މާރިޗް 20 އިން ފެށިގެން ސަރުކާރު ބަންދުވާނެ ކަމަށާ، ދެން ހުޅުވޭނި އޭޕްރީލް 6 ވާ އާދީއްތަ ދުވަހު ކަމަށް ރައީސް އޮފީހުން ހާމަ ކުރައްވައިފިއެވެ.
ފިޠުރު ޢީދާ ގުޅިގެން ސަރުކާރު ބަންދު ދުވަސްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސެވި ގޮތް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ޝާއިޢުކުރެއްވި ނަންބަރު 6/2025 ދެންނެވުމުގައި ވަނީ އިޢުލާން ކުރައްވައިފައެވެ.
އެގޮތުން، 1446ވަނަ އަހަރުގެ ޝައްވާލް މަހުގެ 1ވަނަ ދުވަހަކީ، (ފިޠުރު ޢީދު ދުވަހަކީ) މިހާރު ކަލަންޑަރުގައިވާ ގޮތުގެމަތީން، މި މާރިޗު މަހުގެ 31 ވާ ހޯމަ ދުވަސް ކަމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސް ކަމުގައިވާ، މާރިޗު 31، އެޕްރީލް 1، އަދި 2 އާއެކު، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
އަދި، މާރިޗު މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މާރިޗު 30 ވާ އާދީއްތަ ދުވަހަކީ، ޝައްވާލު މަހުގެ 1ވަނަ ދުވަސް ކަމަށް އެ މިނިސްޓްރީއިން ކަނޑައަޅުއްވައި އިޢުލާނު ކުރައްވައިފިނަމަ، ފިޠުރު ޢީދުގެ ބަންދު ތިން ދުވަސްކަމުގައިވާ، މާރިޗު 30، 31 އަދި އެޕްރީލް 1 އަށްފަހު، އެޕްރީލް 2 ވާ ބުދަ ދުވަހާއި، އެޕްރީލް 3 ވާ ބުރާސްފަތި ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއް ކަމުގައި އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ހަމަޖެއްސެވީ، ފިޠުރު ޢީދުގެ ބަންދާ ގުޅިގެން، ޢާއިލާއާއެކު ވީހާވެސް ގިނަދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާއެކު، ފިޠުރު ޢީދުގެ ބަންދު ދުވަސްތަކަށްފަހު، ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، އަންނަ އެޕްރީލް މަހުގެ 6 ވާ އާދީއްތަ ދުވަހުއެވެ.
މީގެ އިތުރުން މިހިނގާ މާރިޗު މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ރަމަޟާންމަހުގެ ފަހުދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެއެވެ. އެއީ، 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީއެވެ.
ރަމަޟާން މަހުގެ ފަހުދިހާގައި ސަރުކާރު ބަނދުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ޤާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.