އއ. ރަސްދޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވާން ދިމާވި އަސްލު ސަބަބު އަދިވެސް ޔަޤީން ނުވާއިރު، މިކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ރަސްދޫ މީހުން ބުނެފިއެވެ.
ރަސްދޫގެ ގެއެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ރޭ 23:15 ހާއިރު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އެ ހާދިސާގައި އެ ގޭގައި ދިރިއުޅޭ ދެ މީހަކު ފިހިގެން އިތުރު ފަރުވާއަށް މާލެ ގެންދިޔަ ކަމަށާއި މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާގައި ފިހިފައިވަނީ އެރަށުގެ އުމުރުން 31 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ. އެ ދެ މީހުންނަކީ ކައިވެނިކޮށްގެން އުޅުމަށްފަހު މީގެ އަހަރެއްހާ ދުވަސް ކުރިން ވަރިވެފައިވާ ދެމީހުން ކަމަށާ އެ މީހުންގެ 5 އަހަރުގެ ދަރިއެއް ހުންނަ ކަމަަށް ވެސް އެރަށުގެ މީހުން މަޢުލޫމާތު ދީފައިވެއެވެ.
ރަސްދޫން މަޢުލޫމާތު ދޭ ގޮތުގައި ފިރިހެން މީހާ ކެފޭއެއްގައި އިންދާ ލިބުނު ފޯނު ކޯލަކާއެކު ކުއްލިއަކަށް ކެފޭއިން ނިކުމެގެން ދިޔައީ އަންހެން މީހާ ދިރިއުޅުނު ގެއަށެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ހަޅޭލަވަމުން އަންހެން މީހާގެ ގެއިން އޭނާ ދުވެފައި ނިކުތްއިރު، އޭނާގެ ހަށިގަނޑުގައި ވަނީ ވަރަށް ބޮޑަށް އަލިފާން ރޯވެފައެވެ. އަދި އެ ވަގުތު އެ ސަރަހައްދުން ދިޔަ ސައިކަލެއްގައި ފިރިހެން މީހާ ގެންދިޔައީ ހޮސްޕިޓަލަށެވެ.
އެ ފިރިހެން މީހާ އެ ގެއިން ނިކުމެގެން ހަޅޭއްލަވަމުން ދިޔައީ އަންހެން މީހާ ސަލާމަތް ކުރުމަަށް އެދި ގޮވަމުން ކަމަށާ އެއާއެކު ގިނަ ބަޔަކު އަންހެން މީހާގެ ގެއަށް ދިޔައިރު އަންހެން މީހާގެ ގައިގައި ވެސް ހުރީ ރޯވެފައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރަސްދޫ ބައެއް މީހުން މަޢުލޫމާތު ދިން ގޮތުގައި އަންހެން މީހާ ރޭގެ ވަގުތެއްގައި ޕެޓްރޯލް ގަތެވެ. އަދި ބައެއް މީހުން ބުނާ ގޮތުން ރޭ އެ ގޭ ތެރެއިން ވަރަށް ގަދައަށް ޕެޓްރޯލު ވަސް ދުވިއެެވެ.
އެ ދެމީހުންގެ ހަށިގަނޑުން ވެސް %80 ވަރު ފިހިފައިވާއިރު، އަމިއްލައަށް ގަޔަށް ޕެޓްރޯލް އަޅާ ރޯކޮށްލީތޯ ވެސް ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އެ ކޮޓަރީގައި ރޯވެފައި ވަނީ ދޮރު ފޮތީގައާއި ގޮދަޑީގެ ކަނެއްގައި ކަމަށާ އެވަރު ކުޑަ އަލިފާން ކޮޅަކުން އެމީހުންގެ އެހާ ބޮޑަށް ފިހިދާނެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.
މި ދެމީހުންނަށް ވެސް ރަސްދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު، ރޭގެ ވަގުތެއްގައި މާލެ ގެނެސް އައިޖީއެމްއެޗުގައި ދެމީހުންނަށް ވެސް ފަރުވާ ދެމުންދާއިރު، ޑޮކްޓަރުން ވަނީ މިހާރު އުންމީދު ކަނޑާލައިފައެވެ.
ނޯޓް: މި ހާދިސާގެ ޚަބަރު ރިވާޔާ ނޫހުން ފުރަތަމަ ގެނެސްދިންއިރު، އެއީ ދެމަފިރިން ކަމަށް ބުނެވިފައިވަނީ މަޢުލޫމާތުގެ ކުށަކުންނެވެ.