ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ސްޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 3 ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ޖޭއެސްސީ އިން ރައީސުލް ޖުމްހޫރިއްޔާއަށް ލަފާއެރުވުމާ ގުޅިގެން އެމަގާމަށް ޝަހީދު އައްޔަންް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާގުޅިގެން އެ މައްސަލަ ދިރާސާކުރުމަށް މިއަދުގެ ޖަލްސާގައި ޖުޑިޝަރީ ކޮމެޓީއަށް ފޮނުވިއެވެ.
އެ މައްސަލަ ދިރާސާ ކުރަން މިއަދު ޖުޑިޝަރީ ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ފޮނުވާފައިވަނީ ޖޭއެސްސީން އިންޓަވިއުކޮށް، ރަނގަޅަށް ދިރާސާކުރުމަށް ފަހު ކަމަށެވެ. އެހެންވެ، މިކަމުގައި ކޮމިޓީން ދެން އިތުރަށް ކުރާނެ ދިރާސާއެއް ނެތް ކަމަށެވެ. ކޮމިޓީގެ ބައްދަލުވުމުގައި ޝަހީދަށް ރުހުން ދޭން ފެންނަކަމަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އެ ހުށަހެޅުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ވަނީ ތާއީދު ކުރައްވާފައެވެ. އެއާއެކު ޝަހީދަށް ރުހުން ދޭން ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމަށްފަހު ކޮމިޓީ ބައްދަލުވުން ވަނީ ނިންމާލާފައެވެ.
އަދި މާދަމާ އޮންނަ މަޖްލީހުގެ ޖަލްސާގައި ޝަހީދު ސްޕްރީމް ކޯޓަށް ޢައްޔަންކުރުމާމެދު ގޮތެއް ނިންމާނެއެވެ
އަލްއުސްތާޛު ޙުސައިން ޝަހީދަކ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށް ފަހު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަނޑިޔާރު ޙުސެއިން ޝަހީދު ވަނީ އައްޑު ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަގާމު އަދާކުރައްވާފައެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވި އަލްއުސްތާޛު ޙުސައިން ޝަހީދާ ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތައް ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18 ނޮވެންބަރު 2022ން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަން ކުރައްވާފައިވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ ކޮރަޕްޝަންގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށުމުން ފަނޑިޔާރުކަމުގެ މަޤާމުން ޙުސްނުއް ސުޢޫދު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާއި، އަލްއުސްތާޛާ އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ޖިނާއީ ތަޙްޤީޤެއް ކުރަމުންދާކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީން، ޖޭއެސްސީއަށް އަންގާފައިވުމާއި އެމައްސަލަބަލާތީ ފަނޑިޔާރު ޑރ. އަޒްމިރާލްދާއާއި، ފަނޑިޔާރު މަހާޒް، މި ދެފަނޑިޔާރުން މިވަގުތު ތިއްބެވީ ސަސްޕެންޑްކޮށްފައެވެ.