އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝަމްޢާން ވަޙީދު އެމަޤާމުން ވަކިކޮށް، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ފަޞީޙް ޢައްޔަނު ކުރައްވައިފިއެވެ.
ފަޞީޙް އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަނު ކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ޝަމްޢާން މަޤާމުން ވަކި ކުރެއްވިއިރު އޭނާ މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޝަމްޢާން މަޤާމުން ވަކިކޮށްފައި މިވަނީ އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަޤާމުގެ ބޭނުންކޮށް ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން، ރޭ ބުނެފައި ވަނިކޮށް ކަން ފާހަގަ ކުރެވެއެވެ.
އަދި މިމައްސަލާގައި 2025 މާރިޗް 20 ވަނަ ދުވަހުގެ ރޭ ގެއެއް ބަލާފާސްކޮށް 3 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ޝަމްޢާން އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ޢައްޔަނު ކުރެއްވީ 19 ނޮވެމްބަރު 2023 ގައެވެ.