ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ 2025. ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި!

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށާ، އެ މަޖިލީހުގެ ކުރީގެ މެމްބަރުންނަށް ދޭ ޢިނާޔަތް ކަނޑާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

މި ޕެޓިޝަންގައި ބުނެފައިވަނީ އިޤްތިޞާދަށް މާލީ ގޮތުން ބޮޑު ބުރައެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި މެމްބަރުންނަށް ދޭ ބޮޑު މުސާރަ އާއި ކޮމެޓީ އެލަވަންސް އަދި ޕްރިމިއަމް ހެލްތު އިންޝުއަރެންސްއަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ ދަރަނި ބަޖެޓް ޑެފިސިޓް އިތުރުވުން ފަދަ އިޤްތިޞާދީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތީ ސަރުކާރުގެ ބޭކާރު ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވެސް އެ ޕެޓިޝަނަށް ސޮއި ހޯދަން ފެށި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ބުނެފައިވެއެވެ.

އަދި މެމްބަރުންގެ މުސާރައިގެ އިތުރުން ކޮމެޓީ އެލަވަންސާއެކު ޖުމްލަ ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމަށާ އާއްމުންނަށް ލިބޭ އާސަންދައަށް ވުރެ މާ ބޮޑު ޕްރިމިއަމް ހެލްތު އިންޝުއަރެންސް ޕެކޭޖެއް މެމްބަރުންނަށް ލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އެ ޕެޓިޝަންގައިވެއެވެ.

އެ ޕެޓިޝަންގައި ވަނީ މެމްބަރުންގެ މުސާރަ ކުޑަކުރުމުގެ އިތުރުން ކޮމެޓީ އެލަވަންސާއި ޕްރިމިއަމް ހެލްތު ޕެކޭޖު އުވާލައި ހަމައެކަނި އާސަންދަ ނިޒާމު ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން ކުރީގެ މެމްބަރުންގެ އިނާޔަތްތައް ވެސް ހުއްޓާލައި، މިހާރަށް ވުރެ ޒިންމާދާރުކަމާއެކު ރައްޔިތުންގެ ފައިސާއިން ޚަރަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ޕެޓިޝަންގައި އިލްތިމާސްކޮށްފައިވެއެވެ.

2014 ޖޫން މަހުން ފެށިގެން ޢަމަލުކުރަންފެށި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގެ ދަށުން ކުރީގެ މެމްބަރުންނަށް މާލީ ޢިނާޔަތް ދެނީ މަޖިލީހުން ވަކިވުމަށް ފަހު އަދި އެ މެމްބަރަކަށް 55 އަހަރު ފުރުމުންނެވެ. އެގޮތުން އެއް ދައުރު އަދާކޮށްފައިވާނަމަ މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު އަދާކޮށްފައިވާ މެމްބަރުންނަށް މުސާރައިގެ 45 ޕަސެންޓް ޚިދުމަތުގެ އިނާޔަތުގެ ގޮތުގައި ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މުސާރައިގެ ގޮތުގައި މަހަކު 62،000ރ. އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000ރ. އާ އެކު މަހެއްގެ މައްޗަށް 82،500ރ. ލިބެއެވެ.

advertisement
ހިޔާލު ދެއްވާ!