ގައުމީ އެއާލައިން މޯލްޑިވިއަން އިން މުއްދަތު ހަމަވެފައިވާ ޖޫސް އަދި ފެން ޕެކެޓް ފަސިންޖަރުންނަށް ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ރޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިޔާގެ ޓްރިވެންޑްރަމްއަށް ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓް Q2708 ގައި ދަތުރުކުރި ފަސިންޖަރުންނަށް މުއްދަތު ހަމަވެފައިވާ ޖޫސް އަދި ފެން ޕެކެޓްތަކެއް ދީފައިވާ ކަމަށެވެ.
މި މައްސަލަ ފާހަގަކުރެވުނީ އެއް ފަސިންޖަރަކު ޕެކެޓެއްގެ މުއްދަތު ހަމަވެފައިވާކަން ފްލައިޓް ކްރޫއަށް އެންގުމާ ގުޅިގެންނެވެ.
މިކަން ސަމާލުކަމަށް އައުމާއެކު، ކެބިން ކްރޫއިން ވަނީ ޕެކެޓްތައް ބުއި ހުރިހާ ފަސިންޖަރުންގެ ކިބައިން މަޢާފަށް އެދިފަ އެވެ. އަދި ޕެކެޓްތައް ނުބޮއެ ތިބި މަދު ފަސިންޖަރުންގެ އަތުން އެ ޕެކެޓްތައް ނަގާފައިވެ އެވެ. މިކަމުގެ މޯލްޑިވިއަންއިން އަދި އެއްޗެއް ބުނެފައި ނުވެއެވެ.
ބޮޑު އަގުގައި ދަތުރުކުރާ ފަސިންޖަރުންނަށް އާއްމުކޮށް މޯލްޑިވިއަނުން ދަތުރުކުރާ ފަސިންޖަރުންނަށް ދެނީ ވަރަށް އާދައިގެ ޖޫސް ޕެކެޓްތަކެކެވެ.
މޯލްޑިވިއަން އިން ދޭ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ޝަކުވާ ގިނަ ބަޔަކު އަބަދުވެސް ކުރެ އެވެ.