ބަނގުރަލުގެ ވިޔަފާރިކުރި ބިދޭސީއަކު ޑީޕޯޓްކޮށްލަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ޤަވާޢިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސޮފިޤުލް އިސްލާމް، ބަންގްލަދޭޝް (44އ) ކަމަށާ އޭނާ މިހާރު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.
މާރިޗު 5 ވަނަ ދުވަހު ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކޮށް އަދި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައިވެއެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން 18 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.