ރަމަޟާންމަހަކީ މުސްލިމުންގެ ގާތުގައި އާދަޔާ ޚިލާފު މަހެކެވެ. މި މަގާލުގައި ބަލައިލާނީ ޞާލިޙު ސަލަފުންގެ ބަސްފުޅުތައް މިމަސް ސިފަކޮށްދެއްވާ ގޮތެވެ.
1- މާތްﷲ ރަޙްމަތްލެއްވި އިބްނު ރަޖަބު ވިދާޅުވިއެވެ. މުސްލިމަކަށް ރަމަޟާންމަހާ ހަމައަށް އާދެވުމަކީ އަދި ރަމަޟާން މަހުގައި ރޯދަހިފުމުގެ ޤާބިލުކަން ލިބުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. ރަމަޟާންމަހުގައި ރަޙްމަތްލެއްވުނު މީހަކީ މަރްޙޫމު މީހެކެވެ. ރަމަޟާން މަހުގައި ރަޙްމަތްނުލެއްވުނު މީހަކީ މަޙްރޫމު މީހެކެވެ.އެނބުރިދާން ޖެހޭ ދުވަހަށް ޓަކައި އެމަހުގައި ތައްޔާރުނުވި މީހަކީ މަލާމާތް ލިބިގެންވާ މީހެކެވެ.
2- ރަމަޟާން މަހާ ހަމައަށް ގެންގޮސްދެއްވާތޯ ސަލަފުން މާތްﷲ އަށް 6 މަސްދުވަހު ދުޢާ ކުރައްވައެވެ.
3- މާތް ﷲ ރަޙްމަތްލެއްވި ޢަބްދުލްޢަޒީޒު ބުނު މަރްވާން ވިދާޅުވެފައިވާ ގޮތުގައި ރަމަޟާން މަސް އައުމުން އެމަހުގައި އަޅުކަންކުރުމުގައި ހީވާގިކަން އިތުރުކޮށް ދެއްވުމަށް ސަލަފުން މާތް ﷲއަށް ދުޢާކުރެއްވިއެވެ.
4- މުސްލިމުންނަކީ ރަމަޟާންމަސް އައުމުން އެކަމަށް އުފާކޮށް އެއްބަޔަކު އަނެއް ބަޔަކަށް ތަހްނިޔާކިޔައި ރަޙްމަތާއި ބަރަކާތްލެއްވުމަށް އެދޭ ބައެކެވެ. މާތް ﷲ ރަޙްމަތްލެއްވި އިބްނު ޢުޘައިމީން ވިދާޅުވެފައިވާ ގޮތުގައި މުސްލިމުން މި މަސް އައުމުން އުފާވަނީ އަޅުކަންތައް ކުރުމުގައި ހީވާގިވެ އަޅުކަމުގެ މައިދާނުގައި ވާދަކުރެވޭތީއެވެ. މީގެ އިތުރަށް މުސްލިމުން ރަމަޟާން މަސް އައުމުން އުފާވަނީ މި މަހުގައި މާތްﷲ ލައްވައިފައިވާހެޔޮކަންތައް ގިނަކަމުންނެވެ. މި މަހުގައި ކުރާ އަޅުކަންތަކަށް ދެއްވާ ސަވާބު ބޮޑުކަމެންނެވެ. މާތް ﷲ ލައްވާ ރަޙްމަތާއި ދެއްވައި މާފާއި ދިންނަވާދިންނެވުން ގިނަ އިތުރުކަމުންނެވެ. އެ މަހުގައި އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ލައިލަތުލްޤަދްރި ލައްވައިފައިވާތީއެވެ.
5- މާތް ﷲ ރަޙްމަތްލެއްވި އިބްނު ރަޖަބު ވިދާޅުވިއެވެ. ރަމަޟާން މަސް އައުމުން މުސްލިމުން އުފާވަނީ އެ މަހުގައި މާތް ﷲ ޝައިޠާނުން ކަސްތަޅުއަޅުއްވާތީއެވެ.ޝަހްވަތްތެރިކަމުގެ އަލިފާންތައް ނިއްވައިދެއްވާތީއެވެ. ޣަފްލަތްތެރިކަމުގެ ވިލާތަކުން ހިތް ބަނަނުކޮށް ތަޤްވާވެރިކަމާއި އީމާންކަމުގެ އިރު އަރައި ހިތް އުޖާލާކޮށް ބަބުޅުވާތީއެވެ.
6- މާތް ﷲ ރަޙްމަތްލެއްވި އިބްނު ޢަބްދުލްބިއްރި ވިދާޅުވިއެވެ. ރަމަޟށާން މަސް އައުމުން މާތްﷲ ޝައިޠާނުން ކަސްތަޅުއަޅުއްވައި ބަންދުކުރައްވާނެކަމުގެ ޚަބަރު ކައު ރަސޫލާ ވަނީ ދެއްވައިފައެވެ. މި ބަސްފުޅުގެ މާނައަކީ މާތްﷲ މުސްލިމުން އުރެދުންތަކުން ރައްކައުތެރިކޮށްދެއްވާނެއެވެ. އަހަރުގެ އެހެން ދުވަސްތަކުގައި ޝައިޠާނާ އަންނަގޮތަށް ރަމަޟާން މަހުގައި މުސްލިމުންގެ ގާތަށް ޝައިޔާނުންނަކަށް ނާދެވޭނެތެވެ. ރަމަޟާން މަހުގައި ޝައިޠާނާ ޙަރަކާތްތެރިވާނެތެވެ. އެހެނަސް އޭއްޗަށް ލިބިފައިވާ ބާރު ނިސްބަތުން ކުޑަވާނެއެވެ.
7- މާތް ﷲ ރަޙްމަތްލެއްވި އިބްނުލްޖައުޒީ ވިދާޅުވިއެވެ. ﷲގެ މަތިވެރި ސަވާބުގެ މަތިން ޣާފިލުވެފައިވާ މީހާއޭވެ! ތިބާގެ ގާތަށް ރަޙްމަތާއި ރުއްސެވުމުގެ މަސް ރަމަޟާން މަސް އަތުވެއްޖެއެވެ. މި މަސް ކާމިޔާބުކުރެވޭތޯ މަސައްކަތްކުރާށެވެ! ޙަލާލު އެއްޗެހި ކައިބޮއި އުޅޭށެވެ. ޙަރާން އެއްޗެހި ނުކާށެވެ! ޙަރާން ކަންތައްތަކާ ދުރުހެލިވާށެވެ!ޣީބަބުނުމާއި ޒުވާބުކުރުމާއި އާޑަފުރައްސާރަކުރުމާ ދުރުހެލިވާށެވެ! ތިބާގެ ދޫ ރައްކައުތެރިކުރާށެވެ! ތިބާގެ އަތާއިފައި ރައްކައުތެރިކުރާށެވެ! ތިބާގެ ލަދުވެތި ގުނަވަންތައް ރައްކައުތެރިކުރާށެވެ!
8- މާތްﷲ ރަޙްމަތްލެއްވި އަލްއިމާމުއް ޠަބަރީ ވިދާޅުވިއެވެ. ރަމަޟާން މަހަކީ ކެތްތެރިކަމުގެ މަހެވެ. ދުވާލުގެ ވަގުތުތަކުގައި ރޯދަވެރިޔާ ކެއިންބުއިމާ ދުރުހެލިވެގެން ހުރުމަށް ކެތްތެރިވާތީއެވެ.
9- މާތް ﷲ ރަޙްމަތްލެއްވި އިބްނު ރަޖަބު ވިދާޅުވާ ގޮތުގައި ރަމަޟާން މަހުގައި ދެ ޖިހާދެއް ވެއެވެ. ދުވާލު ރޯދަހިފުމަށް ކުރާ ޖިހާދެވެ. ރޭގަނޑު ޤިޔާމުކުރުމަށް ކުރާ ޖިހާދެވެ. މި ޖިހާދުކުރުންމަތީ ރަމަޟާން މަސް ހޭދަކުރި މީހާއަށް މާތްﷲ އެއްވެސް ޙައްދެއްނެތި ސަވާބުދެއްވާނެއެވެ.
10- މާތް ﷲ ރަޙްމަތްލެއްވި އިމާމުއްޝާފިޢީގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ނަމޫނާއަކަށް ބަލައިގެން ކޮންމެ މުސްލިމަކު ވެސް ރަމަޟާން މަހުގައި ދީލަތިވުމަށް މަސައްކަތްކުރަންވާނެއެވެ. ނަބިއްޔާ e އަކީ ރަމަޟާންމަހުގައި ނަލަވައިރޯޅިއެއް ފަދަ ދީލަތި ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ފެންފޮދެއްގެ މިންވަރުން ވިޔަސް ރޯދަވެރިޔާއަށް ރޯދަވީއްލުމުގައި އެހީވެދިނުމަށް އުންމަތަށް ނަސޭހަތްދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރައްވަނީ ކަދުރުފަޅިވަރަކުން ވިޔަސް ނަރަކައިން ރައްކައުތެރިވާށެވެ!
11- މާތް ﷲ ރަޙްމަތްލެއްވި އިބްނު ޢަބްދުލްބިއްރި ވިދާޅުވިއެވެ. ރަމާންމަހުގެ ދުވަސް މަދުވިޔަސް ސަވާބު މަދެއް ނުވާނެތެވެ. ރަސޫލާ ޙަދީސްކުރެއްވިއެވެ. ((شَهْرانِ لا يَنْقُصانِ، شَهْرا عِيدٍ: رَمَضانُ، وذُوالحَجَّةِ. – أخرجه البخاري (١٩١٢)، ومسلم(١٠٨٩) – މާނައީ : ދެ މަހެއް އުނިނުވާނެތެވެ: އެއީ ޢީދުގެ ދެ މަހެވެ. ރަމަޟާން މަހާއި ޛުލްޙިއްޖާ މަހެވެ.)) މި ބަސްފުޅުގެ މާނައަކީ އެ މަސް ނަވާވީސް މަހަކަށް ވިޔަސް ތިރީސް މަހަކާ އެއްވަރަށް ސަވާބުދެއްވާނެތެވެ. ފާފަތައް ފުއްސަވާ ދެއްވާނެތެވެ. މާތް ﷲ ރަޙްމަތްލެއްވި ނަވަވީގެފާނު ވިދާޅުވާގޮތުގައި ކައުރަސޫލާގެ ބަސްފުޅުގެ ދޭހައަކީ އެ ދެ މަހުގެ ދުވަސްތަކުގެ ޢަދަދު މަދުވިޔަސް ކުރާ ހެޔޮ ޢަމަލުތަކަށް ސަވާބު ދެއްވުމާއި ކުށްފާފަތައް ފުއްސަވާދެއްވުން މަދެއް ނުކުރައްވާނެތެވެ.
12- ރަމަޟާންމަސް ނިމުމުން މުސްލިމުންނާއި މުނާފިޤުން އުފާކުރެތެވެ. މަތް ﷲ ރަހްމަތްލެއްވި ޞާލިޙު ބުނު ފައުޒާން ވިދާޅުވިއެވެ. ރަމަޟާން މަސް ނިމުމުން މުއުމިނުން އުފާވަނީ ﷲއަށް އަޅުކަންކުރުމާއި ކިޔަމަންތެރިވުމުގައި އެ މަހުގެ ބޭނުން ކުރެވުނީތީއެވެ. މި ކުރެވުނު އަޅުކަންތަކުގެ ސަވާބު އޭނާއަށް ލިބޭނޭތީއެވެ. މުނާފިޤުން އުފާވަނީ އުރެދުންތަކާ ދިމާއަށް އުދުއްސައި ގަތުމަށް ފުރްޞަތު އަލުން ލިބުނީތީއެވެ. ރަމަޟާން މަހުގައި އޭނާ ޖަލެއްގައި ހުރިފަދައެވެ. ރަމަޟާން މަސް ދިޔުމުން އޭނާއަށް ޖަލުން ނުކުމެވުނީތީއެވެ.