ރ. މަޑުއްވަރި

މަޑުއްވަރީގައި ދެބެއިންގެ މެދުގައި ހިންގި މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފި!

ރ. މަޑުއްވަރީގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މި މާރާމާރީ ހިންގާފައި ވަނީ ދެބެއިންގެ ދެމެދުގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދެބެއިންނަކީ އެއް ގެއެއްގައި ދިރިއުޅޭ އެއްބަނޑު އެއްބަފާ ދެ މީހުންނެވެ.

މި މާރާމާރީގައި ހަމަލާ ދިން އިސްމާޢީލް އާސިފަކީ މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ހައްޔަރުކޮށް ދޫކޮށްލާފައިވާ މީހެއް ކަމަށާ އޭނާގެ ނަފްސާނީ މައްސަލަތަކެއް ވެސް ހުންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 އިސްމާޢީލް އާސިފަކީ މީގެ ކުރިން، 2019 ވަނަ އަހަރު ލަނޑާ ނަގާ ދޯންޏެއްގައި މީހަކަށް ވަޅިން ހަމަލާ ދިން މައްސަލާގައި ޖަލަށްލީ  މީހެކެއެވެ. އެފަހަރު ދިހަ އަހަރަށް ޖަލަށްލާން ޙުކުމް ކުރި ނަމަވެސް ފަހުން ވަނީ އޭނާ ޖަލުން ދޫކޮށްލައިފައެވެ.

ފުލުހުންނަށް މި މާރާމާރީގެ ރިޕޯޓު ލިބުނީ ރޭ 11:28 ހާއިރު ކަމަށާ އެ މައްސަލާގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ހަމަލާ އަމާޒުވި މީހާގެ ޙާލު ސީރިއަސް ނޫން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

advertisement
ހިޔާލު ދެއްވާ!