ރައްޔިތުންނަށް އެދެވޭ ވަރުގެ ޚިދުމަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކޮށް ނުދެވިގެން އުޅެނީ އެހެން ހުރިހާ ސަރުކާރުތަކަށްވުރެ މި ސަރުކާރުގައި ވަައްކަން ބޮޑުވުމުންކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ވައްކަމާ ކޮރަޕްޝަން އިންސާފުވެރިކޮށް ބެލިއްޖެނަމަ ބިޑި އެޅުވޭނީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަތްފުޅުގައިކަމަށެވެ. އަދި ދީނަށް ނަސްރު ހޯދައިދެއްވުމަށް ބޭނުންފުޅުވާނަމަ ރައީސްގެ މައްޗަށް ކުރެވޭ ތުހުމަތުތައް މިނިވަންކޮށް ތަޙްގީގުކުރަން ފުރުޞަތު ދޭނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ދީނީ ކާޑު ކުޅެން އުޅެނީ ހީލަތްތެރި ތޮގަކަށް ކަމަށާއި ހަމައެކަނި ނޫމަޑީގެ މައްސަލައަށް ބެލުމުންވެސް ޙައްގަށް ލޯބިކުރާ ބަޔަކު ބިރުން ފިއްކަޑައިގެން ދާނެކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
އެގޮތުން ޑރ. ޖަމީލް ވަނީ 848 މިލިއަން ރުފިޔާ ރައްޔިތުންގެ ބައިތުލް މާލުން ބާތިލް ގޮތުގައި ނޫމަޑިން ދަމައިގަތީ ރައީސް މުއިއްޒުދިން ދޮގުހެކިބަހުންކަން ޑރ ޖަމީލް ފާހަގަ ކުރެއްވާފައެވެ.
އެޗްޑީސީގެ ބޮޑު ކޮރަޕްޝަންގެ ތުހުމަތުވާ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދާއި ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިނިވަންކޮށް ހުރުމުން އެކަމާއި ޑރ ޖަމީލް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
އެގޮތުން ފަޒުލް މިނިވަންކޮށް މިއަދު ހުރީ ރައީސް މުއިއްޒަށް ބައި އެޅިގެން ވައްކަން ކުރީމަ ކަމަށާއި މުއާޒުގެ މައްޗަށް ތަހުގީގު ނުހިންގިގެން އުޅެނީ ދިން އިންޒާރެއްގެ ސަބަބުންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުއިއްޒުގެ ޅިޔަނު އަދި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝެއިޚް މުހައްމަދު ލަތީފްވެސް ކުރިން މިފަދަ އަމަލުތައް ހުއްދަ ނޫންކަމަށް ވިދާޅުވާކަމަށް ވިދާޅުވެ މިއަދު އެހުންނެވީ މުއިއްޒުގެ މައުތުޕީސް ގޮތުގައި ވަޒީފާއަށްޓަކައި މިފަދަ ކަންތަކުގައި ޙައްގު ބަސްވިދާޅުވުން ދޫކޮށްލަައްވައިގެންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ރައީސް މުއިއްޒުއަށް ކުރެވޭ މިފަދަ ތުހުމަތު ތަކަށް ސަރުކާރުން އެއްވެސް ޖަވާބެއް ނުދެއްވައި ހަނުތިއްބަވާކަން ފާހަގަ ކޮށްލެވެއެވެ.