ސާބިތު ނުހިފޭ ވާހަކަތައް ސިޔާސީ ޙަރަކާތްތަކުގައި ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން، އީސީން އިލްތިމާސްކޮށްފިއެވެ.
އީސީން މިފަދައިން އިލްތިމާސްކުރައްވާ ބަޔާނެއް ނެރެފައި މިވަނީ، އެމްޑީޕީން މި މަހުގެ 12 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި އެއްވުމެއްގައި އެ ޕާޓީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ރައީސް ޑރ. މުޢިއްޒުގެ ދަރިކަލަކާބެހޭ ގޮތުން ސާބިތު ނުހިފޭ އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކަތަކެއް ދެއްކުމާއި ގުޅިގެންނެވެ.
އީސީން ރޭ ނެރުނު ބަޔާނުގައި ވަނީ ސިޔާސީ ޙަރަކާތްތައް ރާވާ ހިންގުމުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުޑަކުދިންގެ ޙައްޤުތައް ގެއްލޭ ގޮތަށް، ސާބިތު ނުހިފޭ ވާހަކަ ދެއްކުމާއި އެ ކުދިންގެ ކަރާމާތާއި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ވާހަކަތައް ދެއްކުން އެ ކޮމިޝަނުން ކުށްވެރިކޮށްފައެވެ.
މަންދީގެ އެ ވާހަކަތައް ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމުން ވެސް ބަޔާނެއް ނެރިފައިވެއެވެ. އެ ބަޔާނުގައި ވަނީ ކުއްޖެއްގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކާފައި ވުމަކީ ޚިޔާލުފާޅުކުރުމުގެ ނަމުގައި އެއްވެސް ފަރާތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
މަންދީގެ މި ވާހަކަތަކާއި ގުޅިގެން އީސީން ވަނީ، ޕާޓީތަކަށް ސިޔާސީ ޙަރަކާތްތައް ހިންގުމުގެ މަގުފަހިކޮށްދީފައި ވަނީ ޤާނޫނުއަސާސީ އާއި ސިޔާސީ ޕާޓީގެ ޤާނޫނާއި ޤަވާޢިދާ ރާއްޖޭގައި ޢަމަލުކުރަމުންދާ އެހެނިހެން ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ހުދޫދުގެ ތެރެއިންކަން ޕާޓީތަކަށް ހަނދާން ކޮށްދީފައެވެ.
އީސީން ވަނީ މި ދުވަސްވަރު އެމްޑީޕީން ހިންގަމުންދާ ސިޔާސީ ޙަރަކާތްތައް ހިންގުމުގައި ވެސް އެއްވެ އުޅުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ޚިލާފަށް، މުޖުތަމަޢުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމާއި ޒާތީ ދިރިއުޅުމުގެ ކަންކަމަށް ފާޑު ނުކިޔުމާއި ޙަޤީޤަތާ ޚިލާފަށް ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވަމުން، ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.