ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ފިރިމީހާ ޒަހަމްވެއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ބ. ދަރަވަންދޫގައި ދެމަފިރިންގެ މެދުގައި ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 1:52 ހާއިރުކަމަށެވެ.
މި ހަމަނުޖެހުމުގައި ފިރިހެން މީހާ ޒަހަމްވެގެން ބ. އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަދި މި މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި ހަމަނުޖެހުމުގައި ފިރިހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާއިލީ މައްސަލައެއްގައި އަމިއްލައަށް ކަރުގައި ވަޅި އަޅައިގެން ޒަޚަމްވެ ފަރުވާ ދީފައިވަނީ އުމުރުން 39 އަހަރުގެ ފިރިހެނަކަށެވެ.