ފަލަސްޠީނުގެ ރައްޔިތުން ޣައްޒާއިން ބޭރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖޭން ކުށްވެރިކޮށްފިއެވެ.
ދިވެހި ޚާރިޖިއްޔާއިން ބުނީ ފަލަސްޠީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަޤްޞަދުގައި އޭޖެންސީއެއް ޤާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިޢުލާނާއި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުޤާނޫނީ އާބާދީ ހިމެނޭ ސަރަޙައްދު ވަކިކޮށް، އެ އާބާދީތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ ފަލަސްޠީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަށް، ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޤަރާރު 2334 އާ މުޅިން ޚިލާފު އަމަލުތަކެއްކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރަމެވެ. އަދި މިފަދަ އަމަލުތަކަކީ ޞުލްޙައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެކެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ޤާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ދެކޭ ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ފަލަށްޠީނުގެ ބިންތައް ފޭރެމުން އެ ޤައުމު ހިޞާރު ކުރަމުން އަންނަ ޒަޔަނިސްޓް ޔަހޫދީން އެންމެ ފަހުން ޣައްޒާގައި ޤަތުލުއާންމެއް ފަށާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިޤަތުލުއާންމުގައި މިއަދާ ހަމައަށް 62 ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްފައެވެ. އޭގެތެރެއިން 14،000 މީހުންނަކީ ބޮންއަޅާ ބިމާ ހަމކޮށްފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ އެމީހުން ސަލާމަތް ނުކުރެވުމުގެ ސަބަބުން މަރުވެފައިވާ ކަމަށް މިހާރު ޣައްޒާގެ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މީހުންނެވެ.