ޒަޔަނިސްޓުން ފަލަސްޠީނުގެ ބިންތައް ފޭރި އެތަނުގައި ވަޒަންވެރިވެ އަތްގަދަކުރި ފަހުން 75 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ކޮންމެ ރަމަޟާން މަހަކު އަނިޔާވެރި ޔަހޫދީ ސިފައިން ޣައްޒާއަށް ދޭ ވައިގެ ހަމަލާތައް އިތުރު ކަމަށާ މި އަހަރުގެ ރަމަޟާން މަހު މިހާތަނަށް ދިން ހަމަލާތަކުގައި 710 މީހުން ޣައްޒާއިން ޝަހީދުކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އެގޮތުން މިހާރު ކުރިއަށް ދާ ޤަތުލުއާންމުގެ އިތުރުނ، މި ފަހަކަށް އައިސް އިސްރާއީލުގެ އަނިޔާވެރިކަން ޣައްޒާއިން އެންމެ ބޮޑަށް ފެނިގެން ދިޔައީ 2014 ވަނަ އަހަރުއެވެ. އެ އަހަރުގެ ރަމަޟާން މަހުގައި ދިން ވައިގެ ހަމަލާތަކުގައި 1492 މީހުން ޝަހީދުކޮށްލާފައިވެއެވެ.
އެއަށްފަހު 2021 ވަނަ އަހަރު ރަމަޟާން މަހުވެސް ޔަހޫދީންގެ ހަމަލާތައް އިތުރުކޮށްފައިވެއެވެ. އެ އަހަރު ދިން ވައިގެ ހަމަލާތަކުގައި 256 މީހުން ޝަހީދުކޮށްފައިވެއެވެ.
އެއަށްފަހު 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު 7 ގައި، ހަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާއަކާއި ގުޅިގެން ހަމާސް ޖަމާޢަތް ނައްތާލަން ކަމަށްބުނެ ޒަޔަނިސްޓުން ޣައްޒާގެ އާންމުންނަށް ދެމުން އަންނަ ވައިގެ ހަމަލާތަކުގައި 2024 ވަނަ އަހަރުގެ ރަމަޟާންމަހު އެކަނި ވެސް 2370 މީހުން ޝަހީދު ކުރިއެވެ.
މި އަހަރުގެ ރޯދަ މަހު ހަމަލާތައް ދޭން ފަށާފައި މިވަނީ މިއަހަރުގެ ޖެނުއަރީ 19 ގައި ޢަމަލުކުރަންފެށި ސުލްޙައިގެ އެއްބަސްވުން އުވާލުމަށްފަހު މި މާރިޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.
މާރިޗް މަހުގެ 18 ވަނަ ދުވަހުގެ ހާރުދަމު ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު އޭގެތެރޭގައި 174 ކުޑަކުދިން ހިމެނޭކަމަށް ފަލަސްޠީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ފަލަސްޠީނުގެ ނަޞްލު ނައްތާލުމަށް އެމެރިކާގެ އެހީގައި ޒަޔަނިސްޓް ޔަހޫދީން ހިންގަމުން އަންނަ ޤަތުލުއާންމު 2023 އޮކްޓޫބަރު 7 ގައި ފެށިފަހުން މިހާތަނަށް 62،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ. އަދި މި ހަމަލާތަކުގައި 111،000 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.