ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

ފަހު 10 ގައި އޮފީހަށް ނިކުންނަން ޖެހޭ މުވައްޒަފުންނަށް އިތުރު ޢިނާޔަތްތައް ދޭގޮތަށް ހަމަޖައްސައިފި!

ރަމަޟާން މަހުގެ ފަހު 10ގައި އޮފީހަށް ނުކުންނަން ޖެހޭ މުވައްޒަފުންނަށް އިތުރު ޢިނާޔަތްތައް ދޭގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.

ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން މިއަދުން ފެށިގެން ރޯދަ މަސް ނިމެންދެން ސަރުކާރު ބަންދު ވާނެއެވެ. ސަރުކާރު ބަންދު ނަމަވެސް ފުލުހުން، ސިފައިން އަދި ހޮސްޕިޓަލް ފަދަ ބަންދު ނުކުރެވޭ އިދާރާތަކުން ޒަރޫރީ ޚިދުމަތްދޭނެއެވެ.

އެހެންކަމުން މި ދުވަސްތަކުގައި އޮފީހަށް ނިކުމެ މަސައްކަތް ކުރަން ޖެހޭ މުވައްޒަފުންނަށް އިތުރު އިނާޔަތް ދިނުމާ ގުޅޭ ގޮތުން ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތަކުގެ 7 ވަނަ އިޞްލާޙް ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރައްވާ އެ އިސްލާޙަށް މިއަދުންފެށިގެން ޢަމަލު ކުރަން ވަނީ ފަށައިފައެވެ.

މި އިސްލާޙުގެ ދަށުން، މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް، ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް ޙާޟިރީ އިނާޔަތް ދޭން ޖެހޭނެއެވެ.

އަދި މި ދުވަސްތަކަކީ ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ބަލައި މުސާރައިން ދުވާލަކަށް ޖެހޭ މިންވަރުގެ ދެބައިކުޅަ އެއްބައި އިތުރު އިނާޔަތެއްގެ ގޮތުގައި އެ މުވައްޒަފުންނަށް ދޭން ޖެހޭނެއެވެ.

އަދި ފަހު 10 އަށް އިތުރު ގަޑީގެ ފައިސާ ދޭނީ ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި ބަލައިގެން ކަމަށާ މިހާރު ކަނޑައެޅިފައިވާ %10 ތެރޭގައި މި ދުވަސްތައް ނުހިމަނައި، މުވައްޒަފުން މަސައްކަތްކުރާ ހުރިހާ ވަގުތަކަށް އިތުރުގަޑީގެ ފައިސާ ދޭނެ ޖެހޭނެ ކަމަށް އެ އިސްލާޙުގައިވެއެވެ.

މީގެ އިތުރަށް ޕޭ ފްރޭމްވާކަށް ބަދަލުވެފައިވާ މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ދުވަހުގެ ތެރެއިން ހުކުރު އަދި ހޮނިހިރު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކަށް، އޮފީހަށް ހާޒިރުނުވި ނަމަވެސް ހާޒިރީ އިނާޔަތް ލިބޭނެ ކަމަށް އުސޫލުގައިވެ އެވެ.

ރަމަޟާންމަހުގެ ފަހު 10 ގައި އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒު ނިންމެވި މި ނިންމެވުމުގެދަށުން މިދިޔަ އަހަރު ވެސް ރަމަޟާންމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކަން ފާހަގަ ކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!