ފޮޓޯ: އިމިގްރޭޝަން 14 މާރިޗް 2025

ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރުކޮށްފި!

ކާބޯތަކެތި ތައްޔާރުކޮށް ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ މި މާރިޗު މަހުގެ 5 ވަނަ ދުވަހު އިމިގްރޭޝަން ވޮޗަށް ހުށަހެޅުނު ރިޕޯޓަކާ ގުޅިގެން 13 ވަނަ ދުވަހުގެރޭ މ.ހަރމަނީ ކިޔާ ގެ ބަލާފާސްކޮށްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ރިޕޯޓުގައި ބަޔާންކޮށްފައިވަނީ، އެ ގޭގެ ފުރަތަމަ ފަންގިފިލާގައި ރޭގަނޑު 9 އިން ފެށިގެން މެންދަމު 2 އާ ހަމައަށް ކާބޯތަކެތި ތައްޔާރުކޮށް ޑެލިވަރީކުރުމުގެ ވިޔަފާރި ކުރަމުން ގެންދާ ކަމަށެވެ.

އަދި އެ ތަނުގައި މަސައްކަތް ކުރަމުންދިޔަ 3 ބިދޭސީން މަސައްކަތް ކުރަމުން ދިޔައީ ދޫކޮށްފައިވާ ހުއްދައިގެ ބޭރުން ޤަވާޢިދާ ޚިލާފަށް ކަމަށްވާތީ އެ 3 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޤަވާޢިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމަށް، ދާޚިލީ ވުޒާރާ އާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިސަރުކާރުން މިހާތަނަށް 6076 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައި ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓް ފޯމެއްވެސްވަނީ ޤާއިމްކޮށްފައެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފަވާއިރު މީގެތެރެއިން ނުނިމި އޮތީ އެންމެ 11 މައްސަލައެއް ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ނަމުގައިވެސް މަސައްކަތްތަކެއް، ދާޚިލީ ވުޒާރާއިން ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން 77ހާސް ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައިކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!