އަސްކޮއި ޢުމްރާ ގުރޫޕަށް ފައިސާ ދެއްކި ބަޔަކު ޢުމްރާއަށް ނުގެންދިޔަ މައްސަލަ ބަލަންފަށާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ، ރަމަޟާންމަހު ފަހު 15 ގައި ޢުމްރާއަށް ދާން އަސްކޮއި ޢުމްރާ ގުރޫޕަށް ޢާއިލާއަކުން ފައިސާ ދައްކާފައި ވަނިކޮށް، އެ ދަތުރު ނުކުރެވޭނެ ކަމަށް އަސްކޮއި ގުރޫޕުން އެންގުމުން އެ މައްސަލަ ފެންމަތިވުމާއި ގުޅިގެންނެވެ.
ޢުމްރާއަށް ނުދެވުނު ޢާއިލާއިން މީސްމީޑިއާގައި މަޢުލޫމާތު އާންމުކޮށްފައިވާ ގޮތުގައި އެމީހުން ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހަކަށް 42،000 ގެ މަގުން ފައިސާ ދައްކައިފައެވެ. އަދި މިއަހަރު ޢުމްރާއަށް ނުދެވޭނެ ކަމަށް އެ ގުރޫޕުން އެންގުމުން ، އެ ފައިސާ އަނބުރާ ހޯދަން އުޅުމުން، ފައިސާ ލިބޭނީ އޭޕްރީލްމަހުގެ 15 ގެ ފަހުން ކަމަށް އަސްކޮއި ގުރޫޕޫން ބުނެފައިވާ ކަމަށް އެ ޢާއިލާއިން ވަނީ ބުނެފައެވެ.
ވަޒީރު ޑރ. ޝަހީމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކޮއި ޖަމާޢާތުގެ މައްސަލަ ވަނީ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ކަމަށާ އެ ވުޒާރާގެ ކަމާ ބެހޭ ޔުނިޓްގެ ފަރާތުން އެ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޢުމްރާއަށް މީހުން ގެންދިއުމުގެ ޤަވާޢިދާ ޚިލާފްވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާ ދާދިފަހުން ވެސް ޖަމާޢަތްތަކެއްގެ ހުއްދަ ބާޠިލްކޮށް ފިޔަވަޅުއަޅުއްވާފައި ވާނޭ ކަމަށެވެ.