ހަނިމާދޫގައި ސިޓީ ހޮޓަލެއް އަޅަން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ އޯސަމް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
ހަނިމާދޫގައި އެކުންފުނިން ސިޓީ ހޮޓަލެއް އަޅަނީ 40،000 އަކަފޫޓުގެ ބިމެއްގައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި މި ޕްރޮޖެކްޓް އޯސަމް ޕްރޮޕަޓީޒް އިން ހިންގާނީ ޗައިނާގެ ބަޔަކާ ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުޙައްމަދު ވިދާޅުވީ، އެ ބިން ހަވާލުކުރީ ކޮންމެ ކުއާޓާ އަކު 56،000 ޑޮލަރު (863،520 ރުފިޔާ) ލިބޭ ގޮތަށް ކަމަށާ އެއީ އަހަރަކަށް 224،000 ޑޮލަރު (3.5 މިލިއަން ރުފިޔާ) ކަމަށެވެ.
ފިރާޤް ވިދާޅުވީ، އެ ޕްރޮޖެކްޓްގައި ސޮއިކުރީ އެއް އަހަރުގެ ކުލި އެޑްވާންސްކޮށް ދެއްކުމުން ކަމަށާއި ދެން ކުރިއަށް އޮތް ކޮންމެ ކުއާޓާއަކު ވެސް އެ ކައުންސިލަށް ކުލި ޖަމާވަމުން އަންނާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް ހަވާލުކުރީ 2 އަހަރު ތެރޭގައި ޑިވަލޮޕްކުރާގޮތަށް ކަމަށާ 6 މަސް ތެރޭގައި ކުރެހުން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި 50 އަހަރަށް ހަވާލުކުރި އެ ބިމުގައި ކުރާ މަސައްކަތަކީ ރަށުގައި ހިންގާނެ އެންމެ ބޮޑު ޓޫރިޒަމް ޕްރޮޖެކްޓަށް ވާނެ ކަމަށް ފިރާޤް ވިދާޅުވިއެވެ.
ހަނިމާދޫގައި މިހާރު ވެސް ދެލައްކައެއްހާ އަކަފޫޓުގެ އެ ބިމެއްގައި ސިޓީ ހޮޓަލެއް ހިންގަމުން އަންނައިރު ކައުންސިލަށް ލިބެނީ ލައްކައެއްހާ ރުފިޔާ ކަމަށް މަޢުލޫމާތު ލިބެއެވެ.