ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރަނީ. ފޮޓޯ: ޕީއެސްއެމް

މާލެ ސަރަހައްދުގައި 4 ތަނެއްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ!

މި އަހަރުގެ ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުން މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އީދު ނަމާދުކުރުން ބޮޑު ޖަމާޢަތުގައި ކުރި ނަމަވެސް މިސްކިތަކުގައި ވެސް ޢީދުނަމާދު ކުރުން އޮންނާނެ ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މާލޭގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރާނީ މާފަންނަނު ސްޓޭޑިއަމްގައެވެ. ހުޅުމާލޭގައި ބޮޑު ޖަމާޢަތުގައި ނަމާދުކުރުން އޮންނާނީ ފޭސް1، ސިންތެޓިކް ޓްރެކާއި އަދި ފޭސް2، ކުރިކެޓް ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ބޯޅަދަނޑުގައެވެ.

މީގެއިތުރުން މާލޭގައި 17 މިސްކިތެއްގައި ޢީދު ނަމާދު ކުރަން ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި އިސްލާމީ މަރުކަޒު، މަސްޖިދުލްމަލިކި ސަލްމާން (ސަލްމާން މިސްކިތް)،  މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، މަސްޖިދުއް ޝަހީދު ޢަލީ، ބަންޑާރަ މިސްކިތް، އިބްރާހިމް މިސްކިތް، ޠައިބާ މިސްކިތް ފަދަ ބޮޑެތި ހުރިހާ މިސްކިތެއް ހިމެނޭކަން ފާހަގަ ކުރެވެއެވެ.

ވިލިމާލޭގައި ބޮޑު ޖަމާޢަތުގެ އިތުރުން ޢީދު ނަމާދު ކުރާނީ މަސްޖިދުއްސަލާމްގައެވެ. އަދި ހުޅުމާލޭ ފޭސް1 ގައި 3 މިސްކިތުގައި އަދި ފޭސް2 ގައި 2 މިސްކިތުގައި ޢީދު ނަމާދު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރާނެ ތަންތަން ހަމަޖައްސާފައިވާ ނަމަވެސް ވިއްސާރަވުމުގެ ސަބަބުން ކެންސަލްވެއްޖެ ނަމަ ނަމާދު ކުރާނީ މާލެ ސަރަހައްދުގައި ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.

ނަމާދަށް ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަން އެ ވުޒާރާއިން އަބަދުވެސް ހަނދާން ކޮށްދެއެވެ. އޭގެ ތެރޭގައި ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލަ އާއި ފެންފުޅި ގެންދިއުމަށް ސަމާލުވުން ހިމެނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު ޢީދު ދުވަހަށް ވަނީ މިހިނގާ މާރިޗް މަހުގެ 31 ވާ ހޯމަ ދުވަހެވެ.

advertisement
ހިޔާލު ދެއްވާ!