ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 24 ޙާފިޡުންނަށް ވަނީ ދަސްވެނިވެފައެވެ.
މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކީރިތި ޤުރުއާނަކީ އަމަލީ ފޮތެއް ކަމަށާއި އެއީ ހަމައެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތެއް ނޫން ކަމަށެވެ. އަދި އަމަލީގޮތުން އުޅުންތައް ބައްޓަންކުރަންޖެހޭނީ އެފޮތުގައިވާ ގޮތަށްކަން ފާހަގަކުރައްވާ ރައީސް ވަނީ މުޖުތަމައުގައި މިއަދު ކަންކަން ހުރީ ކިހިނަކުންތޯ ސުވާލު އުފައްދަވާފައެވެ.
"އެކަކުގެ އަނެކަކުގެ އަބުރަށް އަރައިގަންނަނީ، ދޮގު ވާހަކަތައް ފަތުރަނީ، ދެބައޮޑުވަނީ އަޅުގަނޑުމެންގެ ތެރޭގައި ގޯސް ހުރިހާ އާދައެއް އެބަހުރި. ޤުރުއާނުގައި ދުރަށްދާން ޖެހޭ ހުރިހާ އާދަތައް އެބަހުރި، ވިސްނާލަންޖެހޭ، ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ވެސް އަބުރަށް އަރައިގަންނަނީ، ކުޑަ ޖަމާއަތުގެ ތެރޭގައި އިންސާނީ ކަރާމާތަށް އަރައިގަންނަނީ، އެޔެއް ނޫން ޤުރުއާނުގައި އަންގަވާފައިވާ ގޮތަކީ އަޅުގަނޑުމެން އެބެޖެހޭ ޤުރުއާނަކީ ކޮންމެ ދުވަހަކުވެސް އަމަލު ކުރާ ފޮތަކަށް ހަދަން އެހެން ނޫނީ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ މީހަކީ ވެސް ކަރާމާތެއް ލިބިގެންވާ މީހެއް ކަމަށާއި ކޮންމެ މީހަކު ވެސް އަނެއް އިންސާނާއަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ. އަދި މި މުޖުތަމައު ރަނގަޅުވާނީ ތިމަންނަ ފަދައިން އަނެއްމީހާ އަކީ ވެސް ކަރާމަތްތެރިކަން ލިބިގެންވާ މީހެއްކަން ޤަބޫލުކުރެވުނު ދުވަހަކުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރުއާން އުނގަންނައި ދިނުމުގެ އަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނެސްފައެވެ. ހަމައެއާއެކު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ހުޅުމާލޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު މި ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރުއާން"ގެ ނަމުގައި ޚާއްޞަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރުއާނުގެ ފަންނާ ހުނަރު ތަރައްޤީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުން ޤުރުއާނިލް ކަރީމް" ގެ ނަމުގައި ޕްރްގުރާމެއް ކުރިއަށް ގެންދެއެވެ. އަދި މި ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.