ވެންޓިލޭޓަރު މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ޖިނާޢީ ތަޙުޤީޤެއް ހިންގަން ނިންމައިފިއެވެ.
ވެންޓިލޭޓަރު މައްސަލައަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން، ކޯވިޑު 19 ގެ ދުވަސްވަރު ރާއްޖެއަށް ވެންޓިލޭޓަރު ހޯދަން ހަވާލުކުރި ކުންފުނިން އެތަކެއްޗަށް ފައިސާ ނެގުމަށްފަހު ވެންޓިލޭޓަރު ފޯރުކޮށްނުދިން މައްސަލައެވެ.
މި ކަމުގައި ހިމެނޭ މީހުންނަށް ޖިނާޢީ ތަޙުޤީޤެއް ކުރުމަށް ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީންނެވެ.
މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ މިކަމުގައި ހިމެނޭ މީހުންނަށް ޖިނާޢީ ތަޙުޤީޤެއްކޮށް، މަކަރާއި ހީލަތް ހެދިކަމުގެ ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)އަށް ހުށަހެޅުމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމެވެ.
މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ، އެ މައްސަލައާ ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ކޮމިޓީއަށް ފޮނުއްވި ސިއްރު ސިޓީއަކަށް މަޝްވަރާ ކުރުމަށްފަހުގައި ކަމަށާ އެގޮތުން، ވެންޓިލޭޓަރު މައްސަލާގައި ސަރުކާރުން އާބިޓްރޭޝަނަށްދިޔަ ކަމަށާއި 1.88 މިލިޔަން ޑޮލަރާއި އެހެން ޚަރަދުތަކުގެ ފައިސާ ހޯދުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައިނުވާކަން އެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ އެ ފައިސާއަކީ މަދަނީ ގޮތުން އާބިޓްރޭޝަން މެދުވެރިކޮށް މަސައްކަތްކޮށްގެން ލިބިދާނެ ފައިސާއެއް ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެއިތުރުން އެ މައްސަލައަކީ ފުލުހުންގެ މެންޑޭޓްގައި ހިމެނޭ މައްސަލައެއް ކަމަށާއި ފުލުހުންނަށް އެކަމާބެހޭ ތަޙުޤީޤް ކުރިއަށް ގެންދެވޭނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ލަފާދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ވެންޓިލޭޓަރު ގަންނަން އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ ކިޔާ ކުންފުންޏަކަށް، ކުރީ ސަރުކާރުން ހަވާލުކުރީ ބޭންކް ގެރެންޓީއަކާ ނުލައި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވަނީ ބުނެފައެވެ. އަދި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ކުންފުންޏާއި ގުޅޭ އެއްވެސް ތަފްސީލެއް ހޯދުމެއް ނެތި، އަދި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ޤާބިލުކަން ހުރިތޯވެސް ނުބަލާކަމަށް އޭސީސީން ބުންޏެވެ.
މި މައްސަލާގައި ހިމެނޭ ބައެއް މީހުންނަށް ދަޢުވާކުރަން ނިންމިނަމަވެސް ގިނަ މީހުންގެ މައްސަލަ އެމްޑީޕީ ސަރުކާރުން ވަނީ ނުބަލާން ނިންމައި ފައިލްކޮށްފައިކަން ފާހަގަ ކުރެވެއެވެ.