މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ ހޫނުވެފައި އޮއްވައި، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ ޑެޕިއުޓީ ގަވަރުނަރުކަމުން އަހުމަދު އިމާދު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ހުށަހަޅާފައެވެ. މި މައްސަލަ ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ.
މާލިއްޔަތު ކޮމިޓީގެ ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު ޑެޕިއުޓީ ގަވަރުނަރު ވަކިކުރާ މައްސަލަ ތަޅުމަށް ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.
އެހެންވެ، ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން ލަފާދޭ މައްސަލަ ތަޅުމަށް ހުށަހަޅާނެއެވެ. އެ މައްސަލަ ކޮމިޓީއަށް ކުރިއަށް ގެންދެވޭނީ ތަޅުމުން ފާސްކުރުމުންނެވެ. އެއަށް ފަހު، އަދި ކޮމިޓީން ނިންމާ ގޮތެއް ތަޅުމުން ފާސްކުރަން ޖެހޭނެއެވެ.
ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތްކުރައްވަމުންނެވެ.
އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަނެއްހައި ރުފިޔާ ނަގަން އުޅޭކަން މީޑިއާ ތަކުގެ ސަމާލުކަމަށް އައީ މީގެ ދެދުވަހެއްވަރުކުރިންނެވެ. ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ.
ތަޖުރިބާކާރުން ވިދާޅުވާގޮތުގައި މިއީ ވެސް ފައިސާ ޗާޕްކުރުން ކަމަށެވެ. އެގޮތުން އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ 'ޕްރިންޓަރަކުން' ޕްރިންޓްކުރުމަށް އެކަންޏެއް ނޫނެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ބޮޑުވެފައި އޮއްވައި އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ. އެ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރާ ޝުހާދު އިބްރާހިމް ވެސް ވަނީ އެ ބޯޑުން މިއަދު އިސްތިއުފާދެއްވައިފައެވެ.