ޤުރުއާން ހިތުދަސް ކުރުމުގެ މަޝްރޫޢުތައް ފުޅާ ކުރައްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރައްވާނެކަމަށާ ރާއްޖޭގެ ތާރީޚުގައި މިއަދު ލިޔެވިގެންމިދާ ޞަފްހާއަކީ ކުރިއަށް އޮތް ޖީލަށް އިސްލާމީ ހަޟާރަތާއި އިސްލާމީ އަޤީދާ ފޯރުކޮށްދޭނެ ވަރުގަދަ ވާހަކަތަކެއްކަމަށެވެ.
އެގޮތުން ރައީސްގެ އިރުޝާދުގެ ދަށުން އެމަޝްރޫޢުތައް ފުޅާކުރުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި ރާއްޖޭގައި އިސްލާމީ މަރުކަޒެއް ޤާއިމްކޮށްފައިވާ ކޮންމެ ރަށެއްގައި މި މަޝްރޫޢު އިތުރަށް ފުޅާކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި އިސްލާމީ މަރުކަޒު ޤާއިމްކޮށްފައި ނުވާ ރަށްރަށުގައިވެސް މިސްކިތްތަކުގައި މި މަޝްރޫޢު ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ސަރުކާރުގެ އިދާރާތައް ފިޔަވައި އަމިއްލަ ފަރާތްތަކުން ހިންގާ ޤުރުއާން ކްލާސްތަކުގައިވެސް ހިތުދަސްކުރުމުގެ މަޝްރޫޢުތަކަށް އެ ވުޒާރާއިން ހުރިހާ ގޮތަކުން އެހީތެެރިކަން ފޯރުކޮށްދެއްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން ވަޞީލަތްތަކާއި މާލީ އަދި އެހެނިހެން ގޮތްގޮތުންވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއީ މި ޤައުމަށް ބޭނުން ޖެހިފައިވާކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އިސްތިރާޖީ ވަރުގަދަ ޕްލޭންތަކެއްގެ ތެރެއިން މިކަންކަން ކުރިއަށްގެންދެވޭނެކަމަށެވެ.
އަދި ސަރުކާރުން ކުރައްވާ މި މަސައްކަތްތަކަށް ރައްޔިތުންގެ ބައިވެރިވުން ބޭނުންވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ޚާއްސަ ޤައުނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ވަޒީރު ވިދާޅުވީ ޤައުންއާއި ތާކިހާ ވަކި އުޞޫލެއްގެ ދަށުން މިލްކުކުރެވޭނެކަމަށެވެ.