ދިވެހިރާއްޖެ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ކުރަމުންއަންނަ މާކެޓިން ދަށްވާ ވާހަކައީ އާ ވާހަކައެއް ނޫނެވެ. އެވާހަކަ އަބަދުވެސް ދައްކާމީހުން އުޅޭނެތެވެ. އެކަމަކު މިހާރަކަށް އައިސް، ސަރުކާރަށް ފާޑުކިޔާ ފަރާތްކުން ބޭނުންކުރާ ހަތިޔާރަކަށް "ދިވެހިރާއްޖެއިން މިހާރު ޕްރަމޯޓް ކުރަނީ ގެސްޓްހައުސް ސެގްމެންޓް" އެކަނިކަމަށްބުނާ އަޑުތައް ވަނީ ގިނަވެފައެވެ. ކޮންމެއަކަސް، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާޢި، ރާއްޖެ އިޝްތިހާރު ކުރުމަށް ކުރެވޭ މަސައްކަތާ ގުޅުމެއް ވާނެކަމީ ކަށަވަރު ކަމެކެވެ.
މިލިޔުމުގައި ބަލާލާނީ ރާއްޖެ ބްރޭންޑެއްގެ ގޮތުގައި މާކެޓްކޮށް އިސްތިހާރުކޮށް، ޕްރަމޯޓްކޮށް، ރާއްޖެއާމެދު ޝައުޤުވެރިކަން އުފައްދައި، މީހުންނަށް ވިސްނުވައިދެމުންދާ ތަޞައްވުރާއި، އެ ތަޞައްވުރު ތަޖުރިބާކުރަން އަންނަ ފަރާތްތަކަށް، ރާއްޖެއިން އިޙްސާސް ކުރެވޭ އެއްޗަކާއި، އެ އިޙްސާސީ ތަޖްރިބާގެ ސަބަބުން އެ މީސްމީހުންގެ ފިކުރަށް އަންނާނެ ބަދަލުތަކުގެ މައްޗަށެވެ.
މި މަފްޙުމުން ފުރަތަމަ އަޅާކިޔާލާނީ ބްރޭންޑަކުން އެ ބްރޭންޑެއް ޕްރަމޯޓްކުރުމަށް ގެންގުޅޭނެ އިސްތިރާޖީ ވިސްނުމާއި، މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކާބަޔަކު އެ މުދަލެއް ނުވަތަ ޚިދުމަތެއް ވިއްކުމަށް ޢާންމުކޮށް ބޭނުންކުރާ އިސްތިރާޖީ ވިސްނުމުގެ މައްޗަށެވެ.
ބްރޭންޑް ތަކުން އަބަދުވެސް މަސައްކަތްކުރަނީ އެ ބްރޭންޑަކުން އަމާޒުހިފާ ބައެއްގެ ހިތުގައި ޝައުޤުއު ފައްދައި، ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް، މުދަލާއި ޚިދުމަތް ބޭބުންކުރާ ފަރާތްތަކުގެ ހިތްހަމަޖެހުން އިތުރުކޮށްދީ އިތުބާރު އުފެއްދުމަށެވެ. އޭގެ ސަބަބުން މުދަލާއި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ތަޖުރިބާތައް ރަގަޅުކޮށް، މީހުންގެ ހިތުގައި އިތުބާރާއި ޔަޤީންކަން އުފައްދާ، އެ ބްރޭންޑެއްގެ މުދަލާއި ޚިދުމަތްތަކުގެ އުފާވެރި، ފޮނި ތަޞަވުރެއް އުފެއްދިގެން ދެއެވެ. މިއާއި ޚިލާފަށް ވިޔަފާރިތަކުން ބަލާނީ މުދަލާއި ޚިދުމަތް އުފެއްދުމަށް ކުރާ ޚަރަދު ކުޑަކޮށް، އަގު ކުޑަކުރުމަށާއި، މުދާލާއި ޚިދުމަތް ވިއްކޭ ޢަދަދު އިތުރުކުރުމަށާއި، ކުޑަ ޚަރަދެއްގައި ވިޔަފާރި ހިންގުމަށެވެ.
ބްރޭންޑްތަކުން ވިއްކަނީ ފޮނި ތަޞައްވުރެކެވެ. އެކި މީހުންނަށް އެކަން ތަޞައްވުރު ކުރެވެނީ އެކި ގޮތަށެވެ. އެފަދަ އިޙްސާސެއް ތަޖްރިބާކޮށްލަން، އެފަދަ ގިންތިއެއްގެ މީހަކު، މަތީއަގެއް ހޭދަކުރާކަށް ޖެހިލުމެއް ނުވާނެއެވެ. އެ އިޙްސާސާއި ތަޞައްވުރާއި ގުޅިފައިހުންނަ އެންމެހާ ކަންކަން އެމީހުންނަށް ނުހަނު މުހިންމުވާނެތީއެވެ. މިފަދަ އިޙްސާސްތަކަކީ، އިންސާނުންގެ އެކި ފަންތީގެ އެކިކަހަލަ ގިންތީގެ މީހުންނަށް އެކި ގޮތްގޮތަށް ތަޖުރިބާކުރެވޭނެ ކަންކަމެވެ. އެއްބަޔަކަށް އެއީ ޝަރަފާއި ފަޚުރަކަށްވާއިރު އަނެއްބަޔަކަށް އެއީ އެމީހުންގެ މުއްސަނދިކަމާއި ޝާނާއި ޝައުކަތު ދައްކުވައިދޭ ކަމަކަށްވެސް ވެދާނެއެވެ. އަދި އެހެންބަޔަކަށް އެއީ ޙަޔާތުގައި އެންމެފަހަރަކު ނޫނީ ޙާޞިލްނުކުރެވޭނެ ކަހަލަ ނަސީބަކަށްވެސް ވެދާނެއެވެ.
އެހެނަސް، ވިޔަފާރިތަކުން ވިއްކަނީ ކޮންމެވެސް ބޭނުމެއް ފުދޭނެ މުދަލާއި ޚިދުމަތެކެވެ، އެއަށް ކަނަޑައެޅިފައިވާ، ޖީބަށްލުއި އަގެއް އޮތުމަކީ ލާޒިމްކަމެކެވެ. އާދަޔާއިޚިލާފު ތަޖުރިބާއެއް މުހިންމެއް ނުވާނެއެވެ. ބްރޭންޑަކުން އިހްސާސްކުރުވަނީ ޒަމާންތަކަކަށް ދެމިގެންދާފަދަ، ހަނދާނުން ފޮހެލަން އުނދަގޫކަހަލަ އުފާވެރި ފޮނި ޖަޒްބާތުތަކެކެވެ. ވިޔަފާރިއަކުން ޙާޞިލްވަނީ ހަމައެކަނި ވަގުތީ ބޭނުމެކެވެ.
މިކަން މިހެން އޮތްއިރު، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް އިޝްތިހާރު ކުރުމުގެ ޒިންމާ އާދާކުރާފަރާތަކަށް ލާޒިމްވާނީ، އެ ޞިނާޢަތުގައި ހިމެނޭ ހުރިހާވައްތަރެއްގެ މުދަލާއި ޚިދުމަތެއް، އެއްތަނަކުން އެންމެ ގިނަބަޔަކަށް ފެންނާނެ ނުވަތަ ދައްކާލެވޭނެ ތަނެއްގެ ބޭނުން، ރަގަޅުގޮތުގައި ހިފައިގެން، އެ ހުރިހާ ފަންތީއެއްގެ ނުވަތަ ގިންތީއެއް މާކެޓްކޮށް، އިޝްތިހާރުކޮށް، ޕްރަމޯޓް ކުރުން ނޫންބާވައެވެ؟
ބޮޑެތި ބްރޭންޑްތަކުން އެތަންތަން އިޝްތިހާރުކުރުމަށް، ނުހަނު ތަނަވަސް ބަޖެޓު ކަނޑައަޅައިގެން، ދުނިޔޭގެ އެކިމަންޒިލްތަކަށް ދަތުރުކޮށް، އަގުބޮޑު ހޮޓާތަކުގައި ތިބެފައި، މަޝްހޫރު ރެސްޓޯރަންޓްތަކުން ކައިގެން، އެކި ގޮތްގޮތަށް ފޮޓޯނަގައި މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި ޕޯސްޓްކުރުން ނޫންކަމެއް ނުކޮށްތިބެފައި، އެ ތަނަކަށް ފަތުރުވެރިއަކު ނައުމުން، ޑެސްޓިނޭޝަން މާކެޓިން އޭޖެންސީން އެކަމުގެ ޒިންމާނަގަން ޖެހޭނެކަމަށް އެބަޔަކު ޤަބޫލުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
އާއެކެވެ. ބައެއް މީހުންނަށް ދިހަ ޑޮލަރަށް ލިބޭ އާދައިގެ ގަޑިއަކާއި އެއްލައްކަ ޑޮލަރަށް ލިބޭ "ރޮލެކްސް" ގަޑީގެ ތަފާތެއް ނޯވެއެވެ. ދެގަޑިންވެސް ބުނެދޭނީ އެކައްޗެއްކަމަށް ބަޔަކަށް ހީވިޔަސް، އެއްލައްކަ ޑޮލަރުގެ "ރޮލެކްސް" ގަޑިން ބުނެދެނީ މާސިންގާ ވާހަކަތަކެކެވެ. ވިޔަފާރީގައްޔާއި މުޖުތަމާއުގައި އޭނާއަށް ޙާޞިލްކުރެވިފައިވާ މާޤާމާއި، ދިރިއުޅުމުގެ ކުރިއެރުމާއި، ޤަދާރާއި، ޝަރަފާއި ތަނަވަސްކަމެވެ، މިކަންކަން ދެއްކުމަށް އެގަޑިތަކުގައި ބޭނުންކޮށްފައި ހުންނަނީ ދުނިޔޭން ލިބެންހުންނަ އެންމެރަގަޅު، އެންމެމޮޅު، މަޢުދަނެވެ. މި ގަޑިތައް ހަދަނީ އެ ފަންނުން އެންމެ މޮޅު އެންމެ ކުޅަދާދަ ތަޖުރިބާކާރުންނެވެ. ދުނިޔޭގެ މަޝްހޫރު ބޮޑެތި ބްރޭންޑްތަކުން، މިކަންކަމީ ނުހަނު ޙާއްސާސްކޮށް ވިސްނާ، ގޮތް ނިންމާ ކަންކަމަށް ވިޔަސް، މިރާއްޖޭގެ ބޮޑެތި ބްރޭންޑްތަކުން އެބަޔަކު ގެންގުޅެ އެޖެންޓަށް ގަނޑުކޮށް އެތަނެއްގެ ރޭޓް ދިނުން ނޫންކަމެއް ކުރާކަމަކަށް ނުބެލެވެއެވެ.
ކޮންމެއަކަސް، ފަތުރުވެރިން ރާއްޖެ އަންނަނީ ދިވެހީންގެ ވެށީގެ ޤުރުރަތީ ރީތިކަމާއި، ތާރީޚީ ފަތްފޮތް ތަކުގައި ލިޔެވިފައިވާ ދިވެހީންގެ މެހްމާންދާރީއާއި، އޯގާތެރިކަމާއި، އަޅާލުމާއި، މަތިވެރި އަޚްލާޤުން ބިންވަޅުނެގިފައިވާ އިޙްތިރާމާއި، އަމިއްލަ ވެށީން ލިބެންހުންނަ ތަކެތީން އުފައްދާ ރަހަތަކާއި، އުޅުމާއި، ގުޅުމާއި، ތާރީޚާއި، ސަޤާފަތާއި، އާދަކާދައިގެ އެންމެހާ ކަންކަން، ލޮލުން ދެކި، ހިތުން އިޙްސާސްކޮށް، ސިނކުޑީން ތަޞައްވަރުކޮށް އެ އެންމެހާ ކަންކަން ތަޖުރިބާކުރުމުގެ ބޭނުމުގައި ކަމަށްވާއިރު، ރާއްޖޭގައި ހިންގާ ކިތައް ރިސޯޓްގައި ސަރުކާރުން ހަދާފައިވާ އުޞޫލާ އެއްގޮތަށް، ދިވެހީންގެ ޢަދަދު ހަމަވޭތޯއެވެ؟ ތިންވަނަ ދުނިޔޭގެ އަގުހެޔޮ ލޭބަރުން ބޭނުންކޮށްގެން، ފުރަތަމަދުނިޔޭގެ މަތީފަންތީގެ ފަތުރުވެރިންނަށް، އަގުމަތިކޮށް ދެވޭނީ ކޮން ޚިދުމަތެއްތޯއެވެ؟ ދިވެހީންގެ ތާރީޚީ އާސާރީ އަދި ސަޤާފަތަކީ، ބޭރުމީހަކު ދިވެހީން ލާކަހަލަ ހެދުމެއް ލައްވައިގެން، ދައްކުވައި ދެވިދާނެ ކަހަލަ ކަމެއްތޯއެވެ؟ ދިވެހީންގެ އާދަކާދައާއި ބީރައްޓެހި ބަޔަކަށް، ދިވެހީންގެ ސާދާ ސީދާ މިޒާޖުގައި، ހަމަ އެ ވައްޓަފާޅިއާއެކު، އެކަންކަން ދައްކުވައި ދެވިދާނެތޯއެވެ؟ އެކި ނަންނަމުގައި މަޝްހޫރު ދިވެހީންގެ ރަހަތަށް، އެ ރަހަތަކުގެ އަޞްލު ނުދަންނަ ބަޔަކުލައްވާ އުފެއްދިދާނެތޯއެވެ؟
މިކަންކަން މިހެން ހުރުމުން، ޒަމާނެއްގައި ފަތުރުވެރިންނަށް ހަމައެކަނި ރިސޯޓްތަކުގައި ތިބެވުނަސް، ދިވެހިރާއްޖޭގެ ޤުދުރަތީ ވެށި، ރާއްޖޭގެ ކޮންމެރަށެއްގައިވެސް އެއްގޮތްކަމުން، މިހާރު ގިނަ ފަތުރުވެރިން ބޭނުންވަނީ، ދިވެހިވަންތަ ތަޖުރިބާތަކެއް ޙާޞިލްކުރުމަށް ކަމުން، ރާއްޖޭގެ މީހުންދިރިއުޅޭ ރައްރަށުގެ ގެސްޓްހައުސްތަކުގެ ޑިމާންޑްވަނީ ބޮޑުވެފައެވެ. މިކަމުގެ ދަލީލެއްދެގޮތުން ރާއްޖޭގެ ބައެއް ރިޒޯޓްތަކަށްވުރެ ބޮޑުއަގުގައި ވިއްކޭ ގެސްޓްހައުސްތަށް ދަނީ އިތުރުވަމުންނެވެ.
އެކަމަކު މަތީގައި ދެންނެވުނުގޮތަށް، ރިސޯޓްތަކުން ކަންކުރާގޮތަށް ބަލައިގެން، ރައްރަށުގެ ގެސްޓްހައުސް ތަކުގައާއި، ސަފާރީ ތަކުގައާއި، ހޮޓަލާއި، ކެފޭ ރެސްޓޯރަންޓް ތަކުގައާއި، ޓުވަގައިޑުންނަށާއި އަދި މުޅި ރާއްޖޭގައިވެސް "އަގުހެޔޮ ލޭބަރުން" ގިނަވަމުންދާ ނިސްބަތަށް ވިސްނާ ފިކުރުކުރާއިރު، މިރާއްޖެއިން ޙަޤީޤީ ދިވެހިވަންތަ އެއްވެސް ކަމެއް، މިހާރު ފަތުރުވެރިއަކަށް ވަޒަންކުރެވިދާނެތޯ ސުވާލު އުފެދޭހިސާބަށް ވަނީ ކަންކަން ފޯރަފައެވެ. އަދި ކުރިމަގުގައި ބެލެވެނީ، މިކަންކަން އިތުރަށް ގޯސްވާނެކަމަށެވެ.
މިޙާލަތަށް ރާއްޖެ މިގެންދިޔައީ ބޭރުމީހުންނަށް ޞިނާއަތުގެ މަތީފަޑީގެ ކޮންޓްރޯލް ދެވުނީމަ ނޫންބާވައޭ ހިތަށްއަރައެވެ؟ މި ޙާލަތުގައި ވާދަވެރި އެހެންމަންޒިލްތަކާ ތަފާތުވެ، ދިވެހިރާއްޖެ ވެއްޓިފައިމިވާ ހިތާމަވެރި ޙާލަތުން އަރައިގަނެވޭނެ ބާވައޭ ހިތަށްއަރައެވެ؟ ކަމާބެހޭ ފަރާތްތަކަށް އެބައިމީހުންގެ މަސްއޫލިއްޔަތާއި ޒިންމާއަކީ ކޮބައިކަން ވަޒަންކުރެވޭ ބާވައެވެ؟ ޤައުމުގެ މުޅި އިޤްތިޞާދު އެ ޞިނާޢަތަކަށް ބަރޯސާވާ "ރަންބިސްއަޅާ ކުކުޅު" ގެ ކުރިމަގާމެދު ވިސްނާ ފިކުރުކޮށް ގޮތްނިންމާންވެސް ގެންނާންވީ ބޭރުމީހުން ހެއްޔެވެ؟؟