އެމްޑީޕީގެ އިސް އެކްޓިވިސްޓް މަރިޔަމް ޒުބައިރު، މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
މިކަން ކުށްވެރިކުރައްވައި އެ ކަމަނާ މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުގައި، ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް އެފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމުގައެވެ.
އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރައްވާފައިވެއެވެ.
މަންދީގެ ގަޔަށް ބަޔަކު ކަޅުތެޔޮ ޖެހީ އެމްޑީޕީ އިން ކޮންމެ ރެއަކު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާ ތަކުގެ ތެރެއިން ރޭގެ މުޒާހަރާގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގައި ރޭ މެންދަމު 1:07 ހާއިރުއެވެ.
މަންދީގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް ހެލްމެޓް އަޅައިގެން ތިބި ބައެއް ކަމަށް އޭނާ ރޭ ބުނެފައިވެއެވެ. އަދި އޭނާ ވަނީ އެކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާއިން ނަގަންޖެހޭނެ ކަމަށް ބުނެފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ އެމްޑީޕީން ކުރިއަށް ގެންދިޔަ އެއްވުމެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލަކާ ގުޅޭގޮތުން މަންދީ ދެއްކެވި ސާބިތު ނުހިފޭ ވާހަކަތަކެއްގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައި ވަނިކޮށެވެ. މަންދީ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައީސްގެ އާއިލާ އިން ވަނީ އޭނާގެ މައްޗަށް ދައުވާކުރަންވެސް ނިންމާފައެވެ.