ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ އަޙުމަދު ފައިސަލް

ކުޑަކުދިން ބަރުދަން ލުއިވެ ދޭތެރެއަކުން ހުންއައިސް މެޔަށް ތަދުވާނަމަ ޓީބީއަށް ޓެސްޓް ކުރަންޖެހޭ: ޑރ. ފައިސަލް

ކުޑަކުދިން ބަރުދަން ލުއިވެ ދޭތެރެއަކުން ހުންއައިސް މެޔަށް ތަދުވާނަމަ ޓީބީއަށް ޓެސްޓް ކުރަންޖެހޭ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ އަޙުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރާ ބައިނަލްއަޤްވާމީ ޓީބީ ދުވަހާ ދިމާކޮށް ފައިސަލް މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ އެންމެފަހުން ފެނުނު ޓީބީ ޖެހިފައި ހުރި ކުޑަ ކުއްޖާ ޑޮކްޓަރަށް ދައްކަން އައީ ކެއްސާތާ 4 މަސްވެފައިވާތީ ކަމަށެވެ.

ފައިސަލް ވިދާޅުވީ އެ ކުޑަކުއްޖާގެ ޙާލުއަހުވާލު އެއްސެވުމުން، މިދޭތެރޭން  3 ކިލޯ ލުއި ވެއްޖެ ކަމަށާ އެހާބޮޑު ހުމެއް ނެތް ނަމަވެސް ދޭތެރެއަކުން ހުންވައްތަރުވާ ކަމަށާ މެޔަށް ތަދުވާ ކަމަށް މަޢުލޫމާތު ދިން ކަމަށެވެ. 

ޑޮކްޓަރ ފައިސަލް ވިދާޅުވީ މިފަދަ ޢަލާމާތްތައް ފެންނަނަމަ ޓީބީއަށް ޓެސްޓުކުރަން ޖެހޭނެ ކަމަށެވެ.

މިއަދު ފާހަގަކުރާ ޓީބީ ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މީސްމީޑިއާގައި މެސެޖެއް ހިއްސާ ކުރައްވައިފައެވެ.

އެ މެސެޖްގައި އެމަނިކުފާނު ވިދާޅުވީ ޓީބީ ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގައި ތިއްބެވީ ސާބިތު ކަމާއެކުގައި ކަމަށާ އެގޮތުން، ޓިއުބަރކިއުލޯސިސް ޕްރިވެންޓިވް ޓްރީޓްމަންޓް (ޓީޕީޓީ) ހިލޭ ދިނުން ފަދަ ކަންކަމާއެކު ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރައްވަމުން ސަރުކާރުންގެންދަވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!