މޯލްޑިވިއަންގެ ފްލައިޓެއް:-- ފޮޓޯ: ދިޔަރެސް

މޯލްޑިވިއަންގެ ވައިޑް ބޮޑީ ދަތުރުތައް ދެކުނު އެފްރިކާއަށާ ޖަރުމަނުވިލާތަށް!

ޤައުމީ އެއާލައިން މޯލްޑިވިއަންގެ ވައިޑް ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ދެކުނު އެފްރިކާއަށާ ޖަރުމަނުވިލާތަށް ފަށަން ތައްޔާރުވެއްޖެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއަހަރުގެ ތެރޭގައި ޖަރުމަނުވިލާތަށާއި ސައުތު އެފްރިކާއަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނައިރު، ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ސައުތު އެފްރިކާއަށް ރާއްޖެއިން ސީދާ ދަތުރުތައް ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ ކަމެއް ކަމަށާ އޭރުން 24 ގަޑިއިރުގެ ދިގު ދަތުރު 8 ގަޑިއިރަށް ކުރުވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ޤައުމީ އެއަރލައިނަށް ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނެސްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 6ވަނަ ދުވަހުއެވެ. މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މި މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާބޯޓެކެވެ.

މިއަހަރުގެ ތެރޭގައި އިތުރު ބޯޓެއް ގެނައުމުގެ މަސައްކަތް ވެސް އެ ކުންފުނިން މިހާރު ވަނީ ފަށައިފައެވެ.

މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް މިހާރު ދަނީ ޗައިނާގެ 3 މަންޒިލަކަށް ކުރަމުންނެވެ. އެއީ ބެއިޖިން، ޝަންގހާއީ އަދި ޗެންޑޫއެވެ. މި ދަތުރުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑުކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

 

advertisement
ހިޔާލު ދެއްވާ!