ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވީ އެންމެ ފަރާތެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު މިއަދު ހެނދުނު 11:00އަށް ހަމަވިއިރު، އެ މަޤާމަށް ކުރިމަތިލެއްވީ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރްޔަމް ނިހާޔަތުއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ފަނޑިޔާރެއްގެ މަޤާމު ހުސްވީ، ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއްސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ނިހާޔަތު ވަނީ ސިވިލް ކޯޓުގެ ޤާޟީކަމާ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މީގެތެރެއިން ފަނޑިޔާރު އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން އެ ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، ޖޭއެސްސީއަށް އަންގާފައިވުމާއި ގުޅިގެންނެވެ.
ސުޕްރީމު ކޯޓުގެ ބެންޗްގައި ތިއްބަވަނީ 7 ފަނޑިޔާރުންނެވެ.