މާލެއާ ތ. އަތޮޅާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓު" ގައި މިރޭ އަލިފާން ރޯވެ މުޅި ބޯޓު އަނދާ ހުލިވެފައިވާއިރު އެ ބޯޓުން ދަތުރުކުރި ޒުވާން ފަޅުވެރިޔަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ސިފައިން ވިދާޅުވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ސިފައިން ވިދާޅުވީ "ހޮޅުދޫ ބޯޓް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސިފައިން ހިއްސާ ކުރައްވާފައިވާ ވީޑިއޯއިން ފެންނަނީ މުޅި ބޯޓުގައި އެއްކޮށް ރޯވެ އަނދަމުންދާ މަންޒަރެވެ.
ހޮޅުދޫ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 17 މީހުން ސަލާމަތްކޮށްފައިވާއިރު މި ހާދިސާގައި ގެއްލިފައިވަނީ މާވަށަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ކަމަށް ސިފައިން ވަނީ ވިދާޅުވެފައެވެ. ސިފައިން ވިދާޅުވީ އޭނާ ހޯދުމުގެ މަސައްކަތް ސިފައިންނާ އެ ސަރަހައްދުގެ ދޯނިތަކުން ކުރަމުން އަންނަ ކަމަށެވެ.
އެ ބޯޓުގައި ރޯވީ ތ ހިރިލަންދޫން ފުރައިގެން މާލެއަށް ދިއުމަށް ދަތުރު ކުރަނިކޮށް ކަނޑޫދޫ ދިމާ ބޭރުން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަލިފާން ރޯވިއިރު ބޯޓުގައި 18 މީހުން ތިބިއިރު، އޭގެތެރޭގައި 11 ދިވެހިންނާ 7 ބިދޭސީން ތިބިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ބޯޓުން ސަލާމަތްކުރި މީހުންގެ ތެރެއިން ދެ މީހަކަށް ތ. ކަނޑޫދޫ ސިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނައިރު، އޭގެތެރޭގައި ދިވެއްސަކާ ބިދޭސީއެއް ހިމެނޭ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އަދި މީގެތެރެއިން ދިވެހި މީހާގެ ޙާލު ސީރިއަސް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި ބޯޓުގައި އަލިފާން ރޯވަން ދިމާވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.