މިއަންމާއަށް އައި ބިންހެލުމުގެ ގެއްލުންތައް. 28 މާރިޗް 2025

މިޔަންމާ ބިންހެލުން- މިހާތަނަށް ބެލިބެލުމުން ތައިލެންޑްގައި ތިބި ދިވެހީންގެ ޙާލު ރަނގަޅު: ޚާރިޖިއްޔާ

މިއަދު، ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، ދިވެހި ޚާރިޖިއްޔާއިން ގެންދަނީ އެ ދެ ޤައުމުގެ ޙާލަތު ކައިރިން ބަލަމުން ކަމަށާ  މިހާތަނަށް ބެލިބެލުމުން ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ޙާލު ރަނގަޅުކަމަށްދިވެހި ޚާރިޖިއްޔާއިން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން ބުނީ ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ޚާރިޖީ ވުޒާރާއިން ބުނީ މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ވަނީ ކުއްލި ޙާލަތު އިއުލާނު ކޮށްފައެވެ.

"ވުމާއެކު، އެ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން މިކަމާ ގުޅިގެން އަންގާ އެންގުންތަކަށްސަމާލުވެ އެއާ އެއްގޮތަށް ޢަމަލު ކުރުމަށް، އެ ދެ ޤައުމުގައި ތިބި ދިވެހި ރައްޔިތުންނަށް މި މިނިސްޓްރީން އިލްތިމާސްކުރަމެވެ." ދިވެހި ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

މި ކާރިސާއާ ގުޅިގެން، ތައިލެންޑްގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް ބޭފުޅަކު އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ނުވަތަ އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުއްވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

އަދި މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާނަމަ، އަދި އެ ބޭފުޅަކަށް އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ތިރީގައިވާ ނަންބަރުތަކަށް ގުޅުއްވުމަށް ވެސް އެދިފައިވެއެވެ. އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+ މިނިސްޓްރީ ހޮޓްލައިން ނަންބަރު:9607983400+

މިޔަންމާއަށް އައި މި ބިންހެލުމާއި ގުޅިގެން ތައިލެންޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި މި ބިންހެލުމުގައި ތައިލޭންޑުން ވެސް ކޮންމެވެސް ވަރަކަށް މީހުން މަރުވެފައިވާއިރު މިޔަންމާއިން ވަނީ ގިނަ ބަޔަކު މަރުވެފައެވެ.

މި ބިންހެލުމުގެ އަސަރުކުރި ޤައުމުތަކުގެ ތެރޭގައި ބަންގުލަދޭޝް، އިންޑިއާ، ލާއޯސް، މިޔަންމާ، ތައިލޭންޑް އަދި ޗައިނާ ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!