އިމިގްރޭޝަނުން 22 މާރިޗް 2025 ގައި ހީނާމާގެ ޕާކިންގ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން

ބިދޭސީން އަތުން ނާޖާއިޒް މަންފާ ހޯދަމުންދިޔަ، އިމިގްރޭޝަން އޮފިސަރުންގެ ވަނަވަރު އާންމުކޮށްފި!

ބިދޭސީން އަތުން ނާޖާއިޒް މަންފާ ހޯދަމުންދިޔަ ކަމަށް ތުޙުމަތުކޮށް ހައްޔަރުކުރި އިމިގްރޭޝަންގެ އޮފިސަރުންގެ ވަނަވަރު ރޭ އާންމުކޮށްފިއެވެ.

ހައްޔަރުކޮށްފައި ތިބި މީހުންގެތެރޭގައި، މި މައްސަލާގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަޤާމުން 2025 މާރިޗް 21 ގައި ވަކި ކުރެއްވި މުޙައްމަދު ޝަމްޢާން ވަޙީދުގެ އިތުރުން 4 މީހަކު ހިމެނެއެވެ.

އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ކުރާ މި ތުޙުމަތުތަކަކީ އިމިގްރޭޝަންގެ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއެއްގެ އަތުން 530،000 ރުފިޔާ ފެނިފައި ވަނިކޮށް، އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާނުގެ އަމުރަށް ދަންވަރު އެމީހާ  ދޫކޮށްލުމަށްފަހު، އިމިގްރޭޝަން މުވައްޒަފުންތަކެއް ފަހުން މަގުމަތިން އެމީހާއާ ބައްދަލުކޮށް، އޭނާގެ އަތުން ފެނުނު 530،000ރ. ހިފައިގެން ޝަމްޢާން ދިރިއުޅޭ އިމާރާތަށް އެ މުވައްޒަފުން ދިޔަ މައްސަލައެވެ.

މި މައްސަލަ ފުލުހުން މިމަހުގެ 21 ގައި ތަޙުޤީޤު ކުރަން ފެށުމާއިއެކު ޝަމްޢާނު މަޤާމުން ވަކިކޮށް އިމިގްރޭޝަންގެ 3 މުވައްޒަފަކު ހަމަ އެރޭ ވަނީ ހައްޔަރުކޮށްފައެވެ. އަދި އިމިގްރޭޝަން ކޮންޓްރޯލަރގެ މަޤާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރ އަޙުމަދު ފަޞީޙް ހަމަ އެރޭގެ ދަންވަރު ޢައްޔަނު ކުރެއްވިކަން ފާހަގަ ކުރެވެއެވެ.

އިމިގްރޭޝަން މައްސަލާގައި މިހާތަނަށް ހައްޔަރުކުރި މުވައްޒަފުން. ފޮޓޯ: ފުލުހުން

މަޤާމުގެ ނުފޫޒު ބޭނުންކޮށް، ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލާގައި އެންމެ ފުރަތަމަ، މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ ތ. ބުރުނީ މޫނިމާގެ މުހައްމަދު އަލްސަން އިސްމާއިލް 21، ގ. ހެޕީސައިޑު އިބްރާހިމް އަޙުމަދު 37، ގ. ހެޕީސައިޑު އަޙުމަދު ސަހެޝަން 47 އެވެ.

ޝަމްއާން ހައްޔަރުކުރީ 22 މާރިޗް ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ޙާޟިރު ކުރުމަށްފަހު އެތަނުންނެވެ.

މި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ރޭ ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެންމެ ފަހުން ހައްޔަރުކުރީ މ. ހަޒާރީވިިލާ، އަޙުމަދު ލައްސާން، 40، ކަމަށެވެ.

މި އޮޕަރޭޝަން ހިންގީ ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޓެއިން ކުރުމުގެ ޒިންމާ އިމިގްރޭޝަނުން އަދާކުރާ ޓާސްކް ފޯސް އަދި ރިސްކު މެނޭޖުމަންޓްގެ މުވައްޒަފުން ފިޔަވައި އެ އިދާރާގެ އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށާ އެއީ އެ މުވައްޒަފުންގެ މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ތަޙުޤީޤަށް އެނގިފައިވާ ކަމަށް، މި މައްސަލާގައި ފުލުހުން ކުރިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެދަށުން، މުޙައްމަދު ޝަމްޢާނު ވަޙީދު ދިރިއުޅޭ ގެ ބަލާފާސްކޮށް، ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެއިތުރުން މި މައްސަލާގައި ޝަމްޢާނުގެ އަނބިކަނބަލުންގެ ފޯނާއި އިތުރު ދެ މީހެއްގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓައިފައެވެ.

advertisement
ހިޔާލު ދެއްވާ!