ސާޑިއޯ މާނޭ އޭނާގެ އަންހެނުން ޢާއިޝާއާއެކު

މަޝްހޫރު، މުސްލިމް ފުޓްބޯޅަ ކުޅުންތެރިޔާ ސާޑިއޯ މަނޭއަށް ދަރިޔަކު ލިބިއްޖެ!

މަޝްހޫރު، މުސްލިމް، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާ ސާޑިއޯ މަނޭއަށް ދަރިޔަކު ލިބިއްޖެއެވެ.

އެފްރިކާގެ ސެނަގޯލްއަށް އުފަން ސާޑިއޯއަށް އަންހެން ދަރިޔަކު ލިބިފައިވަނީ މާރިޗް މަހުގެ 13 ވަނަ ދުވަހުއެވެ.

އުމުރުން 19 އަހަރުގެ ޢާއިޝާ ޓަމްބާއާ ސާޑިއޯ ކައިވެނި ކޮށްފައިވަނީ އުމުރުން 32 އަހަރުގައި 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އިނގިރޭސިވިލާތުގެ ލިވަރޕޫލްއަށް ކުރިން ކުޅުނު ސާޑިއޯ މިހާރު ދިރިއުޅެމުން އަންނަނީ ސަޢޫދީ ޢަރަބިއްޔާގައެވެ. އޭނާ މިހާރު ކުޅެނީ ސަޢޫދީ ޢަރަބިއްޔާގެ އަލްނަޞްރު ފުޓްބޯޅަ ކުލަބަށެވެ.

ސެނަގޯލްއަށް އުފަން ޢާއިޝާއަށާ ސާޑިއޯއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބުނުކަން އިޢުލާނު ކުރީ ވެސް އަލްނަޞްރު ކުލަބުންނެވެ. އެ ކުލަބުން ވަނީ ސާޑީއޯގެ ޙަޔާތަށް އައި މި އުފާވެރި ވަގުތުގައި މަރުޙަބާ ކިޔައިފައެވެ. އެ ކުލަބުން ހުކުރު ދުވަހު ކުޅުނު މެޗްގައި ސާޑިއޯ ވަނީ ދަރިފުޅު ލިބުނުކަން ފާހަގަ ކުރުމުގެ ގޮތުން ގޯލް ޖެހުމަށްފަހު ކުޑަކުއްޖަކު އަތްދަނޑިމަތީ ބާއްވައިގެން ހުންނަ ފަދަ ގޮތަކަށް އިޝާރާތް ކޮށްފައެވެ.

ސެނަގޯލްގެ ފަޤީރު ސަރަޙައްދަކަށް އުފަން ސާޑިއޯއަކީ އޭނާގެ އުފަން އަވަށަށް ވަރަށް ގިނަ ހޭދަތައް ކުރާ ސާދާ ކުޅުންތެރިއެކެވެ. އެގޮތުން އަހަރަކު އޭނާއަށް ލިބޭ 14 މިލިއަން ޑޮލަރުގެ މުސާރައިގެ ބޮޑު ބައެއް ހޭދަކުރަނީ އޭނާގެ އުފަން އަވަށުގެ ޢުމްރާނީ ތަރައްޤީއަށެވެ.

 

advertisement
ހިޔާލު ދެއްވާ!