ޤަތުލުއާންމު އަލުން ފެށުމަށް ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި އެއް ޢާއިލާގެ ކުދިންތަކެއް.

ހާރުދަމު ޔަހޫދީން ޣައްޒާއަށް ދިން ކުއްލި ހަމަލާތަކުގައި އެކަނިވެސް 174 ކުޑަކުދިން ޝަހީދުކޮށްލި!

އިއްޔެރޭ ހާރުދަމުގެ ވަގުތުގައި ކުއްލިއަކަށް ޔަހޫދީން ޣައްޒާއަށް ދިން ކުއްލި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 430 އަށް އަރާފައިވާއިރު އޭގެތެރޭގައި 174 ކުޑަކުދިން ހިމެނޭކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަދި މި އަދަދަކީ ފާއިތުވި އެއް އަހަރުގެ ތެރޭގައި، އެއްދުވަހެއްގައި އެންމެ ގިނައިން ކުޑަކުދީން ދުނިޔެ ދޫކުރި ދުވަސް ކަމަށް ޔުނިސެފުން ވެސް އިއްޔެ ވަނީ ބުނެފައެވެ.

އަނިޔާވެރި ޔަހޫދީން މި ހަމަލާތައް އަމާޒު ކުރީ ޣައްޒާގެ ގެދޮރުނެތް ރައްޔިތުން ޓެންޓު ޖަހައިގެން، ގިނަ އަދަދަކަށް ތިބި ސުކޫލް ފަދަ ތަންތަނަށްކަން ފާހަގަ ކުރެވެއެވެ. މި ހަމަލާތަކުގައި އެތައްބަޔަކު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާއިރު 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ފަލަސްޠީނުގެ ބިންތައް ފޭރިގެން އެތަނުގައި އުފައްދާފައި އޮތް އިސްރާއީލުގެ އަނިޔާވެރި ސިފައިން ކުއްލިއަކަށް ޣައްޒާގެ އެކި ތަންތަނަށް ބޮންއަޅައި އެތައް ބަޔަކު ޝަހީދުކޮށްފައި މިވަނީ ހަމަލާތައް ހުއްޓާލައި ޣައްޒާ އާރާސްތުކުރަން ހަދާފައިވާ އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ 58 ދުވަސްފަހުން، އެ އެއްބަސްވުން އުވާލުމަށް ފަހުގައެވެ.

ޔަހޫދީންގެ މި އަނިޔާވެރި ކުއްލި ހަމަލާއަށްފަހު އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަތަންޔާހޫ ބުނީ އެއީ އަދި ފެށުމެއް ކަމަށެވެ.

18 މާރިޗް ވީ އަންގާރަ ދުވަހުގެ ދަންވަރު، ޤަތުލުއާންމު އަލުން ފެށުމާއި ގުޅިގެން ޔަމަނުން އިސްރާއީލަށް ހަމަލާދޭން އަލުުން ފަށާނެ ކަމަށް ހޫތީންވެސް ވަނީ ބުނެފައެވެ. އަދި އިއްޔެ އިސްރާއީލުގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާއެއް ދީފައިވާނޭ ކަމަށް ވެސް ޔަމަނުގެ ހަނގުރާމަވެރި ގުރޫޕް އަންޞާރުﷲ އިން ވަނީ ބުނެފައެވެ

ޔަހޫދީންގެ މި ހަމަލާތައް ދުނިޔޭގެ ކަންކޮޅުތަކުން ކުށްވެރިކުރަމުން އަންނައިރު، އިސްރާއީލުން ހަނގުރާމަ އަލުން ފެށީ  އެމެރިކާއާ މަޝްވަރާކޮށްފައި ކަމަށް އެމެރިކާގެ ރަސްމީ ގަނޑުވަރު ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ޤަތުލުއާންމު އަލުން ފެށުމާއި ދެކޮޅަށް އިސްރާއީލުގައި ވެސް ދަނީ އެއްވުންތައް ބާއްވަމުންނެވެ. ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލައި ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރަން ސުލްހަވެރިވުމަށް އިސްރާއީލުގެ ވަޒަންވެރިން ދަނީ އަޑުއުފުލަމުންނެވެ.

އެމެރިކާގެ ބައިވެރިވުމާއެކު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ޔަހޫދީން ފެށި ޤަތުލުއާންމުގައި 62،000 އަށްވުރެ ގިނަ އާންމުން ވަނީ ޣައްޒާއިން ޝަހީދުވެފައެވެ. އަދި 111،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ޞުލްޙައިގެ އެއްބަސްވުމުގެދަށުން މި ޤަތުލުއާންމު މެދު ކަނޑާލާފައި ވަނީ 2025 ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.

 

advertisement
ހިޔާލު ދެއްވާ!