ޤަބުރުސްތާނު ތަކުގެ މަޤާމް – ޤުރްއާނާއި ސައެއްސްގެ އަލީގައި

އިންސާނުން ދިރިއުޅޭ ގިނަތަނަތަނުގައި ގަބުރުސްތާނު ތަކަކީ، ބޭނުންނުކުރެވޭ ހުސް ޖާގަތަކަކަށްވުރެ މާ މަތިވެރި، ޢިއްޒަތްތެރި، ކަރާމާތްތެރި، ޤަދަރުވެރި، ތާރީޚީ އެތަކެއް ހަނދާންތަކަކާއި، ޖަޒްބާތުތަކަކާއި ގުޅި ލާމެހިފައިވާ ތަންތަނެވެ.  އެ މުޖްތަމަޢެއްގެ ސަޤާފަތާއި، އާދަކާދައާއި، ޤަބޫކުރާ ޢަޤީދާއާއި ގުޅުންހުރި، ދުންޔަވީ އަދި ރޫޙާނީ އެތައް ހަނދާންތަކަކާއި ގުޅިފައިވާ މުޤައްދަސް ތަންތަނެވެ. ކާބަފައިންނަށް ކުރާ ޢިޙްތިރާމާއި، ޤަދަރާއި، ދީނީ ރިވެތި އަޚްލާޤާއި، ވައްޓަފާޅިއާއި ގުޅިފައިވާ މަންޒިލް ތަކެކެވެ. ދިރިއުޅުމުގެ ކުރުކަމާއި، ފުރާނައިގެ ނާޒުކުކަމާއި، ޖިސްމުގެ ބަލިކަށިކަން ހަނދާންކޮށްދިނުމުގެ އިތުރަށް، ކޮންމެފަދަ ގިންތިއެއްގެ އަދި ފަންތިއެއްގެ މީހަކަސް، އެމީހެއްގެ އާޚިރު މާޤާމަކީ، އެ ކުޑަކުޑަ ކަށްވަޅުކަން ހަނދާންކޮދޭ ބިނާރުތަކެކެވެ. މަރަކީ ހަމަ ކޮންމެމީހަކުވެސް ކުރިމަތިލާންޖެހޭނެ ޙަޤީޤަތެއްކަން ހަނދާންކޮށްދޭ، ދިރިތިބީންނަށް އެތައް ޢިބްރަތްތެރި ފިލާވަޅުތަކެއް ލިއްބައިދޭ، ދުނިޔަވީ ޙަޔާތުގެ ނިމުމާއި އުޚްރަވީ ޙަޔާތުގެ ފެށުން ރަމްޒުކޮށްދޭ މަތިވެރި މަޤާމްތަކެކެވެ.

މި ލިޔުމުގައި ބަލާލާނީ، ޤަބުރުސްތާނުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ގޫޅޭގޮތުން ޤުރްއާނާއި ސުންތަތުގެ އަލީގައި އައިސްފައިވާ ބައެއް އިރުޝާދުތަކުގެ މައްޗަށާއި، ޒަމާނުގެ ސައެންސްގެ ހޯދުންތަކުން އެކަމަށް ބާރުއަޅާ ބައެއް ކަންކަމުގެ މައްޗަށޭވެ.

އިސްލާމީ ނަޒަރަކުން ޤަބްރުސްތާނުގެ ޙައިސިއްޔަތު.

ޤުރުއާނާއި ރަސޫލުﷲ ގެ ފާނުގެ ސުންނަތުން މަރުވެފައިވާ މީހުންނަށް، ދިރިތިބީން އަދާކުރުން ލާޒިމް ކަންތަކާއި ނުކޮށް ދޫކޮށްލަންޖެހޭ އެތައްކަމެއްގެ އިރުޝާދުވަނީ ދެއްވާފައެވެ.

ކީރިތި ޤުރްއާނުގެ ޠާހާ ސޫރަތުގެ 55ވަނަ އާޔަތުން އިންސާނާއަށް މަރުން ސަލާމަތް ނުވޭނެކަމާއި، މަރުވުމަށްފަހު ބިމުގައި ވަޅުލެވި، އެ ބިމުން އޭނާ މަޙްޝަރު ކުރެޥެނެކަން ސާބިތުކާމާއކު އަންގަވާފައި ވެއެވެ. ބިމާއި އިންސާނާއާއިހުރި ގާތްކަން މިއާޔަތުން ސާފުވެއެވެ. މާނައީ: "ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ އެ ބިމުންނެވެ. އަދި ތިޔަބައިމީހުން އަނބުރާ އިޢާދަ ކުރައްވާހުށީވެސް އެ ބިމަށެވެ. އަދި ދެވަނަފަހަރަށް ތިޔަބައިމީހުން ނެރުއްވާހުށީވެސް އެ ބިމުންނެވެ." މި އާޔަތުން އިންސާނާގެ ފުރާނަނެތް ހަށީގަނޑު، އާޚިރަތާއި ހަމަޔަށް އޭގެ ޢިއްޒަތާއީ ޤާދަރާއި ކަރާމާތުގައި އޮވެވޭނެގޮތް ރޭވުމަކީ ދިރިތިބީންނަށް ލާޒިމްކަމެއްކަން ދަލީލުކުރެއެވެ. ﷲ އީ ކޮންމެކަމަކަށް ކުޅަދުންވަންތަ ކަލާނގެއެވެ.

ހަމަ އެހެންމެ، ދިރިތިބީން ޤަބުރުސްތާނުތަކަށް އާދަވެގެން ޒިޔާރަތްކޮށް، އިޙްތިރާމް އަދާކުރުމަށާއި، ކުލުނާއި ލޯތްބާއެކު މަރުވެފައިވާ މީސްތަކުންނަށް ހެޔޮދުޢާ ކުރުމަށް، މުޅިއުންމަތަށް އިރުޝާދު ދެއްވާފައިވާކަން ރަސޫލުﷲ ފާނުގެ ޙަދީސްތަކުން (ސަޙީޙް މުސްލިމް: ޙަދީސް ނަމްބަރު 977) ސާބިތުވެއެވެ. އަދި އެތަންތަނުގެ ކައިރީގައި އިޙްތިރާމް ކުޑަވާނޭހެން އަޑުގަދަކުރުމާއި، ހަޅޭލެވުމާއި، މަހާނަތަކުގެ މަތީގައި، ކުޅުމާއި ދުވުންފަދަ، ނޭދެވޭ އެންމެހާކަންކަން ކުރުމުން ދުރުހެލިވުމަށް އިރުޝާދު ދެއްވާފައިވާކަން، ސުނަން އިބްނި މަޖާހްގެ، ޙާދީސް ނަމްބަރ 1566 އިން ސާފްވެއެވެ.

އިޙްތިރާމް ކުޑަކޮށް، ކޮނެގެން، ޤަބުރުތައް ނަގާ، ކަށިތައް ބިންދާ، އަނިޔާވާނޭހެން ކަންކަން ނުކުރުމަށާޢި، އެކަމުން އިންސާނަކު ދިރިހުއްޓާ އަނިޔާކޮށް، ކަށިގަނޑު ބިންދާލުމާ އެއްވަރަށް، އެ ޤަބުރަކާއި ގުޅިފައިވާ ފުރާނައަށް އިޙްސާސް ވާނޭކަމަށް، ރަސޫލުﷲގެ ފާނުގެ (ސުނަން އަބީ ދާވޫދުގެ 3207 ވަނަ} ޙަދީސުން ފާޅުކޮށް އެނގެން އެބައޮތެވެ.

މިކަންކަމުން މަރުވެފައިވާ މީސްތަކުންނާއި މެދު ޢަމަލުކުރަންވީ ޤަދަރާއި، އިޙްތިރާމާއި، ކުލުނާއި ލޯތްބާއެކު، ޙައްޤު ކަރާމާތް ނުގެއްލޭހެންކަން ސާބިތު ނޫންތޯއެވެ؟

ޤަބުރުސްތާނުތަކާއި ގުޅިފައިވާ ރޫޙާނީ ހެކިތައް- ޤުރްއާނާއި ސުންނަތުގެ އަލީގައި

އިސްލާމްދީނަކީ ފެންނަ ކަންކަމާއި ނުފެންނަ ކަންކަން ޤަބޫކުރާ ދީނެކެވެ. އެގޮތުން މަލާއިކަތުންނާއި ޖިންނީން ލައްވާފައިވާކަން ޤުރްއާނާއި ސުންނަތުން ސާބިތުވާތީ، މިއީ ޝައްކަކާއި ނުލައި މުސްލިމުން ޤަބޫލްކުރާ ކަމެކެވެ. ކޮންމެ އިންސާނަކަށް އޭނާ ރައްކާތެރި ކޮށްދޭނޭ މަލާއިކަތް ބޭކަލުންނާއި، އޭނާއާއެކު ޝައިޠާނުން ލައްވާފައިވާކަން ޤުރްއާނުން ސާބިތުވެއެވެ.

މިގޮތައް ލައްވާފައިވާ ޝައިޠާނުންގެ ތެރެއިން ބައެއް ޝައިޠާނުންނަކީ މުސްލިމުން ކަމަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ޚާއްޞަކޮށް، ތަޤްވާވެރި، ޞާލިޚް، ޒާހިދު، ވަލީވެރިންނާއެކު ލައްވާފައިވާ ޝައިޠާނުންނަކީ، މުސްލިމުންނަށް ވުމަކީ ވެދާނެކަމެކެވެ. މިފަދަ އިންސާނުން މަރުވުމަށްފަހު، އޭނާގެ ރޫޙް (ފުރާނަ) އާއި އެކުގައިވާ އޭނާގެ އެކުވެރި ރޫޙްތައް، އޭނާގެ މަޞްލަޙަތު ހުރިކަންކަމުގައި ޙަރަކާތްތެރި ވުމަކީ ވެދާނެކަމެއް ނޫންތޯއެވެ؟ ނަމަވެސް މިކަންކަން ހިނގަނީ އަޅުގަނޑުމެންނަށް އަތްލެވޭ، ފެންނަ ލެވެލް (ޑައިމެންޝަން) އަކު ނޫންކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކީރިތި ޤުރްއާނުގެ ނަސްޚުން، މީސްތަކުންގެ މެދުގައި ޝަހީދުން ލައްވާފައިވާ ކަމާއި، ޝަހީދުންނަކީ މަރުވާ ބައެއް ނޫންކަމާއި، އެ ފުރާނަތައް ދިރިތިބީން ފަދައިން ލައްވާފައިވާކަން، ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ 154 ވަނަ އާޔަތުން ކަށަވަރުވެއެވެ. މާނައީ: "އަދި ﷲގެ މަގުގައި (ޖިހާދު ކުރަނިކޮށް) ޝަހީދުވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ."

އިންސާނާ މަރުވުމަށްފަހު، ބަޒްޒަޚުގެ ޢާލަމްގެ ކަންކަން ފެށިގެންދާނެއެވެ. އެ މަރްޙަލާގައި ކަށްވަޅުގެ ޢަޒާބާއި ޞަވާބުގެ ކަންކަން އޭނާއާއި ބައްދަލުކުރާނެކަމަށް ނަބަވީ އިރުޝާދުން އެނެގެއެވެ. ނަކީރު، އަދި މުންކަރު ދެ މަލާއިކަތުންގެ ދައުރަށްފަހު، އާޚިރަތާ ހަމަޔަށް އިންސާނާ ލައްވާފައިވާ ގޮވައްޗަކީ ކަށްވަޅުކަން އެނގެއެވެ. މި ޙާލަތުގައިވާ ރޫޙް ތަކަކަށް، ބަޔަކު އުނދަގުލާއި ދުއްތުރާ ކުރުމަކީ، ކިހާބޮޑު ނުރައްކާތެރި ކަމަކަށް ވާނެހެއްޔެވެ؟

ޤަބުރުސްތާނުތަކަށް އުނދަގޫކޮށް އިޙްތިރާމް ކުޑަކުރުމަކީ، ޖިންނި ޝައިޠާނުންގެ އުނދަގޫތަކާއި ކުރިމަތި ވެދާނެކަމެއްކަން، ޞަޙީޙު ބޫޚާރީގެ 1379 ވަނަ ޙަދީސުން އެނގެއެވެ. މިކަމަކީ ދުނިޔޭގެ އެކިއެކި ތަންތަނުން އެގި ތަޖުރިބާ ކުރެވިއަވާ ކަމެއްވެސް މެއެވެ. އެމެރިކާއާއި، ކެނެޑާގެ ބައެއް ސަރަޙައްދުތަކުންނާއި އަދި އެހެނިހެންވެސް ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ހަދާފައިވާ ދިރާސާތަކުން މިކަން ސާބިތުވެއެވެ.

ކޮންމެއަކަސް، އިންސާނާ މަރުވުމަށްފަހު، އޭނާގެ ޢަމަލުތަކުގެ ހެޔޮ ޖަޒާއަށް ނިސްބަތްކޮށް، މުޖުތަމަޢުގައި ހިނގާ ބޮޑެތި ނުރައްކާތަކުން މީސްތަކުން ސަލާމަތްކުރުމުގެ ދައުރެއް، ﷲ ރުއްސަވައި، ފުއްސަވާފައިވާ ރޫޙަކަށް، އެކަނލާގެ އިރާދަކުރެއްވި ޑައިމެންޝަނެއްގައި، އިރާދަކުރެއްވި މިންވަރަކަށް، އިރާދަކުރެއްވި ވަގުތަކަށް، އަދާކުރުމުގެ ފުރުޞަތެއް ﷲ ތަޢާލާ ދެއްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ދީނީ ޢިލްމްވެރިންގެ ތެރޭގައި މަޝަހޫރު އިބްނި ޤައްޔިމް އަދި އިބްނި ކަސީރު ފަދަ ބޭބޭފުޅުން ޤަބޫލުކުރައްވަތެވެ.

ޤަބުރުސްތާނުތަކާއި ގުޅިފައިވާ ރޫޙާނީ ހެކިތައް- ޒަމާނުގެ ސައެއްސާއި ޓެކްނޮލޮޖީގެ އަލީގައި

އިންސާނުން އާބަދުވެ ތަހުޒީބުވުމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމަށް އެތައް ޤަރުނެއް ވެފައިވާ ޤަބްރުސްތާނުތައް ކޮނެ، ނަގާ ހުސްކޮށް، އެތަނުގައިވާ ކަށިތައް ދަޑުބަޑުކޮށް ތަޅާ ކުދިކުދިކޮށް އެއްތަނުން އަނެއްތަނަށް ބަދަލުކޮށްއުޅެތެވެ. އެކަމަކު މިފަދަ ކޮންމެ ބަދަލަކާއި ގުޅިގެން، ބިރުވެރި އެތައްވާހަކަތަކާއި ކަންކަން ފާހނގަ ކުރެވިފައި ވާކަން، ދިރާސާތަކުން އެހެރީ ފެންނާށެވެ،

މިކަހަލަ ކަންކަމުގެ ތެރޭގައި ގިނައިން ހިމެނެނީ، ތަރައްޤީގެ ކޮންމެވެސް މަޝްރޫޢަކާއި ގުޅިގެން، ދުވަސްވެފައިވާ ޤަބްރުސްތާނެއް ނަގާ ސުންނާފަތިކޮށް، އެހެންކަންކަމަށް ބޭނުން ކުރުމަށްފަހު، އެ ސަރަޙައްދުގެ އަހުލުވެރިންނަށާއި، އެ ސަރަހައްދަށް ދަތުރުފަތުރުކުރާ ފަރާތްތަކަށް ދިމާވާ ފެނި ގެއްލޭ މީހުންނާއި، ހިޔަނިތަކާއި، ގޮތްނޭގޭ އަޑުތަކާއި، ކައިރީގައި މީހަކު ހުންނަ ކަމުގެ އިޙްސާސްވުމާއި، ބަލަހައްޓައިގެން ނުވަތަ ފަސްފަހަތުން މީހަކު އުޅޭކަމުގެ އިޙްސާސްވުން ފަދަ ސަބަބުތަކުން، އުފެދޭ ބިރުވެރި ކަންކަމާއި ގުޅިގެން ހިނގާފައިވާ ދެރަ ހިތާމަވެރި ޙާދިސާތަކުގެ ވާހަކަތަކަކީ ޢާންމު ކަންކަމެވެ.

މިފަދަ ތަންތަނުގެ ތެރޭގައި، ލަންޑަނުގެ "ކްރިސް ކްރޮސް" ޤަބްރުސްތާނާއި، ނިއު އޯލީންސްގެ "އެސްޓީ ލުއިސް 1 ވަނަ" ޤަބްރުސްތާޏާއި، ފިލަޑެލްފިއާގައި 18ވަނަ ޤަރުނުގެ ޤަބްރުސްތާނެއް ތަޅާލާފައި އެޅި "ބެންޖަމިން ފްރޭންކްލިން ބްރިޖް" އާއި، ސައުތް ކެރޮލީނާގެ "ޗާލްޓަންސް އޯލްޑް ސިޓީ ޖެއިލް ސިމެޓްރީ" އާއި، ސިންގަޕޫރުގެ "ބުކިޓް ބްރައުން ސިމެޓްރީ" ފަދަ ތަންތަކީ ބިރުވެރިކަމާއި ނާމާންކަމަށް މަޝްހޫރު ތަންތަނެވެ.

މިފަދަ ކަންކަމަކީ ޙަޤީޤަތެއްކަން ޒަމާނުގެ ސައެންސާއި ޓެކްނޮލޮޖީގެ އަލީގައި ވަނީ ދެނެގަނެވިފައެވެ. އިންފްރާރެޑް ލޯ ފްރިކްއެންސީ އަޑު ފޮނުވާ އަދި ރިސީވްކޮށް، ރިކޯޑްކުރާ އާލާތްތަކާއި، އެ ގޮތުން ލިބޭ ސިގްނަލްތައް އެންކޯޑް ކޮށް ޑީކޯޑްކޮށް ޑިޖިޓަލް އަޑަށާއި، ވިޒުއަލް ތަސްވީރިތަކަށް ބަދަލުކުރެވޭ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން، ހެދިފައިވާ ތަޙްލީލުތަކުން، ލޮލަށް ފެނި އަތްނުލެވުނަސް، ރޫހާނީ ކާރޫބާރޫތަކެއް މިފަދަ ތަންތާގައި އުޅޭކަންވަނީ ދެނެގަނެވިފައެވެ.

ދުނިޔޭގެ ފުރަތަމަ "ޑްރައިވަރ ލެސް ކާރު" އުފެއްދުމުގެ ބޭނުމުގައި، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ހިމަނައިގެން މަޝްހޫރު "ޓެސްލާ" ކުންފުނިން އުފެއްދި ކާރުގެ ފުރަތަމަ 10 އަހަރުގެ ދިރާސާތަކުން ދައްކާގޮތުގައި، ޤަބްރުސްތާނު ފަދަ ތަންތާގެ ކައިރިން ދަތުރުކުރާއިރު އިންސާނުންގެ ސިގްނަލް ކާރަށްލިބި، ކާރު މަޑުކޮށް އެމީހުން ހުރަސްކުރަންދެން ނުވަތަ ދުރަށްދަންދެން "އޮޓޯއިން" ކާރު މަޑުކުރާކަންވަނީ ފާހަނގަކުރެވިފައެވެ. އަދި ކާރުގައި ހަރުކުރެވުނު ޒަމާނީ ފަހުގެ ޑިޖިޓަލް ސްކްރީނުން، މިފަދަ ޙާލަތްތަކުގައި އިންސާނުންފަދަ ތަސްވީރުތެއް ހިނގާބިގާވެ އުޅޭކަންވަނީ ދެނެގަނެވިފައެވެ.

ކަންމިހެން ހުރުމާއެކު ބަޔަކު ކޮންމެ ފަދަ ބޭނުމެއްގައި ކޮންމެފަދަ ވާހަކަތަކެއް ޤަބޫލުކުރިއަސް، ދެބަސްވެވެންނެތް ޙަޤީޤަތަކީ، ޤަބްރުސްތާންތައް ތަޅާލާ، ހަލާކުކޮށް، އިހާނެތިކޮށްހިތުމުގެ ނަތީޖާތަކަކީ މުޅިންވެސް ހިތި، ބިރުވެރި އެއްޗެއްކަން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހެދިފައިވާ ދިރާސާތަކާއި، ކޭސް ސްޓަޑީތަކުންނާއި، މީސްމީހުންގެ ތަޖުރިބާތަކުން ޝައްކެއްނެތް މިންވަރަށް ސާބިތުވާކެމެވެ.

ޤަބްރުސްތާނުތައް ދެމެހެއްޓުމަށް ބާރުއަޅާ ސައެންޓިފިކް ދަލީލުތައް.

ޤަބްރުސްތާނު ތަކަކީ ޤަދަރާއި އިޙްތިރާމާއެކު ބަލަހައްޓާންޖެހޭ ތަންތަންކަމަށް، އިކޮލޮޖިސްޓުންނާއި ނަފްސާނީ ޢިލްމުވެރިން ޤަބޫލުކުރައްވައެވެ.

ޤަބުރުސްތާނުތަކުގައި ވަޅުލެވޭ މީހުންގެ ސަބަބުން، އެސަރަހައްދުގެ ބިންގަނޑުގެ "އިކޮލޮޖިކަލް ބެލެނސް" ހިފަހައްޓާދީ އަދި އެތަންތަން ނަގާ ނައްތާލުމުގެ ޙަރަކާތްތަކުގެ ސަބަބުން މުޅި އެސަރަހައްދަށް ނުރައްކާތެރި "ޕެތޮޖަން" ފެތުރުމުގެ ބިރު އޮންނާނެކަމަށް 2019 ވަނަ އަހަރު ނެޝނަލް ޖިއޮގްރަފިކުން ހެދި ދިރާސާއަކުން ދައްކައެވެ.

އަދި ހަމައެހެންމެ، ޤަބްރުސްތާނު ތަކުގައި ވަޅުލެވިފައިވާ މީހުންގެ ކަށިތައް ނަގާ، އެގޮތްމިގޮތް ހަދާ، ގަޑުބަޑުކޮށް، ހަމަހިމޭކަން ނަގާލުމުގެ ސަބަބުން، އެމީހުންގެ ޢާއިލީ، ތިމާގެ އަދި ރައްޓެހިންގެ ހިތުގައި ހާސްކަމާއި، ނަފްރަތުގެ އުދާސްއުފެދި، ބިރުވެރިކަންއުފެދި، ނަފްސާނީ ބަލިމަޑުކަމަކަށް ދިއުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް، "ޖާނަލް އޮފް ކޮމިއުނިޓީ ސައިކޮލޮޖީ" ގައި 2020 ވަނައަހަރު ޝާއިރުކޮށްފައިވާ ދިރާސާއަކުން އެނގެއެވެ.

ޤަބްރުސްތާނުތަކަކީ އެބައެއްގެ ސަޤާފަތާއި އާދަކާދައާއި ދީނީ ޢަޤީދާއާއި ގުޅުންހުރި، ތާރީޚީ ބިނާތަކެއްގެ ގޮތުގައި ބަލަހައްޓާ، ދިރިތިބީންގެ އިޙްތިރާމާއި ޤަދަރު ދެވިގެންވާ ތަންތަން ކަމުގައި ހަދާ، ޙިމާޔަތްކުރަންޖެހޭ އާސާރު ތަކެއްކަމުގައި ހަދަންޖެހޭކަމަށް، 2021 ވަނައަހަރު "ޔުނެސްކޯ" އިން ވަނީ ކަނޑައަޅާފައެވެ.

ފަހުބަސް.

ނިންމާލަމުންވެސް ދަންނަވަންއޮތީ، ޤަބްރުސްތާނަކީ ހުރިހާ ދީނެއްގައިވެސް، އަދި ހުރިހާ ސަޤާފަތެއްގައިވެސް، ޤަދަރާއި އިޙްތިރާމް ދެވިގެންވާ މުޤައްދަސް ތަންތަންކަމެވެ. ކީރިތި ޤުރްއާނާއި ރަސޫލުﷲ ގެފާނުގެ އެތައް އިރުޝާދަކުން މިކަން ސާބިތުވާ ކަންކަމެވެ. އެތަންތަން ރައްކާތެރކޮށް ބަލަހައްޓާ ދެމެހެއްޓުމަށް ސައެންސްވެރިން ބާރުއަޅުއްވާފައިވާ، އެބައެއްގެ ތާރީޚާއި، ސަޤާފަތާއި، އާދަކާދައާއި، އިޙްތިރާމާއި ކުލުނާއި ލޯބި އެތަންތަނާއި ގުޅިފައިވާ ބިނާތަކެވެ. ދުނިޔޭގެ ބައެއް ޤަބްރުސްތާނު ތަކުން "ކަށްވަޅަކީ" ހަރުމުދަލެއްގެ ގޮތުގައި ކަނޑައަޅާ، ބޮޑުއަގުގައި ގަނެ ވިއްކާ، ދަރީންގެ މެދުގައި ވާރުތަކުރެވޭ ތަންތަންކަމަށް ވުމުން، މަރުވުމަށްފަހު ތިމާ ވަޅުލެވޭ ތަނުގައި، ދުންޔަވީ އުނަދަގުލަކާއި ނުލައި ޤިޔާމަތާހަމަޔަށް، އޮވެވޭނެކަން ކަށަވަރުކުރުމަށް، ދިރިތިބީންދޭ އަހަންމިއްޔަތުކަން ސާބިތުވެއެވެ.

ޚާއްޞަކޮށް، މިރާއްޖޭގެ ގިނަ ޤަބްރުސްތާނުތަކަކީ ބޭނުން ނުކުރާތާ އަދި މާގިނަދުވަސްތަކެއް ވެފައިނުވާ، ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢެއްގައިވާ ތަންތަންކަމުން، އަދި އެތަންތާގައި ވަޅުލެވި ފަސްދާނުލެވިފައިވާ މީސްތަކުންގެ ތެރޭގައި، ވަލީވެރިންނާއި، ޞާލިޙުންނާއި، ޒާހިދުންނާއި، ތަޤްވާވެރިންގެ އިތުރަށް ކުށެއްނެތް މަޢޫޞޫމް އެތައް ހަށިތަކެއް ވަޅުލެވިފައި ވާނެއެވެ. މީގެ އިތުރަށް އަޅުގަނޑުމެންނަށް އެނގުނަސް އަދި ނޭގުނަސް އެތައް ޝަހީދުންނެއްގެ ޤަބުރުތައްވެސް އެތަންތަނުގައި ވާނެކަމީ ކަށަވަރުކަމެކެވެ.

އެހެންކަމުން، ދުންޔަވީ މާއްދީ މުހުތާދުތަކެއް ފުއްދުމުގެ ނިޔަތުގައި، ޤަބްރުސްތާނުތަކުގައި ވަޅުލެވިފައިވާ ކާބަފައިންގެ ޤަބުރުތައްނަގާ،  ޤަދަރާއި އިޙްތިރާމް ކުޑަވާނޭހެން، އެތަންތަނުގެ އަމާންކާއި ހަމަހިމޭންކަނަ ނަގާލާ، ތަޅާ ސުންނާފަތިކޮށް ހެދުމަކީ ފަހަރުގައި ވެވޭ ނުހަނު ބޮޑު އިހުމާލަކަށް ވެދާނެއެވެ. ދީނީ ފިލާވަޅުތަކާއި އިރްޝާދުތަކާއި ދުރު މިފަދަ އިހްމާލަކީ އޭގެ ނޭދެވޭ އަސަރު އެތައްގޮތަކަށް ދިރިތިބީނާއި ބައްދަލުކުރުމުގެ ފުރުޞަތު އޮވެދާނެފަދަ އިހުމާލަކަށް ނުވާނެ ބާވައެވެ؟

މާތް ﷲ އަޅަމެންނަށް ހެޔޮވިސްނުމާއި، ހެޔޮޖަޒާ މިންވަރު ކުރައްވާށި! އަޅަމެންގެ އެންމެހާ ޢަމަލުތަކަކީ އެކަލާނގެ ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރައްވާފައިވާ ޢަމަލުތަކެއް ކަމުގައި ލައްވާށި!

އާމީން!

advertisement
ހިޔާލު ދެއްވާ!