20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ

ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއް މަޖިލީހަކަށް ނެތް: ޢަބްދުއްރަޙީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް ނުފޫޒެއް ރައްޔިތުންގެ މަޖިލީހަށް އަދި މަޖިލީހުގެ ރައީސަށް ވެސް ނެތްކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިއަދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު،  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލް ކުރައްވަމުންދާކަމަށް ވިދާޅުވެ ކުރެއްވި ތުޙުމަތުތަކަކަށް ރައްދު ދެއްވަމުންނެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދަށް ގެނައި އިސްލާޙާ ގުޅޭގޮތުން ބަހުސް ކުރައްވަމުން މެންބަރު މަޢުރޫފް  ވަނީ، މަޖިލީހުގެ އިތުރުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ރައީސުލްޖުމްހޫރިއްޔާ ކޮންޓްރޯލް ކުރައްވާކަމަށް ވިދާޅުވެފައެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ އެއްވެސް މެމްބަރަކު ކޮށްގެންވާނެކަމެއް ނޫން ކަމަށާ މަޖިލީސް ހިންގަމުންދަނީ ޤަވާޢިދާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒެއް މަޖިލީހަށްވެސް އަދި އެމަނިކުފާނަށްވެސް ނެތް ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ތިން ބާރު ވަކިވެފައިވާ މި ނިޒާމުގައި އެއްބާރުން އަނެއްބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި، އެއްބާރު އަނެއްބާރަށް ފާރަވެރިވެގެން މަސައްކަތް ކުރާގޮތަށް އިންތިޒާމްކުރެވިފައިވާ ނިޒާމެއް ރާއްޖޭގައި އޮތްކަމަށާ  ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަ މެޖޯރިޓީ މަޖިލީހުގައި އޮތުމަކީ އެއީ އަދި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު މަޖިލީސް ކޮންޓްރޯލްކުރުން ކަމަށް ވިދާޅުވެވޭނެ ސަބަބެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!