ވެރިކަންކުރާ ޕްރޮގްރެސް ޕާޓީ، ޕީއެންސީގެ ހިންގުން، އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަތުން ނެގިކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ޕީއެންސީގެ ސެކެރެޓަރީ ޖެނެރަލް މުއާޒް ޙަލީމް ވިދާޅުވެއްޖެއެވެ.
މުއާޒް ވިދާޅުވީ އަސާސީ ޤަވާޢިދު ބުނާ ގޮތުގެ މަތީން، ޕާޓީގެ ހިންގުމުގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވީ އަދިވެސް ޢަބްދުއްރަޙީމްކަމަށާ ނަމަވެސް ދުވަހުން ދުވަހަށް ކުރަން ޖެހޭ އެކި މަސައްކަތްތައް ކުރުމާއި ހިންގުމާއި ގުޅުން ހުރި މައިގަނޑު މަސައްކަތްތައް ލީޑާޝިޕްގެ މަޝްވަރާގެ މަތީން އަބަދުވެސް ކުރިޔަށް ގެންދާނީ ސެކްޓްރީ ޖެނެރަލް ކަމަށެވެ.
މުއާޒް ވިދާޅުވީ ޕާޓީގެ ރައީސްގެ ލަފައާއި އެއްގޮތަށް ޕާޓީގެ އެކި ނިންމެވުންތައް ނިންމަވާނީ ޗެއާޕާސަންކަމަށެވެ.
މީގެއިތުރުން މުއާޒް ވިދާޅުވީ ޕާޓީގެ އަސާސީ ޤަވާޢިދާއި އެއްގޮތަށް މަޤާމުތަކަށް އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އެގޮތުގައި އެބަތިއްބެވި ކަމަށެވެ.
މުއާޒް ވިދާޅުވީ އެއްވެސް މަޤާމަކަށް އެއްވެސް ބަދަލެއް އައިނަމަ އެކަން ޕާޓީގެ ސެކްޓްރީ ޖެނެރަލްއަށް އެނގިވަޑައިގަންނަވާނެ ކަމަށާ، ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
މުއާޒް މިފަދައިން ވިދާޅުވެފައި މިވަނީ ޕީއެންސީގެ ހިންގުން ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަތުން ނެންގެވިކަމަށާ ޕާޓީގެ އެކި ނިންމުންތައް ނިންމުމުގެ ބާރާއި ޗެއާޕާސަންގެ ޒިންމާ ހަވާލުކޮށްފައި ވަނީ ޕީއެންސީގެ ޕީޖީ ލީޑަރ އިބުރާހީމް ފަލާޙުއާ ކަމަށްބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.