ރަމަޟާން މަހަކީ މުސްލިމުންނަށް ވަރަށް ޚާއްޞަ މަހެކެވެ. އެއީ އެ މަހުގައި މުސްލިމުންގެ މައްޗަށް ފަރްޟު ކުރައްވައިފައިވާ ރޯދައިގެ ސަބަބުން އެކަންޏެއް ނޫނެވެ. އެކަމުގެ އިތުރަށް ރަމަޟާން މަހަކީ އިސްލާމީ އުއްމަތުގެ ތާރީޚާއި މަޖްދާއި ޝަރަފާ ގުޅިފައިވާ މަހެކެވެ. މި މަހުގައި ހިނގި ބަދްރު ހަނގުރާމައަކީ އިސްލާމީ އުއްމަތުގެ މަލަތަކުގެ އިތުރަށް ދުނިޔޭގެ ތާރީޚުގެ މަލަތައް ވެސް ބަދަލުކޮށްލި ވަރުގަދަ ހާދިސާއެކެވެ. އެއީ އެތައް މުޢުޖިޒާތްތަކެއް ހިމެނޭ ހާދިސާއެކެވެ.
ހިޖްރައިން 2 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ ހުކުރުދުވަހު ހެނދުނު ހިނގި މި ހަނގުރާމައަކީ "يَوْمَ الْفُرْقَانِ[1] – ޙައްޤާއި ބާޠިލު ވަކިވެގެން ދިޔަ ދުވަހެވެ." ނުވަތަ އެއީ "يَوْمَ الْتَقَى الْجَمْعَانِ[2] – ދެ ބައި މީހުން ބައްދަލުވި ދުވަހެވެ." ތާރީޚު ފޮތްތައް ބުނާގޮތުގައި އެއީ "غَزْوَةُ بَدْرِ الكُبْرَى – ބަދްރުގެ ބޮޑު ހަނގުރާމައިގެ ދުވަހެވެ."
ބަދްރުގެ ބޮޑު ހަނގުރާމައަކީ އާޚިރަތަށް ޓަކައި އެމީހުންގެ މުދަލާއި ޖާނު ވިއްކާފައިވާ މުއުމިނުންނާ މައްކާގެ މުޝްރިކުންނާ ދެމެދުގައި ހިނގާފައިވާ ހަނގުރާމައެކެވެ. މިއީ މުޝްރިކުންނާ މުސްލިމުންނާ ދެމެދުގައި ހިނގި އެންމެ ފުރަތަމަ ހަނގުރާމައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މަދީނާއިން ނުކުމެވަޑައިގަތީ ހަނގުރާމައެއް ކުރައްވާކަށް ނޫނެވެ. އެކަލޭގެފާނުގެ އަރިހުގައި ތިބީ 314 މީހުންނެވެ. މުސްލިމުންގެ ލަޝްކަރަކީ މާއްދީގޮތުންނާއި، ޢަދަދުގެ ގޮތުންނާއި، ހަތިޔާރުގެ ގޮތުން ބަލާއިރު، މުޝްރިކުންގެ ލަޝްކަރަށް ވުރެ، މާ ނިކަމެތި ލަޝްކަރެކެވެ. މުޝްރިކުން މައްކާއިން ނުކުތީ ހަނގުރާމައަށް ރަނގަޅަށް ތައްޔާރުވެގެން ހަނގުރާމަ ކުރުމަށް ޓަކައެވެ. އެހެން ކަމުން އެކަލޭގެފާނު، އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާ ކުރެއްވިއެވެ. ކީރިތި ރަސޫލާ ޞަޙާބީންނާއެކު މަޝްވަރާ ކުރެއްވީ ހަނގުރާމަކުރުމާ ބެހޭގޮތުންނެވެ. އެކަލޭގެފާނުގެ އަޞްޙާބުންގެ ކިބައިން ލިބިވަޑައިގެން ޖަވާބަކީ އެކަލޭގެފާނާމެދު އެބޭކަލުން ކުރައްވާ އިތުބާރުގެ ބޮޑުކަން ހާމަކޮށްދިން ޖަވާބެކެވެ. އެކަލޭގެފާނު އެކަމާމެދު ހިތްޕުޅު ހަމަޖެހުނު ޖަވާބެކެވެ. އަންޞާރީންގެ ފަރާތްޕުޅުން ސަޢުދު ބުން މުޢާޛު ވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! އެދިވަޑައިގަންނަވާ ގޮތެއްގައި ކުރިއަށް ވަޑައި ގަންނަވާށެވެ! އަޅުގަނޑުމެން މިތިބީ ކަލޭގެފާނުގެ އަރިހުގައެވެ. ކަލޭގެފާނު ޙައްޤު ގޮތުގައި ފޮނުއްވި ފަރާތް ގަންދީ ދަންނަވަމެވެ. މިއޮތް ބޮޑު ކަނޑަށް އެރިވަޑައި ގަތަސް އަޅުގަނޑުމެން ކަލޭގެފާނު އަރިހުގައި އެކަނޑަށް އެރޭނޫއެވެ! މިބަސްފުޅުތައް އިވިވަޑައިގަތުމުން ރަސޫލުﷲގެފާނު ވަރަށް އުފާފުޅުވިއެވެ. މޫނުފުޅު އަލިވެ އުޖާލާވިއެވެ. ރަސޫލުﷲގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުން ކުރިއަށްދާށެވެ! އުފާވެރިކަން ހުށްޓެވެ! ހަމަކަށަވަރުން މާތްﷲ ދެކަމުން ކުރެ އެއްކަމެއް ތިމަންކަލޭގެފާނަށް ދެއްވަން ވަޢުދުވެ ވޮޑިގަންފައިވެއެވެ."
މި ހަނގުރާމައިގައި ޤުރައިޝުންގެ ތެރެއިން ހަތްދިހަ މީހަކު މަރުވެ ހަތްދިހަ މީހަކު އަސީރުވިއެވެ. މުސްލިމުންގެ ތެރެއިން ޝަހީދުވީ ސާދަ މީހުންނެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަށާއި މުސްލިމުންނަށް މި ފަދަ ބޮޑު ކާމިޔާބީއެއް ލިބިވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟ މާތްﷲ މި ފަދަ ބޮޑު ނަޞްރެއް ދެއްވި ދެއްވުމުން މުސްލިމުން ޙާޞިލުކުރަން ޖެހޭ ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ވެއެވެ.
ރަސޫލުﷲގެފާނު ބަދްރު ހަނގުރާމާއިގައި ދުޝްމަނުންނާ ހަނގުރާމަ ކުރެއްވުމުގައި ލަޝްކަރު ސަފުސަފަށް އަތުރައި ލެއްވިއެވެ. މިއީ ޤުރައިޝުން ހަނގުރާމަކޮށް އުޅުނު ގޮތެއް ނޫނެވެ. ބަދްރުގެ ކުރިން ޢަރަބިން ހަނގުރާމަ ކޮށްފައިވަނީ ޖަހާފައި ފިލާ ގޮތަށެވެ. ކީރިތި ރަސޫލާ އިސްލާމީ ލަޝްކަރުގެ ސަފުތައް އެތުރުއްވީ ނަމާދުގައި ސަފުތައް އަތުރައިލެވޭ ގޮތަށެވެ. ފުރަތަމަ ސަފުގައި ތިބޭ މީހުންގެ މަސައްކަތަކީ ދުޝްމަނުންގެ ލޮންސިތަކުން ލަޝްކަރުގެ އެހެން ސިފައިން ދިފާޢު ކުރުމެވެ. އެއާ ޖެހުނު ސަފުތަކުގައި ތިބީ ދުނިދަނޑީގެ ފަހުލަވާނުންނެވެ. ކީރިތި ރަސޫލާއަށް މާތްﷲ އަންގަވަނީ "إِنَّ ٱللَّـهَ يُحِبُّ ٱلَّذِينَ يُقَـٰتِلُونَ فِى سَبِيلِهِۦ صَفًّا كَأَنَّهُم بُنْيَـٰنٌ مَّرْصُوصٌ[3] – ހަމަކަށަވަރުން، ހަރުދަނާ ބިނާއެއް ފަދައިން ސަފުސަފަށް އެތުރިގެން ތިބެ، އެކަލާނގެ މަގުގައި ހަނގުރާމަކުރާ މީހުންދެކެ، اللَّه ލޯބިވެވޮޑިގެންވެތެވެ." އިސްލާމީ ޢަސްކަރިއްޔަތުގެ ޞަފްޙާތަކުން އަޅުގަނޑުމެންނަށް އައު އީޖާދުތައް ވަނީ ފެނިފައެވެ.
ބަދްރު ހަނގުރާމައިގައި ދުޝްމަނުންނާ ހަނގުރާމަ ކުރެއްވި އިރު ހަނގުރާމައިގެ މައިދާނުގެ ވަށައިގެން އޮތް ވެށީގެ ބޭނުން އެކަލޭގެފާނު ވަރަށް ރަނގަޅަށް ހިއްޕެވިއެވެ. ޤުރައިޝުންގެ ލަޝްކަރު ބަދްރަށް ފޭބުމުގެ ކުރިން ކީރިތި ރަސޫލާ އެކަލޭގެފާނުގެ ލަޝްކަރައިގެން ބަދްރަށް ވަޑައިގަތެވެ. ރަސޫލުﷲގެފާނު އެކަލޭގެފާނުގެ ލަޝްކަރަށް ފެން ލިބޭގޮތަށް ބަދްރަށް ފައިބައިވަޑައިގަތެވެ. އިރު އޮއްސެމުން ދިޔައިރު މުސްލިމުންގެ ލަޝްކަރުގެ ފަހަތަށް އިރު ވާ ގޮތަށް މުސްލިމުން ބަދްރުގައި ރުކުރުވާލިއެވެ. މުސްލިމުންގެ ލަޝްކަރު ގޮސް ބަދްރުގެ ފެންގަނޑާ ކައިރި ހިސާބަކަށް ފޭބުމުން އަލްޙުބާބު ބުނުލް މުންޛިރު[4] ދެންނެވިއެވެ. މިއީ މާތްﷲ އަންގަވައިގެން ފައިބާވަޑައިގަން ތަނެއްތޯއެވެ؟ ނުވަތަ މިއީ މަޝްވަރާ ކުރުމާއި ޚިޔާލު ފާޅުކުރުން އޮތްކަމެއްތޯއެވެ؟ ރަސޫލުﷲގެފާނު މިއީ ޚިޔާލު ފާޅުކުރުމާއި މަޝްވަރާކުރުން އޮތްކަމެއް ކަމުގައި ޙަދީޘް ކުރެއްވުމުން، މިއީ ފައިބާ ތިބުން ރަނގަޅު މަންޒިލެއް ނޫންކަމަށް ދަންނަވައި، ބަދްރުގެ ފެންގަނޑުގެ އެހެން ހިސާބެއް ދެއްކެވިއެވެ. އެހިސާބަށް ފައިބައިފިނަމަ މުސްލިމުންނަށް ފެންލިބި، މުޝްރިކުންނަށް ފެން ނުލިބޭނެގޮތް ހަދައިލެވިދާނެކަމަށް ޙުބާބު ދެންނެވިއެވެ. ކީރިތިރަސޫލާ އަލްޙުބާބުގެ ޚިޔާލުފުޅު ރަނގަޅު ޚިޔާލެއްކަމަށް ދެކެވަޑައިގެން އެގޮތަށް ޢަމަލުކުރެއްވިއެވެ.[5] މިއީ ޝޫރާގެ މުހިއްމުކަން ހާމަކޮށް ދޭ ހާދިސާއެކެވެ. އަދި މިހާދިސާއިން މަޝްވަރާ ކުރެވޭނެ ކަންތައްތަކާއި މަޝްވަރާ ނުކުރެވޭނެ ކަންތައްތައް ހާމަވެއެވެ. މާތްﷲ ވަކިގޮތަކަށް ކުރަން އަންގަވާފައިވާ ކަމަކާ މެދު މަޝްވަރާއެއް ނުކުރެވޭނެއެވެ.
ހުކުރުދުވަހު ހެނދުނު (އެއީ ރަމަޟާންމަހުގެ 17 ވަނަ ދުވަސް) ދެ ލަޝްކަރު ހަނގުރާމައިގެ މައިދާނުގައި ކުރިމަތިލައިފިއެވެ. އެއްލަޝްކަރަކީ މުސްލިމުންގެ ލަޝްކަރެވެ. މި ލަޝްކަރު ދިފާޢު ކުރަނީ ޙައްޤެވެ. އަނެއް ލަޝްކަރަކީ މުޝްރިކުންގެ ލަޝްކަރެވެ. އެއީ ޝައިޠާނާ ދިފާޢުކުރާ ލަޝްކަރެކެވެ. ބާޠިލަށް ނަޞްރުދޭން ނުކުތް ލަޝްކަރެކެވެ. ހަނގުރާމަ އެންމެ ގަދަވި ވަގުތު މުސްލިމުންނަށް ހިތްވަރުދެއްވުމަށާއި މަދަދު ދެއްވުމަށްޓަކައި މާތްﷲ މަލާއިކަތުންގެ ފައުޖެއް ފޮނުއްވިއެވެ.
ހަނގުރާމަ ނިމުމުން މުޝްރިކުންގެ ތެރެއިން ހައްޔަރުކުރެވުނު އަސީރުންނާ މެދު ކަންތައްކުރާނެ ގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެކަލޭގެފާނަކީ ލަޝްކަރުގެ ވެރިޔާ، ކޮމާންޑަރ އިން ޗީފް ކަމުގައި ވިޔަސް އަމިއްލަފުޅަށް ޤަރާރު ކަނޑައެއް ނާޅުއްވައެވެ.
މުސްލިމުންނަށް މިފަދަ މަތިވެރި، މިފަދަ ބޮޑުކާމިޔާބީއެއް ލިބުނީ ކިހިނަކުންތޯއެވެ؟ މި ސުވާލު އެތައް ސަބަބުތަކާ ހެދި ކުރަން އެބަޖެހެއެވެ. މުސްލިމުން ނުކުތީ ހަނގުރާއެއް ކުރާކަށް ނޫނެވެ. މުސްލިމުން ތިބީ ހަނގުރާއެއް ކުރަން ތައްޔާރުވެގެނެއް ނޫނެވެ. މުސްލިމުންގެ އަތުގައި ހަތިޔާރެއް ނެތެވެ. މުޝްރިކުންނާ އަޅައިބަލާއިރު މުސްލިމުންގެ ޢަދަދު ވަރަށް މަދެވެ. މީގެ އިތުރަށް ވަގުތަކީ މުސްލިމުންނަށް މުނާސަބު ވަގުތެއް ނޫނެވެ. ރަމަޟާންމަސް ކަމުގައިވާތީއެވެ. މުސްލިމުންނަށް ބަދްރުގައި މިހާބޮޑު ކާމިޔާބީއެއް ލިބުމުން އެކަމާ މެދު ސުވާލުތައް އުފެދެއެވެ. މިޒަމާނުގެ ޢަސްކަރީ މިންގަނޑުތަކުން ބަލާއިރު މުސްލިމުންނަށް ބަދްރު ހަނގުރާމާގައި ކާމިޔާބު ލިބިގެން ނުވާނެއެވެ.
ނަމަވެސް ﷲގެ މިންގަނޑު ތަފާތެވެ. މާތްﷲ މި ހަނގުރާމާގައި ސާފު ހެކިތަކުން ބަޔާންކޮށްދެއްވި އެއް ކަމަކީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއްކަމެވެ. މާތްﷲއަށާއި ﷲގެ ރަސޫލާއަށް ނަޞްރު ދޭބަޔަކަށް މާތްﷲ ނަޞްރު ދެއްވާނެކަމެވެ.
މުސްލިމުން މި ހަނގުރާމަކުރީ ވަރުގަދަ ޢަޤީދާއަކާއި އިޚްލާޞްތެރި ކަމަކާ އެކުގައެވެ. އެމީހުންނަށް އޮތީ މުޅިންވެސް ކާމިޔާބުކަން ދަނެތިބެއެވެ. ހަނގުރާމަކޮށް މޮޅުވެއްޖެނަމަ ނަޞްރާއި ޣަނީމާތަކެވެ. ހަނގުރާމަކޮށް ޝަހީދުވެއްޖެނަމަ ސުވަރުގެއެވެ.
މުސްލިމުން ހަނގުރާމަކުރީ އެމީހުންގެ ކޮމާންޑަރަށް ފުރިހަމައަށް ކިޔަމަންގަނެ އިތުބާރު ކޮށްގެންނެވެ. ކީރިތި ރަސޫލާ އެންގެވި ގޮތަށެވެ. އެކަލޭގެފާނުގެ އެއްވެސް ބަސްފުޅަކާ ޚިލާފުނުވެއެވެ.
ޙަވާލާ:
[1] – سورة الأنفال : 41
[2] – سورة الأنفال : 41
[3] – الصف: 4
[4] – ތާރީޚީ ބައެއް ފޮތްތައް ބުނާ ގޮތުގައި އޭނާގެ ނަންފުޅަކީ ޚައްބާބެވެ.
[5]– ބައެއް ރިވާޔަތްތައް ބުނާގޮތުގައި އެވަގުތު ޖިބްރީލުގެފާނު ފައިބާވަޑައިގެން ޙުބާބު ދެންނެވިގޮތަށް ޢަމަލުކުރެއްވުމަށް މާތްﷲ އެންގެވިކަމަށް ދެންނެވިއެވެ.