އިސްރާއީލުން އެމެރިކާގެ އެހީގައި ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުއާން މެދުކެނޑިފައި އޮތުމަށްފަހު އަލުންފަށައި ވައިގެ ހަމަލާތައް ދޭންފެށުމުން ޝަހީދުވާ މީހުންގެ އަދަދު އިތުރުވެ އެ އަދަދު މިހާރު 49،747 އަށް އަރާފައިވާ ކަމަށް ފަލަސްޠީނުގެ ޞިއްޙަތާބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުން އަންނަ މުޖާހިދުންގެ ޖަމާޢަތެއް ކަމަށްވާ ހަމާސް ޖަމާޢަތް ނައްތާލުމަށް ކަމަށްބުނެ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދިޔަ ނިރުބަވެރި ޙަމަލާތައް މެދުކަނޑައިލީ، ޞުލްޙައިގެ އެއްބަސވުމެއްގެދަށުން، 2025 ވަނަ އަހަރުގެ ޖެނުއަރީ 19 ގައެވެ.
ނަމަވެސް ރަމަޟާންމާހާ ދިމާކޮށް ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންގެ މައްޗަށް އޮންނަ ހަތުރުވެރިކަމާ އަނިޔާވެރިކަން އިތުރުކުރާ ޒަޔަނިސްޓް ދައުލަތުން، ޞުލްޙައިގެ އެއްބަސްވުން އުވާލައި ވައިގެ ޙަމަލާތައް އަލުން ފަށާފައިވަނީ މި ރަމަޟާންމަހުގެ 18 ވަނަ ދުވަހުގެ ހާރުދަމުގެ ވަގުތުގައެވެ. އެ ދުވަހު ދިން ޙަމަލާތަކުގައި އެކަނިވެސް 700 އަށްވުރެ ގިނަ އާންމުން ޣައްޒާއިން ވަނީ ޝަހީދުކޮށް، 1000އަށްވުރެ ގިނަ މީހުން ޒަޙަމްވެފައިވެއެވެ. އެދުވަހު ދިން ކުއްލި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި 200 ކުޑަކުދިން ހިމެނޭކަމަށް ޣައްޒާގެ މީޑިއާ އޮފީހުން ވަނީ ބުނެފައެވެ.
މާރިޗް 18 ގައި ޙަމަލާތައް އަލުން ފެށިފަހުން، 263 މީހުން ޒަޙަމްވެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މި ޤަތުލުއާންމުގައި ޒަޙަމްވީ މީހުންގެ އަދަދު 113،213 އަށް އަރާފައިވާ ކަމަށް ޞިއްޙަތާބެހޭ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އެތައްބަޔަކު ތާށިވެފައިވާ ކަމަށާ ގާކުނޑިތަކުގެ ސަބަބުންމަގުތައް ބަންދުވެ، މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެކަން ކުރަން ނުކުޅެދިފައިވާ ކަމަށް ވެސް ޞިއޙަތާބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
ހަމާސް ޖަމާޢަތުން އިސްރާއީލާއެކު ހެދި އެއްބަސްވުމާއި އެއްގޮތަށް ފުރަތަމަ ފިޔަވަހީގައި ވަކި އަދަދަކަށް އަޞީރުން މިނިވަން ކުރުން ހިމެނިފައިވާތީ ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ވަޒަންވެރިންގެ ބަޔަކާ އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުންގެ ގިނަ ބަޔަކު ވަނީ މިނިވަންކޮށްފައެވެ.
އެއްބަސްވުން އުވާލައި ހަމަލާތައް އަލުން ފެށުމަށްފަހު އިސްރާއީލުގެ ދިފާޢީ ވަޒީރު ޔިސްރައިލް ކަޓްޒް ބުނެފައި ވަނީ ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ހުރިހާ އަޞީރުން މިނިވަން ކުރަންދެން ޣައްޒާއަށް ޙަމަލާތައް ދީ ކަރަންޓާ ފެން ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މިފނިންމުމާއި އެއްގޮތަށް އަނިޔާވެރި ޒަޔަނިސްޓް ސަރުކާރުން ޢަމަލުކުރަން ފަށާފައިވާއިރު، ގެދޮރު ގެއްލިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި އަދިވެސް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހީގެ ޤާފިލާތައް ވެއްދެންހުރި ހުރިހާ މަގެއްވެސް ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ސިފައިން ވަނީ ބަނދުކޮށްފައެވެ. މިއާއިއެކު، އިސްރާއީލުގެ ވައިގެ ޙަމަލާތަކުގައި އިމާރާތްތައް ބިމާހަމަވެފައި ވާތީ، ގެދޮރުގެއްލި ޓެންޓުތަކުގައި ޣައްޒާގައި ދިރިއުޅޭ 2 މިލިއަން 4 ލައްކައެއްހާ މީހުން ތިބީ ކާބޯތަކެތީގެ އިތުރުން ޒަރޫރީ ބޭނުންތައް ފުއްދޭނެ ގޮތެއްނެތި ވަރަށް ނިކަމެތި ޙާލަތުގައެވެ.
ޙަމަލާތައް އަލުން ފެށުމާއިއެކު ނަތަންޔާހޫ ބުނެފައިވަނީ ޙަމަލާތައް ދޭން ފެށީ ޞުލްޙައިގެ އެއްބަސްވުމާއި ޚިލާފުވެ ހަމާސްއިން އިސްރާއީލަށް ޙަމަލާތަކެއް ދޭން އުޅޭތީ ކަމަށެވެ. އަދި ހަމާސްގެ ބާރުގެދަށުގައި ހުރި 80 ތަނަކަށް ވައިގެ މަގުންނާއި ކަނޑުމަގުން ޙަމަލާތައް ދޭނެ ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ. ނަމަވެސް އިސްރާއީލުގެ އަނިޔާވެރި ޙަމަލާތައް އަމާޒު ކުރަނީ ގެދޮރު ނެތް ރައްޔިތުން ޓެންޓް ޖަހައިގެން ދިރިއުޅެމުން އަންނަ ސުކޫލްތަކާއި ހޮސްޕިޓަލް ފަދަ ތަންތަނަށް ކަން ފާހަގަ ކުރެވެއެވެ.
ޙަމަލާތައް އަލުންފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފުރިހަމަ ތާޢީދާއި އެކުގައި ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ވަނީ ފަޚުރުވެރިކަމާއެކު ހާމަކޮށްފައެވެ. އަދި އަސީރުން މިނިވަން ކުރުމަށް ޣައްޒާއަށް ޙަމަލާތައް ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ވެސް ވައިޓްހައުސްގެ އޮފިޝަލް ވަނީ ބުނެފައެވެ.
ފަލަސްޠީނުގެ ނަޞްލުނައްތާލުމަށް އިސްރާއީލުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ މި ނަޞްލުހޭދުއާއި ގުޅިގެން، ލާއިންސާނީ ޢަމަލުތަކާއި ގުޅިގެން އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި އޭނާގެ ސަރުކާރުގެ ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓް ހައްޔަރު ކުރުމަށް، ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު (އިންޓަރނޭޝަނަލް ކުރިމިނަލް ކޯޓު) ން ވަނީ، މިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރުގައި އަމުރު ނެރެފައެވެ.
މީގެއިތުރުން އިސްރާއީލުން ޣައްޒާގައި ހިންގަމުން ދަނީ ޤަތުލުއާންމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ދެކުނު އެފްރިކާއިން ވަނީ ބައިނަލްއަޤްވާމީ އިންސާފުގެ ކޯޓް (އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް) އަށް ހުށަހަޅައިފައެވެ. މި މައްސަލަ އެ ކޯޓަށް ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެތެރޭގައެވެ. މި މައްސަލަ އެ ކޯޓުގައި ކުރިއަށްދާ ކަން ފާހަގަ ކުރެވެއެވެ. 14 ޤައުމަކުން މި މައްސަލައަށް ތަދައްޚުލުވެފައިވާއިރު، އޭގެތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭކަން ފާހަގަ ކުރެވެއެވެ.