އއ. ރަސްދޫގެ ގެއެއްގެ ކޮޓަރިއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ ޒުވާނުންގެ ސަލާމަތްވާނެ ކަމުގެ އުއްމީދު ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޢާއިލާއިން ބުނެފިއެވެ.
އެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ އެ ދެމީހުން ސަލާމަތް ކުރުމަކީ ނާދިރުކަމެއް ކަމަށް ޑޮކްޓަރުން ޢާއިލާއަށް އަންގާފައިވާ ކަމަށެވެ.
ރަސްދޫ ގެއެއްގައި ހިނގި މި ހާދިސާގައި ފިހިފައި ވަނީ އުމުރުން 31 އަހަރުގެ ފިރިހެނަކާ އަންހެނެކެވެ. އެމީހުންނަށް ރަސްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އެމީހުންގެ ޙާލު ސީރިއަސްކަމުން މާލެ ގެނައީ ރޭ ދަންވަރުގައެވެ.
މި ހާދިސާ ހިނގާފައި ވަނީ ގެެއެއްގައި އެޕާޓްމެންޓް ގޮތަށް ވަކިކޮށް ހަދާފައި ހުންނަ ތަނެއްގެ ކޮޓަރިއެއްގައި ރޭ 11:00 ހާއިރެވެ. މި ތަނުގައި ފިހުނު ދެމަފިރިންގެ އިތުރުން އަންހެން މީހާގެ މަންމަ އާއި ބައްޕަ ދިރިއުޅެމުންދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަލިފާނުގެ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.