މާފަންނު ސަހަރާގައި މި ރޯދަމަހު ތައްޔާރުކުރި ބައިބަލާކުޅޭ ބިން . މިހާރު އެތަން ވަނީ ނަގާފައި. ފޮޓޯ: ނާޖިހް ދީދީ

މާލޭ ސިޓީ ކައުންސިލުން ސަހަރާގައި ހެދި ބައިބަލާ ކުޅޭތަން ނަގައިފި!

ގިނަ ބަޔަކު ނުރުހުންފާޅު ކުރުމުން،  މާލޭސިޓީ ކައުންސިލުން މާފަންނު ސަހަރާގައި ހެދި ބައިބަލާ ކުޅޭތަން އެންމެފަހުން ނަގައިފިއެވެ.

ގަބުރުސްތާނު ތަރައްޤީ ކުރުމަށް މާލޭސިޓީ ކައުންސިލުން ދާދިފަހުން ވަނީ މާފަންނު ސަހަރާގައިހުރި ގަބުރުތައް ނަގައި، ސާފުކޮށްފައެވެ.

ގަބުރުތައް ނަގާފައިވާ ސަރަހައްދުގައި ބައިބަލާ ކުޅޭ ތަނެއް ތައްޔާރުކުރުން ވެގެން ދިޔައީ ގިނަ ބަޔަކަށް ޤަބޫލުކުރަން ދަތިވި ކަމަކަށް ކަން ސޯޝަލްމީޑިއާއިން ފާހަގަވިއެވެ.  ވަރަށް ގިނަ ބަޔަކު ދިޔައީ މާލޭސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.  މީހުންގެ ގަބުރުތައް ނަގައި ކުޅޭ ތަނެއް ހެދުމަކީ ގަބޫލު ކުރަން ދަތި ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ދީނީ ގޮތުން ބަލާއިރު އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ބުނެ ބައެއް ޝައިޚުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެއެވެ.

މާފަންނު ސަރަހާގައި ބައިބަލާ ކުޅޭ ތަނެއް ތައްޔާރުކޮށްފައިވާ ފޮޓޯ އިއްޔެ އާންމު ކުރެއްވީ ދިވެހި ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމަށްވާ ނާޖިހު ދީދީ އެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި ދޮންވެލި އަޅައި ވަށައިގެން ވެލިބަސްތާ ޖަހައިގެން އެތަން ތައްޔާރުކޮށްފައި އޮތީ ބައިބަލާ ކުޅޭ ތަނަކަށެވެ. ނަމަވެސް މިހާރު އެ ތަން ވަނީ އެއްކޮށް ނަގައިފައެވެ.

މި މައްސަލަ ފެންމަތިވުމުން  މޭޔަރު އާޒިމް ފުރަތަމަ ވިދާޅުވެފައި ވަނީ ސަހަރާ އިން ގަބުރުތައް ނަގައި އެތަން އެއްކޮށް ހުސްކޮށްފައިވާ ކަމަށާއި އެ ބިމުން ބައެއް ދީފައި ވަނީ ކުރިއަށް އޮތް ފިތުރު އީދުގައި އޮންނަ ބައިބަލާ މުބާރާތަކަށް ތައްޔާރުވާ ބަޔަކަށްކަމަށެވެ.

ނަމަވެސް މައްސަލަ ހޫނުވެ ގިނަ ބަޔަކު މިކަމާ ދެކޮޅު ހެދުމުން އާޒިމް ވިދާޅުވީ މާފަންނު ސަހަރާ ހުރި ބިމުގައި ކުޅިވަރު ކުޅޭ ތަނެއް ހަދައިގެން ބަޔަކު އުޅެނީ ސިޓީ ކައުންސިލުގެ ހުއްދައާއެކު ނޫން ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.

ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރާއްޖޭގެ ތާރީޚުގެ ވެސް މުހިއްމު ތަރިކައެއް ގޮތުގައި ބެލެވޭ މާފަންނު ސަހަރާގައި ހުރި ގަބުރުތައް ނަގައި، އެ ބިން އެއްކޮށް ހުސްކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ތެރޭގައެވެ.

 

advertisement
ހިޔާލު ދެއްވާ!