SAHABA TEMPLATE - 4

ޤުރްއާނާއި ސައެންސްގެ އަލީގައި – ޢަފޫކުރުމާއި މާފްކުރުމަކީ ފަރުވާއެއް!

ޢަފޫކުރުމާއި މާފްކުރުން ރަގަޅުކަމަކަށް ވަނީ ހަމައެކަނި ދީނީގޮތުން އެކަންޏެއް ނޫނެވެ. އެއީ ވޭންދެނިވި ނަފްސާނީ ކަސްތޮޅަކުން މީހާ ސަލާމްތަކުރުވާ، ހިތުގައި އުފެދިފައިވާ ރުޅިވެރިކަމުގެ ފާރުތައް ރަނގަޅުކޮށް، ދޭދޭމީހުންގެ ގުޅުމާއި، މުޅި މުޖުތަމަޢުގެ އުޅުމާއި ގުޅުން އާލާކުރުވާ، ނަފްސަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ. މިއީ އިލާހީ ޙިކުމަތުގެ ތެރޭގައި ބަޔާންވެގެންވާ، އަދި ޒަމާނި ސައެންސުން ސާބިތުވާ ކަމެކެވެ. މާފްކުރުމާއި ޢަފޫކުރުމަކީ ޤުރްއާންނުން އަމުރު ވެވިގެންވާ، ސުންނަތުން ބާރުއަޅާ، އަދި ޒަމާނުގެ ސައެންސުން އޭގެ ފައިދާތަށް ސާބިތުވާ، ދުނިޔެ ދެމިއޮތްހާ ހިނދަކު އޭގެ ލާބައާއި މަންފާތައް މުޅި އިންސާނިއްޔަށް ލިއްބައިދޭނެ މަތިވެރި ޢަމަލެކެވެ.

މިލިޔުމުގައި ބަލާލާނީ ޢަފޫކުރުން ނުވަތަ މާފްކުރުމާ ގުޅޭގޮތުން ކީރިތި ޤުރްއާނާއި، ﷲގެ ރަސޫލާގެ އިރުޝާދުތަކާއި ޒަމާނުގެ ދިރާސާތަކުގެ އަލީގައި ސާބިތުވާ ބައެއް ފައިދާ ނުވަތަ ފަރުވާ ތަކުގެ މައްޗަށެވެ.

ޢަފޫކުރުމާއި މާފްކުރުމަކީ ފަރުވާއެއްކަން އެނގޭ ޤުރްއާނުގެ ޙުއްޖަތްތައް.

ޢަފޫކުރުމާއި މާފްކުރުމަކީ ﷲގެ ރަޙްމަތާއި ރުއްސެވުން ލިބިގަތުމަށް ނުހަނު ބޭނުންތެރި ކަމެއްކަން، ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ﷲ ވަޙީކުރައްވާފައި ވެއެވެ. މިގޮތުން އެކަމަށް އަމުރުކުރައްވައި، ކީރިތި ޤުރްއާނުގެ ނޫރު ސުރަތުގެ 22 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި، ތަނަވަސްކަމުގެ ވެރިން، ގާތްތިމާގެ މީހުންނާއި، މިސްކީނުންނަށާއި، ﷲގެ މަގުގައި ހިޖްރަކުޅަ މީހުންނަށް، ނުދިނުމަށް ހުވާ ނުކުރާހުށިކަމެވެ! އަދި އެއުރެން ޢަފޫކޮށް މާފްކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ."

ޢަފޫކުރުމާއި މާފްކުރުމަށް ބާރުއަޅުއްވައި، އެކަމުގައި ލައްވާފައިވާ މަތިވެރި ހެޔޮޖަޒާއަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އައްޝޫރާ ސޫރަތުގެ 40 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. މާނައީ: "ނުބައިކަމެއްގެ ޖަޒާއަކީ އެއާއެއްފަދަ ނުބައިކަމެކެވެ. ފަހެ (ނުބައިކަމެއް ކޮށްފިމީހާއަށް) ޢަފޫ ކޮށް، ޞުލްޙަވެރިވެގަތްމީހާގެ ޘަވާބު ވަނީ، ﷲގެ ޙަޟްރަތުގައެވެ. ހަމަކަށަވަރުން، އެކަލާނގެ، އަނިޔާވެރިންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ." މި އާޔަތުން އަނިޔާވެރިވުމާއި ބަދަލުހިފުމަކީ ﷲ ރުހިވޮޑިގެންނުވާ ކަންކަން ކަމާއި ގިނަގިނައިން ޢަފޫކުރުމާއި  މާފްކުރުމުގެ މަތިވެރިކަމާއި، މާތްކަން ދޭހަވެއެވެ.

އަދި ޢަފޫކުރުމާއި މާފްކުރުމަކީ ސުވަރުގެ އެމީހަކަށް ޙާޞިލްވުމުގެ ނަޞީބު މިންވަރުކުރައްވާނެ ކަމެއްކަމަށް އިޝާރާތްކުރައްވައި ކީރިތި ޤުރްއާނުގެ އަލް އަޢުރާފް ސޫރަތުގެ 199 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: "ކަލޭގެފާނު ޢަފޫ ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ!" މި އާޔަތުން ޢަފޫކުރުމާއި މާފްކުރުން ގިނަކުރުމަކީ ﷲ ގެ މަގުގައި ސާބިތު ކުރުވާނެ ކަމެއްކަން ދަލީލުކުރެއެވެ. ﷲގެ މަގުގައި ސާބިތުވެއްޖެ މީހެއްގެ ގޮވައްޗަކީ މަތިވެރިވެގެންވާ ސުވަރުގެތައް ނޫންތޯއެވެ؟

ޢަފޫކުރުމާއި މާފްކުރުމަކީ ފަރުވާއެއްކަން ދަލީލުކުރާ ސުންނީ ހެކިތައް.

ރަސޫލުﷲ (ﷺ) އަކީ ޢަފޫކުރުމާއި މާފްކުރުމަކަށް ޙައްދެއް ނެތްކަން، އެކަލޭގެފާނުގެ ޢަމަލުފުޅުތަކުންނާއި، ހަދީސްފުޅުތަކުން މީސްތަކުންނަށް ސާބިތުކޮށްދެއްވި ބޭފުޅެކެވެ. މިކަން އެނގިގެންދާ ދަލީލުތަކުގެ ތެރޭގައި މައްކާ ފަތަޙަކުރެއްވި ދުވަހުގެ ޙާދިސާތަކާގުޅުންހުރި ޢަމަލުފުޅުތަކުން މުޅިދުނިޔެއަށް ނަމޫނާ ދައްކަވާފައިވެއެވެ. މައްކާގެ ކާފިރުންނަކީ އަނިޔާވެރިކަން ހައްދުފަހަނަޅާފައިވާ، ނުލަފާ، ޖައްބާރު ބައެއްކަން، ސީރަތުން ހެކިދެއެވެ. އެމީހުންގެ އަނިޔާވެރިކަން ބޮޑުވެ، ފުރާނަފުޅައް ނުރައްކާވުމުން، އެންމެ ލޯބިޔާ ބިން ދޫކުރައްވައި ނުކުންނަވަން ޖެހިވަޑއިގަތުމުގެ އިތުރަށް، ގާތްތިމާގެ އެތައްބަޔަކާއި އެތަށް މުސްލިމުންނެއް، ޙައްޤަކާއިނުލާ ޤަތުލުކޮށް، ވޭނީ އެތައް އަނިޔާއެއްދީ، އިސްލާމްދީން ފެތުރުނަ ނުދޭން، އެ ކާފަރުން ކުރެއްވި ހަނގުރާމަތަކުގެ ވާހަކަތަކުން މުޅި ސިޔަތުއެވަނީ ފުރިފައެވެ. އެކަމަކު އެދުވަހު (މައްކާފަތަހަ ކުރެއްވި ދުވަހު) އެ ކާފަރުންނަށް އިޝާރާތްކުރައްވާ، އެކަލޭގެފާނު ޙަދީސްކުރެއްވީ "ތިޔަބައިމީހުން މިނިވަނަކޮށް ދޫކޮށްލައްވައިފީމެވެ. ދެން ދިޔަކަސް ވަރިހަމެއެވެ." ޞަޙީޙު ބުޚާރީގައި ވާރުދުވެފައިވާ މި ޙާދީސުން، ކޮންމެ އިންސާނަކުވެސް، ތިމާގެ ޙަވާނަފްސުގެ ރުޅިވެރިކަމާއި ޙަސަދަވެރިކަން ބަހައްޓާންވީ، ހަމައެކަނީ ﷲ ގެ ވަޖްހުފުޅު އެދިގެންކަން ސާބިތުވެއެވެ. މިކަމުން މާފްކުރުމުގެ ފައިދާއާއި ބޭނުންތެރިކަން، ދުނިޔެމަތީގައި ވާހާކަމަކާއި، ތަކެއްޗަކަށްވުރެ މަތިވެރިކަން ސާބިތުވެއެވެ.

ޢަފޫކުރުމާއި މާފްކުރުމަކީ އިންސާނާގެ ޙަޔާތުގެ ރޫހްކަމުގައި އަށަގެންނެވުމަށް ރަސޫލުﷲ (ﷺ) އިރުޝާދު ދެއްވާފައިވާކަން، މުސްނަދު އަހްމަދުގައި ރިވާފެގެންވާ ޙަދީސް ނަމްބަރު 18449 އިން އެނގެއެވެ. މާނައީ "އަނެކުންނަށް އޯގާތެރިވުމުން ތިބާ އޯގަތެރިކަން ލިބިގަންނާށެވެ. ﷲގެ ރުއްސެވުމާއި ފުންސެވުން ލިބިގަތުމަށް، ތިބާ އަނެކުންނަށް ޢަފޫކޮށް މާފްކުރާށެވެ." މިކަމުން ދިރިއުޅުމުގެ އެންމެ މަތިވެރި އާދައަކަށް ހަދަންވީ ކަމަކީ ޢަފޫކުރުމާއި މާފްކުރުންކަން ސާބިތުވެއެވެ.

ރަސޫލުﷲ (ﷺ) ގެ މަތިވެރި ޢަމަލުފުޅުތައް، މުޅިންވެސް ބައްޓަން ކުރައްވާފައިވަނީ، ކީރިތި ޤުރްއާނުގެ ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތް ނަމޫނާއަކަށް ބައްލަވައިގެންކަން، ޞަޙީޙް ބުޚާރީގެ އެކަލޭގެފާނުގެ އަޚްލޤީ ރިވެތި އަދަބުތަކާބެހޭ ބާބުން ސާބިތުވެއެވެ. ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުގެ މާނައީ: "ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ، ގާތް ރަޙްމަތްތެރިޔަކު ފަދައިން ވެދާނެތެވެ."

ޢަފޫކުރުމާއި މާފްކުރުމަކީ ފަރުވާއެއްކަން އެނގޭ ޒަމާނީ ސައެންސްގެ ހޯދުންތައް.

ޢަފޫކުރުމާއި މާފުކުރުމަކީ، ނަފްސީނީ އަދި ޖިސްމާނީ ދުޅަހޮޔޮކަމަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ކަމެއްގެ އިތުރުން، މުޖުތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން އެކަމުގައި ހިމެނިފައިވާ ކަމެއްކަން ފަހުގެ ދިރާސަތަކުން ސާބިތުވެއެވެ.

ޖާނަލްއޮފް ބިހޭވިއެރަލް މެޑިސިންގައި 2020 ވަނައަހަރު ޝާޢިރުކޮށްފައިވާ ދިރާސާއަކުން އެނގޭގޮތުގައި، ޙަޔާތުގައި ގިނަގިނައިން ޢަފޫކޮށް މާފުކުރާމީހުންގެ ރޫޙީ، ޖަޒްބާތީ ހަމަޖެހުމުގެ ފެންވަރު ރަގަޅުވުމުގެ ސަބަބުން، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އެހެންކަމުން ޢަފޫކުރުމާއި މާފްކުރުމުގެ ސަޤާފަތެއްގެ ސަބަބުން، ހިތް ބިރުގަތުމާއި، ފިކުރުބޮޑުވުމާއި، މާޔޫސްވާން ދިމާވާ ޙާލަތްތައް މަދުވެ، ސިނކުޑިއަށް ލުއިވުމުގެ ސަބަބުން ޖިސްމަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ.

މަޝްހޫރު ޖޯންސް ހޮޕްކިންސް ޔުނިވަރުސިޓީން، މެޑިސިންގެ ދާއިރާއިން 2021 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން އެނގޭގޮތުގައި، މާފްކުރުމާއި ޢަފޫކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ހޯމޯންއެއް ކަމައްވާ "ކޯޓިސޯލް" އުފައްދާ މިންވަރު ދަށްކޮށްދިނުމުގެ ސަބަބުން، ހާޓްއެޓޭކް ޖެހުން މަދުކޮށްދީ، ޕްރެޝަރު ދައްކޮށްދީ، ދިފާޢީ ނިޒާމް ދުޅަހެއުކުރުމަށް ބާރުއަޅާދޭކަން ވަނީ ފާހަނގަ ކުރެވިފައެވެ.

ހަމައެހެންމެ، ސިނކުޑީގެ މަންޒަރުތައް ތަޙްލީލުކުރުމުގެ ދާއިއާއިން 2022 ވަނަ އަހަރު، "ފްރޮންޓިއާސް އިން ސައިކޮލޮޖީ" ޖާނަލްގައި ޝާޢިރުކޮށްފައިވާ "ނިއުރަލް ކޮރެލޭޝަން އޮފް ފޮގިވްނަސް" ނަމަކަށްކިޔުނު ދިރާސާއިން އެނގޭގޮތުގައި، މާފުކުރުމުން ސިކުނޑީގެ، އިޙްސާންތެރިކަމާއި، ކުލުނާއި، އޯގާތެރިކަމާއި ގުޅޭ ސަރަހައްދަށް، ތާޒާކަން ގެނުވާދިނުމުގެ ސަބަބުން، މީހާގެ އިޙްސާތަކާއި، ޖަޒުބާތުތައް ރަގަޅުކޮށްދީ، ހަށިގަނޑަށް ހަމަޖެހުން ގެނުވައިދެއެވެ. އެކަމުގެ ސަބަބުން ރުޅިވެރިކަން ފިލުވާދީ، ދޭދޭމީހުންގެ އުޅުމާއި ގުޅުން ބަދަހިކޮށްދީ، މުޖުތަމާއުގެ އެއްބައިވަންތަކަމާއި އުފާވެރިކަމާއި ހަމަޖެހުން އިތުރުކޮށްދެއެވެ.

މާފްކުރުމާއި ޢަފޫކުރުމާއި ގުޅޭގޮތުން ޤުރްއާނާއި ސައެންސް ހާމަވާ ބައެއް ފަރުވާތައް.

ޤުރްއާނާއި ސުންނަތުން ސާބިތުވާ، އަދި ޒަމާނީ ސައެއްސްގެ އަލީގައި ޢަފޫކުރުމާއި މާފްކުރުމަކީ ވަށާޖެހޭ އުފާވެރި އަމާން މާހައުލެއް ލިއްބައިދޭ، ދެމިގެންދާ ފަރުވާއެއްކަން ސާބިތުވެއެވެ. ޢަފޫކުރުމާއި މާފްކުރުމަކީ ނަފްސު ޠާހިރުކޮށްދޭ ކަމެއްގެ ގޮތުގައި ޤުރްއާނުން ސިފަކޮށްދެއްވާފައި ވާއިރު، މާފްކުރުކުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ ނުރައްކާތެރި ހޯމޯންތައް މަދުކޮށް، ވޭންދެނިވި އުދާސްތަކަށް ދާއިމީ ޙައްލެއް ގެނެސްދޭ ކަމެއްކަން ޒަމާނީ ސައެންސުން ސާބިތުވެއެވެ.

އިސްލާމްދީން ދަސްކޮށްދީފައިވަނީ، ޢަފޫކުރުމާއި މާފްކުރުމަކީ ނަފްސަށް ހަމަޖެހުމާއި، އުފާވެރިކަން ގެނެސްދޭ ކަންތައްތައް ކަމުގައިވާ، ރަޙްމާއި، ކުލުނާއި، އޯގާތެރިކަން އިސްކޮށް، ޙަސަދަވެރިކަމާއި، ޢަދާވާތްތެރިކަންފަދަ ނުބައިކަންކަމާއި ދުރުހެލިވުމަކީ، ދެމެހެއްޓެނިވި ވަށާޖެހޭ ފަހި ފަރުވާތައް އެކަންކަމުން ލިއްބައިދޭ ކަންކަން ކަން، ޒަމާނުގެ ނަފްސާނީ ޢިލްމުން ސާބިތުވެއެވެ.

މާފުކުރުމަށް އަންގަވާފައިވާ ޤުރުއާނުގެ ވަޙީގެ ބަސްފުޅުތަކާއި، ޒަމާނީ ޢިލްމީ ހެކިތަކާއި އެއްވެސް ފުށުއެރުމެއްނެތި އެއްގޮތްވެއެވެ. ޤުރްއާނުން ޢަފޫކުރުމާއި މާފުކުރުމަކީ އަޅުކަމެއްގެ ގޮތުގައި ސިފަކުރާއިރު، ޒަމާނީ ނަފްސާނީ ޢިލްމުވެރިން، މާފުކުރުމުގެ ވައްޓަފާޅި ދަސްކުރުމަށް، ހަމަޖެހިފައިވާ ނިޒާމެއްގެތެރެއިން ކަނޑައެޅިފައިވާ ލަނޑުދަނޑިތަކެއް ޙާޞިލްކުރެވޭތޯ ގަދައަޅާ މަސައްކަތްކުރުމުން (ތެރަޕީގެ ޒަރީޢާއިން) ނަފްސް އިޞްލާހްވާ ކަމެއްކަމަށް ދެކިލައްވަތެވެ.

އަދި ޤުރްއާނުން އެކަކު އަނެކަކަށް މާފްކޮށް، އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމަށް އަންގަވާފައިވާއިރު، ޒަމާނީ ނަފްސާނީ ޢިލްމުވެރިން މާފްކުރުމަކީ ރުޅިވެރިކަމާއި ޢަދާވާތްތެރކަމާއި، ޙަސަދަވެރިކަމުގެ ސަބަބުން ދުރުވެފައިވާ ގުޅުންތަށް، އަލުން ގުޅުވައިދޭ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ. އަދި އެއީ އެކަމުން ހިތަށާއި ސިކުނޑިއަށް ލުއިކަމާއި ފިނިކަން ގެނެސްދޭ ފަރުވާއެއްކަމުގައި ދެކިލައްވަތެވެ.

ވަށާޖެހޭ ޞިއްޙަތާބޭހޭ ދާރިސުންނާއި، އިސްލާމީ ރޫޙާނީ މުފައްކިރުންނާއި، ޒަމާނީ ސައިންސްވެރިން އެއްބަސްވާ ގޮތުގައި، މާފުކުރުމަކީ ބަލިކަށިކަމެއް އެކުލެވިފައިވާ ކަމެއްނޫނެވެ. އަދި ކިއެއްތަ އެއީ ޢަޒުމުގެ ވަރުގަދަކަމާއި، ޤަބޫލުކުރުމުގެ މަތިވެރިކަމާއި، ކެތްތެރިކަމުގެ ލާމަސީލުކަން ދައްކުވައިދޭ ހަރުދަނާ ޢަމަލެކެވެ. މާފްކުރުމަކީ، ވަކިވަކި ފަރުދުންގެ ހަމަޖެހުމާއި މުޅިމުޖުތަމޢުގެ ޞުލްޙަމަސަލަސް މަކަށް އާރޯކަން ގެނެސްދޭ، ދެމެހެއްޓެނިވި ފަރުވާއެކެވެ.

އަޅަމެންނީ، ﷲ ގެ ހެޔޮރަޙްމަތާއެކު، ދީލަތިކަމާއި ހިތުގެ ޚާލިޞްކަމާއެކު، އެކަކު އަނެކަކަށް ގިނަގިނައިން ޢަފޫކޮށް މާފުރުރާ ބައެއްކަމުގައި ލައްވާށި!

އާމީން!

advertisement
ހިޔާލު ދެއްވާ!