދަވައެވެ. އަދި ރޯދަފުޅަށް ހުންނަވާ އިރުގައި އެކަނބަލުންނަށް ދޮންދެއްވައެވެ. އެހެނަސް މިއީ އެކަލޭގެފާނަށް ޚާއްޞަ ކަމެކެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ނަފުސު ކޮންޓްރޯލްކުރެއްވުމުގެ ބާރު ﷲ ދެއްވައިފައިވާތީއެވެ.

އިރު އޮއްސުމުގެ ތަންކޮޅެއް ކުރިން ހަވީރުގެ ދުޢާތައް ވިދާޅުވެ ޒިކުރުކުރައްވައެވެ. އިރުއޮއްސި މަޣްރިބު ނަމާދަށް ބަންގި ދިނުމުން ރޯދަފުޅު ވީއްލެވުމަށް ޓަކައި ހުރި އެއްޗެއް ގެނެސްދެއްވުމަށް އަނބިއަނބިކަނބަލުންނަށް ދަންނަވައެވެ. ނަމާދު ކުރެއްވުމުގެ ކުރިން ރޯދަފުޅުވީއްލަވައެވެ. ޢާންމު ގޮތެއްގައި ރޯދަފުޅުވީއްލަވަނީ ކަދުރުކޮޅަކުންނެވެ. ނުވަތަ ފެންފޮދަކުންނެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބުނު މާލިކުގެފާނު ވިދާޅުވިއެވެ. ((ރަސޫލާ މަޣްރިބު ނަމާދު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވައެވެ. ރޯދަފުޅުވީއްލަވަނީ ރޯކަދުރުންނެވެ. ރޯކަދުރުކޮޅެއްނެތްނަމަ ހިކި ކަދުރުންނެވެ. ހިކި ކަދުރުކޮޅެއް ލިބިވަޑައިނުގަންނަވައިފިނަމަ ފެންފޮދަކުންނެވެ.))

ރޯދަފުޅުވީއްލެވުމަށް ފަހު މިސްކިތަށް ވަޑައިގެން މަޣްރިބު ނަމާދު ކުރެއްވުމަށް ފަހު ގެކޮޅަށް ވަޑައިގެން މަޣްރިބު ނަމާދުގެ ފަހު ސުންނަތް ކުރައްވައެވެ. ޢިޝާ ނަމާދަށް ބަންގި ގޮވަންދެން އަނބިއަނބިކަނބަލުންގެ އަރިހުގައި މަޑުކޮށްލައްވައެވެ. އެއަށްފަހު ޢިޝާނަމާދަށް ބަންގި ދިނުމުން ގެކޮޅުގައި އިހު ސުންނަތް ކުރައްވައެވެ. އެއަށްފަހު ޢިޝާނަމާދު ކުރައްވައެވެ. އެކަލޭގެފާނު ތިން ރޭ ތަރާވީޙު ނަމާދު މިސްކިތުގައި ކުރެއްވިއެވެ. މީސްތަކުންގެ މައްޗަށް ތަރާވީޙު ނަމާދު ފަރްޟުކުރައްވައިފާނެތީ ބިރުފުޅުން އެ ނަމާދު މިސްކިތުގައި އާދަކޮށް ނުކުރައްވައެވެ. ޢިޝާނަމާދަށް ފަހު ގެކޮޅަށް އެނބުރިވަޑައިގަންނަވައެވެ. ރޭގަނޑުގެ ނަމާދު (ދަމުނަމާދު) ވަރަށް ދިގުކޮށް ވަރަށް ފުރިހަމަކޮށް ކުރައްވައެވެ. މިހާރު ތަރާވީޙު ނަމާދު ކުރާގޮތަށް ކުރަން ހަމަޖެއްސެވީ ޢުމަރުގެފާނުގެ ޚިލާފަތުގައެވެ.

ރަސޫލުﷲގެފާނު ރޭގަނޑުގެ ނަމާދުފުޅު ކުރައްވައިގެން އަވަހާރަފުޅުލައްޕަވަނީއެވެ. ވިތުރި ކުރައްވަނީ ފަހުން ތެދުވެވަޑައިގެންނެވެ. ވިތުރި ނުކުރައްވައި އަވަހާރަފުޅު ލައްޕަވަނީތޯ ޢާއިޝަތުގެފާނު ސުވާލުކުރެއްވުމުން ޙަދީސް ކުރެއްވިއެވެ. ((އޭ!ޢާއިޝަތުގެފާނޭވެ! ތިމަންކަލޭގެފާނުގެ ދެ ލޯފުޅު ނިދިޔަސް ހިތްޕުޅެއް ނުނިދާނެތެވެ.)) ވިތުރި ދެ ގޮތަކަށް ކުރެވިދާނެއެވެ. އެއް ގޮތަކީ ނިދުމުގެ ކުރިން ކުރުމެވެ. އަނެއް ގޮތަކީ ކުޑަކޮށް ނިދައިލައިފާ ތެދުވެ ވިތުރި ކުރުމެވެ. މޮޅު އިތުރުވެގެންވަނީ ނިދައިލައިފާ ތެދުވެ ވިތުރި ކުރުމެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ. ((اجعلوا آخرَ صلاتكُم بالليلِ وِتْرا ތިޔަބައިމީހުން ރޭގަނޑު ކުރާ އެންމެ ފަހު ނަމާދު ކަމުގައި ވިތުރި ހަދާށެވެ!))

ރަސޫލާ ރަމަޟާންމަހުގެ ރޭގަނޑުގައި އަނބިފިރިކަމުގެ ގުޅުންތައް ހިންގަވައެވެ. އެއްދާނުކުރެއްވުމަށްފަހު އަވަހާރަފުޅު ލައްޕަވައިފާ ބައެއް ފަހަރަށް ތެދުވެވަޑައިގަންފައިވަނީ ފަތިސްނަމާދަށް ބަންގި ގޮވުމުންނެވެ. އެހިނދު ތެދުވެވަޑައިގެން ނާނޭފުޅުފިއްލަވައިގެން ނަމާދަށް ވަޑައިގަންނަވައެވެ. މިއިން އެނގެނީ ހިނައިނުގަނެ ޖުނުބުވެރިކަމުގެ މަތީގައި ހުރުމަކުން ރޯދަނުގެއްލޭނެކަމެވެ. އެހެނީ ރޯދައަކީ ފަތިސްވީއްސުރެ ގޮސް އިރުއޮއްސުމާ ދެމެދުގައި ކުރަންޖެހޭ އަޅުކަމެކެވެ. އެއީ ރޭގަނޑުގެ އަޅުކަމެއް ނޫނެވެ. ރޯދަވެރިޔާއަށް މަނާ ކަންތައްތައް މަނާވަނީ ދުވާލުގެ ވަގުތުތަކުގައެވެ.

ރަމަޟާން މަހު ކައު ރަސޫލާ މަޝްޣޫލުވެ ވަޑައިގެން އުޅުއްވަނީ ޤުރްއާން ކިޔަވާ ވިދާޅުވުމާއި ނަމާދުފުޅުކުރެއްވުމާއި ރޯދަފުޅުހިއްޕެވުމާއި ޞަދަޤަތްކުރެއްވުމުގައެވެ. ވަރަށް ކުޑަކޮށްނޫނީ ފަރިއްނުކުޅުއްވައެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކުން އެނގޭގޮތުގައި އެކަލޭގެފާނަށް މާތް ﷲ ފަރިއްކޮޅު ދެއްވައެވެ.

އެކަލޭގެފާނަކީ ރަމަޟާން މަހުގައި ވަރަށް ކެތްތެރި ބޭކަލެކެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ އުންމަތަށް ދަސްކޮށްދެއްވަން ބޭނުންފުޅުވާ އެއް ދަރްހަކީ ރަމަޟާން މަހަކީ މަޖާކޮށް ކައި ބޮއި ހަދަންވީ މަހެއްނޫނެވެ. މި ޒަމާނުގެ ގޭގޭގައި ރަމަޟާންމަހު ރޯދަވީއްލާށާއި ހާރަށް ތައްޔާރު ކުރާ ބޮޑެތި ކޭންތައް ހަދަންވީ މަހެއްނޫންކަމެވެ. ރަމަޟާން މަހަކީ އަޅުކަމުގެ މަހެއްކަމެވެ. އެއީ ﷲ ތަޢާލާއަށް ކިޔަމަންގަތުމުގެ މަހެއް ކަމެވެ.

ރަމަޟާން މަހުގައި ރަސޫލާ އަކީ ވަރަށް ގިނައިން ޞަދަޤާތް ކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނުގެ ދީލަތިފުޅުކަމުން އެކަލޭގެފާނު "ނަލަ ވައިރޯޅިއެއް" ކަމަށް ސިފަކުރެވެއެވެ. ފަޤީރުންނަށާއި މިސްކީނުންނަށް ހަމްދަރްދީވެވަޑައިގަންނަވާތީއެވެ. އެކަލޭގެފާނު ރަމަޟާން މަސް ސިފަކުރައްވައި ޙަދީސްކުރެއްވިއެވެ. ((صُمْ شَهْرَ الصَّبْرِ رَمَضانَ ތިބާ ކެތްތެރިކަމުގެ މައްސަރުގައި ރަމަޟާން މަހުގައި ރޯދަހިފާށެވެ!))

ނަބިއްޔާ ރަމަޟާން މަހުގެ ފަހު ދިހައިގައި މިސްކިތުގައި އިޢުތިކާފަށް އިންނެވިއެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ފަހު އަހަރުގެ ރަމަޟާން މަހުގައި ވިހި ދުވަހު އިޢުތިކާފު ކުރެއްވިއެވެ. ރަމަޟާން މަހުގެ ފަހުކޮޅުގައި އަޅުކަން ކުރެއްވުން އިތުރުކުރެއްވިއެވެ. ލައިލަތުލްޤަދްރި ވިލޭރޭ ލިބިވަޑައިގަންނަވާތޯ އެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ.((تَحَرَّوْا لَيْلَةَ القَدْرِ في العَشْرِ الأواخِرِ مِن رَمَضانَތިޔަބައިމީހުން ރަމަޟާން މަހުގެ ފަހުދިހައިގައި ލައިލަތުލްޤަދްރި ލިބޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ.))

ލައިލަތުލްޤަދްރި ވިލޭރެއަކީ ކޮން ރެއެއް ކަމެއް ނޭގެއެވެ. އެނގޭ ގޮތުގައި އެއީ ރަމަޟާން މަހުގެ ރެއެކެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި އެ ރޭ ވަނީ ރަމަޟާންމަހުގެ ފަހު ދިހައިގައެވެ. رسول الله صلى الله عليه وسلمޙަދީސްކުރެއްވިއެވެ. (( تَحَرَّوا لَيْلَةَ القَدْرِ فِى الوِتْرِ مِنَالْعَشْرِ الأَوَاخِر مِن رمضان – ތިޔަބައިމީހުންރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައި ލައިލަތުލްޤަދްރި ލިބިގަތުމަށް މަސައްކަތް ކުރާށެވެ.))

ލައިލަތުލްޤަދްރި ވިލޭރޭ ލިބިގަނެވޭތޯ ރަމަޟާންމަހުގެ ގިނަ ރޭތައް އިޙްޔާކުރުމަށް މަސައްކަތް ކުރުމަށް ކީރިތި ރަސޫލާ ނަސޭހަތްދެއްވިއެވެ. އެރޭތަކުގައި ދުޢާކުރެއްވުމަށް ޓަކައި ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުނގަންނާ ދެއްވި ދުޢާއެއް ވެއެވެ. މިދުޢާއަކީ ((اللَّهمَّ إنَّكَ عفوٌّ تحبُّ العفوَ فاعفُ عنِّي ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެއަކީ މާފުދެއްވާ، މާފުދެއްވުމަށް ލޯބިކުރައްވާ ރަސްކަލާނގެއެވެ. ފަހެ މި އަޅާއަށް ފާފަ ފުއްސަވާނދޭވެ!))

ރަސޫލާ  ރަމަޟާން މަހުގައި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް ނަމޫނާ ދައްކަވައިފައި ވަނީ ﷲ ތަޢާލާއަށް އަޅުކަންކުރުމާއި ކިޔަމަންގަތުމުގައެވެ. އެކަނބަލުން ﷲގެ ފުއްސެވުމަށާއި ރުއްސެވުމަށް ދަހިވެތިކުރެއްވުމުގައެވެ. އިރުއޮއްސޭ އިރަށާއި ހާރަށް ވަރުގަދަ ކެއުންތައް ތައްޔާރުކޮށްދެއްވުމަކަށްނޫނެވެ. އެކަލޭގެފާނު ބާޒާރަށް ވަޑައިގެން ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ގެނެސްދެއްވައިފައެއް ނުވެއެވެ. މާތް ﷲ އަމުރުކުރައްވައިފައިވާ ފަދައިން އެކަލޭގެފާނު މަސައްކަތްޕުޅު ކުރައްވައިފައި ވަނީ އެކަލޭގެފާނުގެ އަހްލުން ނަރަކައިން ސަލާމަތްކުރެއްވޭތޯއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَاأَيُّهَاالَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ!))

advertisement
ހިޔާލު ދެއްވާ!