މިއަދަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އުފާވެރިކަމުގެ ދުވަހެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީގެ ޤަރާރަކުން 2012 ވަނަ އަހަރު ފާސްކޮށްގެން ފާހަގަ ކުރަމުން އަންނަ މި ދުވަހުގެ މިއަހަރުގެ ޝިޢަރަކީ "ކެއަރިންގ އެންޑް ޝެއަރިންގ" އެވެ.
ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން މިންކުރާނެ މިންގަނޑުތަކެއް ކަނޑައެޅުމުގެ މަސައްކަތް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަން ފާހަގަ ކުރެވެއެވެ.
މި ދުވަހުގެ މުނާސަބާގައި، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވަނީ އުފާވެރިކަމުގެ ދުވަހުގެ ތަހުނިޔާ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޢާއިލާއަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާމަރުކަޒީ ނިޒާމުގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށާއި އަދި އެންމެހައި ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފައެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރުގެ މި މެސެޖް އަރިސްކުރެއްވީ، ޕީއެސްއެމަށް ދެއްވި ވީޑިޔޯ މެސެޖެއްގައެވެ.
"ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް ފާހަގަކުރެވެމުންދާ އިރު ދިވެހިރާއްޖޭގައި އުފާވެރިކަމުގެ މިންގަނޑެއް ކަނޑައެޅުމުގެ މަސައްކަތް އަޅުގަނޑުމެން މި ވަނީ ފަށާއިފަ. އެ ގޮތުން އިސްލަމްދީނާ އެއްގޮތަށް ޢަމަލުކުރުމަށް، އިޤްތިޞާދީ ކުރިއެރުމާއި އުފެއްދުންތެރިކަމަށް އިސްކަންދިނުން، ޞިއްޙަތާ، ދުޅަހެޔޮކަމާ، ތިމާވެށްޓާ، ދެމެހެއްޓެނިވި ތަރައްޤީއަށް ޢަމަލުކުރުމަށް އަދި ޓެކްނޮލޮޖީއާއި، މީޑިއާގެ ބޭނުންކުރުމާ، ސަޤާފަތާއި އާދަކާދަ ދިރުވުމުގެ އިތުރުން އަމާންކަމާ ރައްކާތެރިކަމުގެ ވެށްޓެއް ޤާއިމްކުރުމާ، މުޖުތަމަޢުގެ ބަދަހިކަމަށް އިސްކަންދީގެން މަސައްކަތްކުރުން ހިމެނެ" ވަޒީރުގެ މެސެޖްގައި ވިދާޅުވިއެވެ.
ތަފާތު ދާއިރާތަކުން އެކަށޭނަ އިންޑިކޭޓާސްތަކެއް ތައްޔާރުކުރެވި، ރާއްޖޭގެ ރައްޔިތުންގެ އުފާވެރިކަން މިންކުރެވޭނެ ގޮތެއް ކައިރި ތާރީޚެއްގައި ފެނިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދުގެ މުނާސަބާގައި ދުނިޔޭގެ އުފާވެރިކަމުގެ ރިޕޯޓް 2025، އދ. ން އާންމުކުރަން ވަނީ ހަމަޖެހިފައެވެ.