އިސްލާމްދީނުގެ ޝިޢާރުތަކަށް ކުޑައިމީސް ކުރާ މީހުންނާމެދު ދައުލަތުން ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ދީނުގެ ޝިޢާރުތަކަށް ކުޑައިމީސް ކުރާ މީހުންނަށް ފިޔަވަޅު ނާޅާނަމަ ކަންކަން ދާނީ ގޯހުން ގޯހަށް ކަމަށެވެ.
އަލީ ރަމީޒު މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ކުފުރުގެ ވާހަކަތަކެއް ދައްކާފައިވާ ދަނޑިވަޅެއްގައެވެ.
ރާއްޖެޓީވީގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަމުން ރޮޒައިނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ފަތުވާ ކޮމެޓީން ވާހަކަ ނުދައްކާ ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ ފަތުވާ ކޮމެޓީން ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވާހަކަ ނުދައްކާ ކަމަަށެވެ. އަދި މުޅީން ވެސް ފެންނަނީ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭ ތަން ކަމަށެވެ.
ރޮޒައިނާ މިސާލެއްގެ ގޮތުން ވިދާޅުވީ ހޫރައްލީނުން ފަދަ ވާހަކަތަކެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ގޮތުގައި އޭނާ ވަނީ ސިފަ ކޮށްފައެވެ.
”ހޫރައްލީނުންގެ ވާހަކަތަކާއާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގައި އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއް ނުވޭ އެބޭފުޅުންގެ ވެސް ޒިންމާ އަދާކުރެވޭ ހެނެއް،“ ރޮޒައިނާ ވިދާޅުވުއެވެ.
ރޮޒައިނާ މި މޭރުމުން ވާހަކަ ދައްކާފައިވާތީ ދީނީ ޢިލްމުވެރިންވެސް އަންނަނީ އެވާހަކަ ތަކަކީ ކުފުރުވާފަދަ ވާހަކަތައް ކަމަށްބުނެ ތައުބާވުމަށް އޭނާއަށް ގޮވާލައްވަމުންނެވެ.