ޖާހު އިންވެސްޓްމެންޓާއެކު ހެދި އެއްބަސްވުން އެޗްޑީސީން ބާތިލްކޮށްފި!

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ތަރައްޤީކުރަމުން އައި "ދަ ގާޑަންސް" ހައުސިންގ ޕްރޮޖެކްޓް ނިންމުމަށް ދީފައިވާ އެންމެ ފަހުގެ މުއްދަތު ހަމަވިއިރުވެސް މަސައްކަތް ނިންމާފައި ނުވާތީ އެޗްޑީސީން އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާޠިލުކޮށްފިއެވެ.

މި ޕްރޮޖެކްޓް ނިންމުމަށް އެކި ފަހަރު މަތިން އިތުރު މުއްދަތު ދިނުމަށްފަހު، އެންމެ ފަހުގެ ޤާނޫނީ ނޯޓިސްއެއް 27 ޖަނަވަރީ 2025 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވާފައިވާކަމަށް އެޗްޑީސީން މައުލޫމާތު ދީފައިވެއެވެ. މި ނޯޓިސްގައި 45 ދުވަހުގެ މުއްދަތެއް ދީފައިވީ ނަމަވެސް، އެ މުއްދަތުގައިވެސް މަސައްކަތް ނުނިންމުމުން 16 މާރިޗު 2025 ގައި ވަނީ އެއްބަސްވުން ބާތިލުކޮށް، ތަން ހަވާލުކުރުމަށް އަންގާފައެވެ.

އެޗްޑީސީން ބުނާ ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެޕާޓްމަންޓްތަކަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުގައެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

މި ޕްރޮޖެކްޓަކީ 2017 ވަނަ އަހަރު ފެށި ޕްރޮޖެކްޓެކެވެ. ގިނަ ފަހަރު މަތިން އިތުރު މުއްދަތު ދިން ނަމަވެސް މި ޕްރޮޖެކްޓް ނިންމާފައި ނުވާ ކަން ފާހަގަކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!