ދިވެހީންގެ އެހީގައި ހުކުރު ދުވަހު ޣައްޒާގައި ބޭއްވުނު ރޯދަވީއްލުމުގެތެރެއިން. ފޮޓޯ: އައިއޭސީ

ޣައްޒާއިން ކަރަންޓް ކަނޑާލައި އިތުރަށް ނިކަމެތިކޮށްލައިފި!

ފަލަސްޠީނުގެ ބިންތައް ހިޞާރުކޮށްގެން ތިބި ޔަހޫދީންގެ އަނިޔާވެރި ސަރުކާރުން ޣައްޒާއިން ކަރަންޓު ކަނޑާލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސުންނާފަތި ކޮށްފައިވާ ޣައްޒާއަށް ބޭނުންވާކަރަންޓުގެ ބޮޑު ބައެއް މިވަގުތު އިސްރާއީލުން އަންނަނީ ފޯރުކޮށްދެމުންނެވެ.

އިސްރާއީލުގެ ހަކަތައާބެހޭ މިނިސްޓަރ އެލީ ކޮހެން ވަނީ ޣައްޒާއިން ވަގުތުން ކަރަންޓް ކަނޑާލުމަށް އަމުރުކޮށްފައެވެ. ސޯޝަލްމީޑިއާގައި އޭނާގެ ވީޑިއޯއެއް ދައުރުވަމުން އަންނައިރު އޭގައި އޭނާ ބުނެފައި ވަނީ ޣައްޒާއިން ކަރަންޓު ކަނޑާލުމަށް އޭނާ އަމުރުކޮށްފައިވާ ކަމަށާ ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމަށާ ޣައްޒާއިން ހަމާސް ބޭރުކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް އިސްރާއީލުން ކުރާނެ ކަމަށެވެ.

15 މަހަށްވުރ ގިނަ ދުވަސްވަންދެން އިސްރައީލުން ޣައްޒާގައި ފެށި ޤަތުލުއާންމުގެ ތެރޭގައި ޣައްޒާގެ އިމާރާތްތައް ބިމާ ހަމކޮށްފައިވާއިރު، ޣައްޒާގައި ހުރި ހަމައެކަނި އިންޖީނުގެއަށް އިސްރާއިލުން ތަކުރާރުކޮށް ބޮން އަޅާ ވަނީ ހަލާކުކޮށްލައިފައެވެ. އަދި އެ އިންޖީނުގެ މަރާމާތު ކުރުމަށް ބޭނުންވާ ބައިތައް އެތެރެ ކުރުންވެސް އިސްރާއިލުން ވަނީ މަނާ ކޮށްފައެވެ.

ޣައްޒާގައި ހިންގި ޤަތުލުއާންމު މިވަގުތު މެދުކެނޑިފައި އޮތް ނަމަވެސް ހުޅަނގު އައްސޭރީގައި އިސްރާއީލުން ދަނީ ޤަތުލުއާންމު ހިންގަމުންނެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާއަކާއި ގުޅިގެން ހަމާސް ޖަމާޢަތް ނައްތާލުމަށް ކަމަށްބުނެ އިސްރާއީލުގެ އަނިޔާވެރި ސަރުކާރުން ޣައްޒާއަށް ދިން ހަމަލާތައް 15 މަސްދުވަހާށް ދެމިގެންދިޔައެވެ. މި ޤަތުލުއާންމުގައި ޣައްޒާއިން 62،000 އަށްވުރެ ގިނަމީހުން ވަނީ ޝަހީދުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!