ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ކަސްޓަމްސްގެ ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ދެ މީހަކު ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ ކަސްޓަމްސް އިން ފުލުހުންނަށް ހުށަހެޅީ އިއްޔެއެވެ.
މި މައްސަލާގައި ކަސްޓަމްސްއިން ރޭ ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް އެ އޮފީހުން ތަހުޤީޤުކުރަމުން ދާ ކަމަށެވެ.
މި މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުޙުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކުރި ކަމަށެވެ. އެއީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، 45 އަދި ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، 38 ކަމަށެވެ. ޔޫސުފް ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ.
ނަޒީރަކީ ފުލުހެއް ކަމަށް ވާތީ، ރޭގައި ހައްޔަރު ކުރުމާ އެކު، ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށާ އަދި ފުލުހުންގެ އިޖުރާއަތުގެ ތެރެއިން މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ފުލުހުންގެ އިސްވެރިއަކު ވަނީ ވިދާޅުވެފައެވެ.