ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމީހުންގެ ތެރެއިން އަންހެންމީހާ ނިޔާވެއްޖެއެވެ.
މި ހާދިސާގައި ފިހިފައިވަނީ އުމުރުން 31 އަހަރުގެ އަންހެނަކާ ފިރިހެނެކެވެ. މީގެތެރެއިން އަންހެން މީހާ ރޭ އިރާކޮޅު ނިޔާވިއިރު، މި ހާދިސާގައި ފިހުނު ފިރިހެން މީހާގެ ޙާލު ވެސް ސީރިއަސް ކަމަށާ އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދީފައިވެއެވެ.
މި ދެމީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައި ވަނީ ރަސްދޫ ހޮސްޕިޓަލުގައެވެ.
މި ދިޔަ މާރިޗް މަހު 27 ގައި ހިނގި މި ހާދިސާ ހިނގާފައި ވަނީ އަންހެން މީހާ ދިރިއުޅޭ ކޮޓަރީގައެވެ. މި ހާދިސާއާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާއިރު، މި ހާދިސާގައި އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ %83 އަދި ފިރިހެން މީހާގެ %78 ވަނީ ފިހިފައިވާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ރަސްދޫ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ދެމީހުންނަކީ ކުރިން އިނދެގެނ އުޅުނު ދެ މީހުންނެވެ. އަދި އެ ދެމީހުންގެ 5 އަހަރުގެ ތުއްތު ދަރިއެއް ވެސް ހުންނަ ކަމަށާ ނަމަވެސް އެ ހާދިސާ ހިނގިއިރު، އެ ދަރިފުޅު އެގޭގައި ނެތް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.