ރަމަޟާންމަހު ސުކޫލްތައް ބަންދު ކުރެވޭތޯ ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ލަފާފުޅާމެދު މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއިއެކު މަޝްވަރާކުރަން ނިންމަވާފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތްތާގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަހު ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަށް ދަންނަވާފައި ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މަހުގެ 27 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން މީސްމީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެއްވާފައިވާ ލަފާފުޅާމެދު ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއިއެކު، 2025ގެ ދިރާސީ އަހަރު ފެށުމުން މަޝްވަރާކުރަން ނިންމަވާފައިވާ ކަމަށެވެ.
ވަޒީރުގެ މެސެޖްގައި ވިދާޅުވީ، ރޯދަމަހުގައި ކިޔެވުން ބަންދުކުރުމަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ، އެއީ ކުރެވިދާނެ ކަމެއްތޯ ބެއްލެވުމަށް ދެއްވާފައިވާ އިރުޝާދާއި ގުޅިގެން ބައެއްފަރާތްތަކުން މިކަމާއިގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.
ރޯދަމަހު ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ ރޯދަމަހުގެ ފަހު 10 ބަންދުވުމުން، އެދުވަސްތައް އުނިކޮށް ރޯދަމަހުގެ ބާކީ ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަސް ކަމަށާ މި 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެންމަސްތަކުގެ 6 ދުވަހުގެ ކިޔަވައިދިނުން ކަމަށެވެ.
ވަޒީރު ވިދާޅުވީ ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުން އެދިފައިވަނީ މަދު ވަގުތުތަކަކަށް އިސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ޤަވާޢިދުން އިސްކޫލަށް ޙާޟިރުނުވުމާއި މުދައްރިސުންގެ ތެރެއިންވެސް ބައެއް މުދައްރިސުން އާންމު މަސްތަކާއި ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ ޢާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާތީއާއި އަދި މިކަންކަމުގެ ސަބަބުން ކިޔަވައިދިނުން އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ރޯދަމަހުގެ ދުވަސްތަކުގައި ޢާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން އިސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެއެވެ. އަދި މީގެ އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް ގެންދެވިދާނެ ކަމަށެވެ.
މިފަދަ ބަދަލެއް ގެނައި ކަމުގައިވިޔަސް، ބައިނަލްއަޤުވާމީ އިމްތިޙާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އަދި މި ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް ނުކުންނަވާނެ ކަމަށާ މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަގޮތަށް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުން ކަމަށާ މިގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރު މަހުން ފެށިގެން ކަމަށް ވެސް ވަޒީރުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.